ރަމަޟާން މަސް އައުމުން ރޯދަވީއްލުން ދެނީ ގާތްތިމާގެ ގުޅުމާއި އެކުވެރި ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައެވެ. ވިސްނާލަންވީ ބަދަހިކުރަންޖެހޭ އެންމެ ވަރުގަދަ ގުޅުމަކަށް ހަދަންޖެހޭނީ ތިމާ އާއި ރޯދައާއި އޮންނަ ގުޅުންކަމެވެ. ރޯދަމަހާއި އޮންނަ ގުޅުންކަމެވެ. ޖަމާޢަތުގައި ނަމާދުކުރުމާއި އޮންނަ ގުޅުންކަމެވެ.
ތަނަވަސްކަން ހުރިނަމަ އަގުބޮޑު ހޮޓާތަކާއި ރެސްޓޯރަންޓުތަކުގައި ރޯދަވީއްލުން ދިނުމުގެ ބަދަލުގައި ޢާއިލާގެ ތެރެއިން ދަތިޙާލުގައި ތިބި މީހުންނަށް ދޭށެވެ. ރަމަޟާން މަސް އައުމުގެ ކުރިން މާހެފުން ބާއްވާށެވެ! ޢީދުގައި އެންމެން އެކުގައި އުފާކުރާށެވެ! ރަމަޟާންމަހު ސަމާލުކަންދޭންވީ އަޅުކަންކުރުމަށެވެ.
ޢާއިލާގައި ތިބޭ ތަނަވަސްމީހުންނާއި އެކުވެރިންގެ ތެރެއިން ތަނަވަސްމީހުން ދޭ ރޯދަވީއްލުންތަކުގައި ބައިވެރިނުވެ ދެކޮޅުހަދަން އުނދަގޫވާނެއެވެ! ތަނަވަސް މީހާ ވިސްނާލަންޖެހޭނީ ތިމާގެ ސަބަބުން ބައެއްގެ ޖަމާޢަތުގެ ނަމާދު ގެއްލިއްޖެނަމަ ދެންވާނެ ގޮތަކާއިމެދުގައެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޢާއިލާގެ ވަރަށް ގާތް ބައެއް މީހުން ވެސް މަޣްރިބް ނަމާދު ގެއްލޭ ގޮތަށް ރޯދަ ވީއްލުން ދެއެވެ. އެޙާލަތުގަ ޢަމަލުކުރަންވީ ގޮތަކީ ކޮބައިތޯ؟
ކިޔުންތެރިޔާގެ މިސުވާލުގެ ޖަވާބުގައި ދެންނެވެން އޮތީ ފިރިހެނަކު ނަމަ އެންމެ ރަނގަޅު ގޮތަކީ މަޣްރިބް ނަމާދު މިސްކިތުގެ ޖަމާޢަތުގައި ކޮށްގެން ރޯދަވީއްލުމުގައި ބައިވެރިވުމެވެ. އަންހެނުންނަމަ ނަމާދުކުރެވޭހައި ވަގުތު އޮއްވައި ގެއަށް ގޮސް މަޣްރިބްނަމާދުކުރަންވާނެއެވެ. ތަރާވީޙް ނަމާދަށް މިސްކިތަށްދާ މީހަކު ނަމަ ވަގުތު އޮއްވައި މިސްކިތަށް ދެވޭހާއިރު ލައިގެން ގެއަށްގޮސް މިސްކިތަށްދާންވާނެއެވެ.
ރާއްޖޭގައި ހޮޓާތަކުގައި ނަމާދުކުރެވެން ހުންނަނީ ވަރަށް މަދު ހޮޓަލެއްގައެވެ. ނަމަވެސް މިސްކިތްތައް ހުންނަލެއް ކައިރިކަމުން މިސްކިތުގައި ނަމާދުކޮށްލައިގެން ގޮސްވެސް ބައިވެރިވެވިދާނެއެވެ.
ހަމައެޢާއިއެކު މަޣްރިބް ނަމަދާއި ޢިޝާނަމާދުގެ ވަގުތު ކައިރިކަމުން ދެމެދުގައި ލިބޭނީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެކެވެ. ވީމާ ރޯދަވީއްލުން ނިމިގެން ވާހަކަދެއްކުން ފަދަ ކަންކަމުގައި ވަގުތު ނަގާނުލައި ވީހާ ކުރުކުރުން ރަނގަޅުވާނެއެވެ.
ގާތް މީހުންނަށް ރޯދަވީއްލުން ދިނުމަކީ ރަނގަޅުކަމެއް ނަމަވެސް މިބަޔާންކުރި ކަންކަމަށް ވަރަށް ބޮޑަށް ބަލަންވާނެއެވެ. ނަމަނަމަ މަޣްރިބް ނަމާދު ޖަމާޢަތުގައި ކުރަން ހުރަސް އެޅޭނެ ގޮތަށް ރޯދަވީއްލުންތައް ނުބާއްވާށެވެ! ބޭއްވިޔަސް ބައިވެރި ނުވާށެވެ! ރަމަޟާން މަހުގެ ހުރިހާ ނަމާދުތަކެއްވެސް ޖަމާޢަތުގައި ކުރަން ގަދައަޅައި ސައްކަތްކުރަންވާނެއެވެ. އެންމެ މުހިންމު ކަމަކީ އެއީއެވެ. މަޣްރިބް ނަމާދަށްފަހު ރޯދަ ވީއްލުމެއް ބޭއްވި ނަމަވެސް ޢިޝާ ނަމާދަށް ދެވޭހައި ވަގުތު އޮއްވައި ނިންމައިލާށެވެ!
މިލިޔުންވެސް ކިޔައިލާށެވެ!
https://miadhu.mv/article/read/4264145