ރަމަޟާން މަސް ގާތްވަމުން އަންނައިރު ކޮންމެ މުސްލިމަކުވެސް ހުންނާނީ ވީހާ ގިނައިން ރޭއަޅުކަންކުރަން ހިތުލައިގެންނެވެ. އެކަމަށް ޤަޞްދުކޮށްގެންނެވެ. ނަމަވެސް ރަމަޟާން މަސް ބައްދަލުވުމުން ރޭއަޅުކަން ކުރެވެނީ ނިޞްބަތުން މަދު ބައަކަށެވެ.
އެކަން އެގޮތަށްވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ރޭއަޅުކަން ކުރަން ކުރިއާލައި ހަށިގަނޑު ތަރުބިއްޔަތުނުކުރެވޭކަމެވެ. ރަނގަޅު ގޮތުގައި ހަށިގަނޑު ތަރުބިއްޔަތުކުރެވޭނީ ކުރިއާލައި ރޭއަޅުކަންކުރަން ފަށައިގެންނެވެ.
ވީމާ މިހާރު ރޭއަޅުކަން ނުކުރެވޭ މީހުން އެންމެ 2 ރަކްޢަތުން ނަމަވެސް އަވަހަށް ރޭއަޅުކަންކުރަން ފަށާށެވެ! ފަށައިގަންނައިރު މުހިންމޫ ދިގުސޫރަތްތައް ކިޔެވުމެއްވެސް ނޫނެވެ. އެންމެ މުހިންމު ކަމަކީ ފަށައިގަތުމެވެ. އިޚްލާޞް ސޫރަތާއި އަލްފަލަޤް ސޫރަތްކިޔަވައިގެން ނަމަވެސް އަވަހަށް ރޭއަޅުކަން (ތަހައްޖުދު ނަމާދު) ކުރަން ފަށާށެވެ!
ތިމާއަކީ ރޭއަޅުކަން ކުރަން ޝައުޤުވެރިވާ މީހަކުކަމަށްވުމަކީ އެއީއެވެ. ކިތަންމެ ގިނަ ހެޔޮކަންތަކެއް ކުރަންވެސް ހިތަށް އެރުވިދާނެއެވެ. ހިތަށް އެރުވޔުމަކުން އަދި ނުފުދެއެވެ. ފައިޑާކުރާނީ އެކަމެއް ކުރުމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން