ބައިވެރިޔާ މާފަށް އެދުމުން މާފުކުރާށެވެ! އިޞްލާޙްވެ އެންމެ ހެޔޮލަފާ މީހުންނަށްވެ ނަމޫނާ ދެއްކި މީހުން މަދެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބައިވެރިޔާ މާފަށް އެދުމުން މާފުކުރާށެވެ! އިޞްލާޙްވެ އެންމެ ހެޔޮލަފާ މީހުންނަށްވެ ނަމޫނާ ދެއްކި މީހުން މަދެއް ނޫނެވެ!

ދިރިއުޅެމުންދާއިރު ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. އެކުށަކީ ކިތަންމެ ބޮޑު ކުށަކަށްވެސް ވެދާނެއެވެ. ކުށެއް ކުރެވިއްޖެކަން ބައިވެރިޔާއަށް ޤަބޫލުކުރެވި މާފަށް އެދިއްޖެނަމަ އޭނާއަށް ކުރެވުނު ކުށުގެ ކުޑަބޮޑުމިން ބަލަން މިންއަޅަން ނުއުޅޭށެވެ! އޭނާއަށް ކުށެއް ކުރެވިއްޖެކަން ވިސްނުނުކަން އެއީ މާބޮޑު ހެޔޮ ކަމެކެވެ. 

މިތަނުގައިވެސް ޛިކުރްކޮސްލާނަމެވެ. ޙަދީޘްފުޅުގައި އޮތީ ކޮންމެ އާދަމްގެ ދަރިއަކީވެސް ފާފަކުރެވޭނެ މީހެއް ކަމަށެވެ. އަދި އެންމެ ހެޔޮކަންބޮޑު މީހަކީ ތައުބާވާ މީހާ ކަމަށެވެ. ވީމާ ކޮންމެ މީހަކީވެސް ކުށެއް ކުރެވިދާނެ މީހެކެވެ. އެކަން ވިސްނި މާފަށް އެދިއްޖެނަމަ އެމީހަކު އެވަނީ އެންމެ ހެޔޮކަން ބޮޑު މީހުންގެ ތެރެއިންކަމަށް ޤަބޫލުކުރަން ފަސްނުޖެހޭށެވެ! 

ބޭވަފާތެރި، ހަރުކަށި، އަނިޔާވެރި ފިރިން އެންމެ އޯގާތެރި ވަފާތެރި ފިރިންނަށް ބަދަލުވެފައިވަނީ މަދަކުންނޫނެވެ! ހަމައެފަދައިން ހައްދުފަހަނައަޅައިދާ އަނބިންވެސް އިޞްލާޙްވެ އެހެން އަންހެނުން އިޞްލާޙްކުރާ މީހުންނަށްވެފައިވަނީވެސް މަދަކުން ނޫނެވެ! 

މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާ މީހުން ތައުބާވެ ޢާއިލީ ދިރިއުޅުމުގައި ނަމޫނާ ދައްކާފައިވެއެވެ. މުޖުތަމައުއަށާއި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައިވެސް ނަމޫނާ ދައްކާފައި އެބަހުއްޓެވެ. ވީމާ އެއްވެސް މީހަކަށް ތެދުމަގު ފެނި އިޞްލާޙްވާނީ ކޮން އިރަކުކަމެއް އެކަކަށްވެސް ނުއެނގޭނެއެވެ. އަދި އިޞްލާޙްވާނީ ކޮން ސަބަބެއް މެދުވެރިވެގެން ކަމެއްވެސް ނުއެނގޭނެއެވެ. 

ޒަވާޖީ ޙަޔާތް ކާމިޔާބު ކުރެވުމުގެ އެންމެ މުހިންމު އަސާސަކީ އެކަކު އަނެކަކަށް މާފުކުރަން ކެރުންކަން ޤަބޫލުކުރާށެވެ! އެއިރުން ހުރިހާ ކަމެއްވެސް ޙައްލުވާނެއެވެ! އުފާވެރިކަންވެސް ލިބޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން