ތަރާވީހް ނަމާދާބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކުގެ ޖަވާބާ ތަރާވީޙް ނަމާދުކުރާނެ ގޮތް- 3

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 51ސ
ތަރާވީހް ނަމާދާބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކުގެ ޖަވާބާ ތަރާވީޙް ނަމާދުކުރާނެ ގޮތް- 3

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (من قام مع الإمام حتى ينصرف كُتب له قيام ليلة) "އިމާމު މީހާ ނިމެންދެން އޭނާ އާއި އެކުގައި ބައިވެރިވެއްޖެ މީހަކަށް މުޅިރޭ އަޅުކަން ކުރުމުގެ ޘަވާބު ދެއްވާނެއެވެ". ބައެއް ބޭފުޅުން ދިހަ ރަކްޢަތްކޮށް ނިމިގެން، ޞަފުތަކުގައި ތިބިގޮތަށް އިށީދެ ތިބޭތަންވެސް ފެނެއެވެ. މީގެ ސަބަބުން ޞަފުތައް ކެނޑިގެންދެއެވެ. އަދި މިބައިމީހުން ވާހަކަ ދައްކާ ހެދުމުގެ ސަބަބުން ނަމާދު ކުރަން ތިބޭމީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ފަހަރުވެސް އާދެއެވެ. ވީމާ، މިހެދެނީ ވަރަށް ބޮޑު ގޯހެއް ކަން ދަންނަންވާނެއެވެ.

އެބޭފުޅުން އެގޮތަށް އެހައްދަވަނީ ރަގަޅު ގޮތް ބޭނުންވެގެން ކަމާއި، އަދި އެމައްސަލާގައި އެބޭކަލުންގެ އިޖްތިހާދަށް ކަމާއި މެދު އަޅުގަޑު ޝައްކެއް ނުކުރަމެވެ. އެހެންނަމަވެސް ކޮންމެ މުޖްތަހިދަކީ ރަގަޅުގޮތް ދިމާވާ މީހާ ކަމުގައި ނުވެވެސް ހިނގައިދާނެކަން ދަންނަންވާނެއެވެ.

ދެވަނަ ބަޔަކީ:  އެގާރަ ރަކްޢަތް ކުރާ މީހުންނާއި މެދު ވަރުގަދަ އަށް އިންކާރު ކުރާ މީހުންނެވެ. މިބައިމީހުން ބުނާ ގޮތުގައި އެގާރަ ރަކްޢަތް ކުރާ މީހުންނަކީ އުއްމަތު ގެ އިޖްމާޢު އާއި ޚިލާފުވެފައިވާ މީހުންނެވެ. މިފަދަ މީހުންނާއި މެދު ކީރިތި ގުރްއާނުގެ ސޫރަތުއް ނިސާގެ 115 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. ( 

وَمَن يُشاقِقِ الرَّسولَ مِن بَعدِ ما تَبَيَّنَ لَهُ الهُدىٰ وَيَتَّبِع غَيرَ سَبيلِ المُؤمِنينَ نُوَلِّهِ ما تَوَلّىٰ وَنُصلِهِ جَهَنَّمَ ۖ وَساءَت مَصيرًا) މާނައަކީ: "އަދި، އެމީހަކަށް ތެދުމަގު بيان ވުމަށްފަހު، رسول އާއާ ދެކޮޅުވެރިވެ، مؤمن ންގެ މަގު ނޫން މަގަކަށް تبع ވާމީހާ (ދަންނާށެވެ!) އެމީހާ اختيار ކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ". އެހެންކަމުން، އެގާރަ ރަކްޢަތް ކުރުމަށް ބުނާ މީހުންނަކީ އުއްމަތުގެ އިޖްމާޢާއި ޚިލާފުވެފައިވާ ބައެއް ކަމުގައި ބުނެއުޅެއެވެ. މިވެސް ގޯހެކެވެ. (އައްޝަރްޙުލް މުމްތިޢު 4/73-75).

ރޭގަޑުގެ ނަމާދުގައި އެގާރަ ރަކްޢަތަށްވުރެ އިތުރު ނުކުރެވޭނެ ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ حديث أبي سلمة بن عبد الرحمن أنه سأل عائشة رضي الله عنها : " كيف كانت صلاة رسول الله صلى الله عليه وسلم في رمضان ؟ فقالت : ما كان يزيد في رمضان ولا في غيره على إحدى عشرة ركعة يصلي أربعا فلا تسل عن حسنهن وطولهن ثم يصلي أربعا فلا تسل عن حسنهن وطولهن ثم يصلي ثلاثا فقلت يا رسول الله أتنام قبل أن توتر قال يا عائشة إن عينيَّ تنامان ولا ينام قلبي " .  

އަބޫސަލަމާ ބިން ޢަބްދިއްރަޙްމާން-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވާ ރިވާޔަތެވެ އެކަލޭގެފާނު ވިދާޅުވިއެވެ. ރަމަޟާން މަހުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޭ އަޅުކަން ކުރެއްވި ގޮތަކީ ކޮބައިތޯ ތިމަންނާ ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ސުވާލު ކުރުމުން ވިދާޅުވިއެވެ. "ރަމަޟާން މަހުގައިވެސް އަދި އެނޫން މައްސަރު ތަކުގައިވެސް އެގާރަ ރަކްޢަތަށްވުރެ އިތުރެއް ނުކުރައްވައެވެ. ހަތަރު ރަކްޢަތް ކުރައްވައެވެ. އެރަކްޢަތްތަކުގެ ދިގުކަމާއި ރިވެތި ކަމާއި މެދު ސުވާލު ނުކުރައްވާށެވެ. އެޔަށްފަހުގައިވެސް ހަތަރު ރަކްޢަތް ކުރައްވައެވެ. އެރަކްޢަތްތަކުގެ ދިގުކަމާއި ރިވެތި ކަމާއި މެދު ސުވާލު ނުކުރައްވާށެވެ. އެޔަށްފަހުގައި ތިން ރަކްޢަތް ކުރައްވައެވެ". ޢާއިޝާ-ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ތިމަންކަމަނާ ދެންނެވީމެވެ. ވިތްރި ނުކުރައްވާ އަވަހާރަފުޅު ލައްޕަވަނީތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ދެލޯފުޅު އަވަހާރަފުޅު ލެއްޕެވި ކަމުގައިވީނަމަވެސް ހިތްޕުޅެއް އަވަހާރަފުޅެއް ނުލައްޕަވައެވެ". މިއީ ބުޚާރީ އާއި މުސްލިމް ގެ ރިވާޔަތެކެވެ.

އެގާރަ ރަކްޢަތަށްވުރެ އިތުރު ނުކުރުމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވަނީ، މި ޙަދީޘުން ދޭހަކޮށްދެނީ ރަމަޟާން މަހުގައިވެސް، އަދި އެނޫން ދުވަސްތަކުގައިވެސް، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޭގަޑުގެ ނަމާދުގައި ކުރައްވާފައިވަނީ އެގާރަ ރަކްޢަތް ކަމަށެވެ.

ނަމަވެސް، ޢިލްމުވެރިން މި އިސްތިދްލާލަށް ރައްދު ދެއްވައި ވިދާޅުވިއެވެ. މިއީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޢަމަލުފުޅެކެވެ. އެކަލޭގެފާނުގެ ޢަމަލުފުޅަކުން ވާޖިބު ކަމަކަށް ދަލީލެއް ނުކުރެއެވެ.

ރޭގަޑުގެ ނަމާދުގައި ވަކި ޢަދަދެއް ކަނޑައެޅިފައިނުވާ ކަމުގެ ދަލީލުތަކުގެ ތެރޭގައި އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހުމާ- ގެ އަންނިވި ޙަދީޘް ހިމެނެއެވެ. (أن رجلا سأل رسول الله صلى الله عليه وسلم عن صلاة الليل فقال رسول الله عليه الصلاة والسلام : " صلاة الليل مثنى مثنى فإذا خشي أحدكم الصبح صلى ركعة واحدة توتر له ما قد صلَّى). މާނައަކީ: "ރޭގަޑުގެ ނަމާދާއި ބެހޭ ގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން މީހަކު ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "ރޭގަޑުގެ ނަމާދު ދެރަކްޢަތުން ދެރަކްޢަތުން ކުރާށެވެ. އަދި ފަތިސްވެދާނެ ކަމަށް ބިރު ހީވެއްޖެނަމަ، ވިތްރި ކުރާށެވެ". މިއީ ބުޚާރީ އާއި މުސްލިމް ގެ ރިވާޔަތެކެވެ.

ފިގްހީ މަޛްހަބް ތަކުގެ ޢިލްމުވެރިން މިމައްސަލާގައި ދައްކަވާފައި ހުރި ވާހަކަތަކަށް ނަޡަރު ހިންގާލިނަމަވެސް، މިކަމަކީ ތަނަވަސްވެގެންވާ ކަމެއްކަމާއި، އެގާރަ ރަކްޢަތަށްވުރެ އިތުރު ކުރުމަކީ މައްސަލައެއް ނޫންކަން ދޭހަވެގެންދާނެއެވެ.

ޙަނަފީ މަޛްހަބްގެ ޢިލްމުވެރިޔެއް ކަމުގައިވާ އައްސަރަޚްސީ-ރަޙިމަހުﷲ- ވިދާޅުވިއެވެ.

"
އަހަރުމެންގެ ގާތުގައި ރޭގަޑުގެ ނަމާދުގެ ޢަދަދަކީ ވިތްރިޔާއި ނުލައި ވިހިރަކްޢަތެވެ". (އަލްމަބްސޫޠު 2/145).

އިބްނު ގުދާމާ-ރަޙިމަހު ﷲ- ވިދާޅުވިއެވެ.


"
އަބޫ ޢަބްދިﷲ (އިމާމު އަޙްމަދު-ރަޙިމަހުﷲ) އިޚްތިޔާރު ކުރައްވާފައިވާ ގޮތަކީ ވިހި ރަކްއަތެވެ. އިމާމް ޘައުރީ، އަބޫޙަނީފާ އަދި ޝާފިޢީ-ރަޙިމަހުމުﷲ- މިފަދައިން ވިދާޅުވެއެވެ. އިމާމު މާލިކް-ރަޙިމަހުﷲ- ގެ އަރިހުގައި ރޭގަޑުގެ ނަމާދުގެ ޢަދަދަކީ ތިރީސްހަޔެކެވެ". (އަލްމުޣްނީ 1/457).

އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ތަރާވީޙް ނަމާދަކީ ސުންނަތެއް ކަމާއި މެދުގައި ހުރިހާ ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގަންނަވައެވެ. އަހަރުމެންގެ މަޛްހަބުގައި (ޝާފިޢީ މަޛްހަބުގައި) ތަރާވީޙް ނަމާދުގައި ވަނީ ވިހި ރަކްޢަތެވެ. ދިހަ ފަހަރު ސަލާމް ދިނުމެވެ. އެކަނިހުރެވެސް، އަދި ޖަމާޢަތުގައި ވެސް މިނަމާދު ކުރެވިދާނެއެވެ". (އަލްމަޖްމޫޢު 4/31).

އިސްވެ ބަޔާން ކުރެވުނީ ހަތަރު މަޛްހަބް ގައި ތަރާވީޙް ނަމާދުގެ ޢަދަދު އޮތް ގޮތެވެ. ހުރިހާ އިމާމުންވެސް ވިދާޅުވަނީ އެގާރަ ރަކްޢަތަށްވުރެ އިތުރަށެވެ. އެބޭކަލުން އެގާރަ ރަކްޢަތަށްވުރެ އިތުރަށް ވިދާޅުވުމުގެ ސަބަބެއް ކަމުގައި ވެދާނެ ކަންތަކުގެ ތެރޭގައި:

1- ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ޙަދީޘުން ރޭގަޑުގެ ނަމާދު ގެ ޢަދަދު ކަނޑަ ނޭޅޭނެކަމަށް ދެކިލެއްވުން.

2- ސަލަފުގެ އެތައް ޢިލްމުވެރިއެއްގެ ފަރާތްޕުޅުން އެގާރަ ރަކްޢަތަށްވުރެ އިތުރަށް ކުރައްވާ ކަމަށް ޞައްޙަ މަގުން އައިސްފައިވުން. (އަލްމުޣްނީ 2/604)، އަދި އަލްމަޖްމޫޢު 4/32 .

3- ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެގާރަ ރަކްޢަތް ކުރެއްވުމުގައި ވަރަށް ދުގުކޮށް ކިޔަވައި ވިދާޅުވެއެވެ. އަދި މުޅި ރޭ އެއްކޮށް އަޅުކަމުގައި ހޭދަ ކުރައްވައެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރެއްވި އެއް ރެއެއްގައި ފަޖްރު ލުމާއި ވަރަތް ގާތްވުމާއި ހަމައަށް އަޅުކަމުގައި ދެމިހުންނެވިއެވެ. ހާރުކާގަޑި ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުވެސް ބައެއް ޞަޙާބީންގެ ހިތްޕުޅުގައި އުފެދޭވަރުވިއެވެ. މިހާ ބޮޑަށް ދިގުކޮށް ނަމާދު ކުރައްވާ އިރުގައިވެސް ޞަޙާބީން ކުޑަކޮށްވެސް ފޫހިވެ ވަޑައެއް ނުގަންނަވައެވެ. އަދި ދިގުވެގެން އެކަމާ ޝަކްވާ އެއްވެސް ނުކުރައްވައެވެ. އަދިކިއެއްތަ، އެބޭކަލުން ޝައުގުވެރިކަމާއި އެކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ފަހަތްޕުޅުގައި އަޅުކަމުގައި ދެމިތިއްބަވައެވެ. ނަމަވެސް ފަހުން އައި ދުވަސްތަކުގައި މީސްތަކުންގެ އީމާންކަން ކުޑަވުމާއި އެކު، މިފަދައިން ނަމާދު ދިގުކޮށްފިނަމަ، މީސްތަކުންނަށް އޭގެ ސަބަބުން ދަތި ތަކާއިދިމާވެ، ފޫހިވެ، ކަންތައް ވެދާނެ ކަމަށް ބިރަށް، ކިޔެވުން ކުރު ކުރުމަށްފަހުގައި ޢަދަދު އިތުރު ކުރުމަށް އެބޭކަލުން ދެކިލެއްވީއެވެ.

ޚުލާޞާ އަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުން ވާރިދުވެފައިވާ ގޮތަށް، އެހާމެ ދިގުކޮށް އެގާރަ ރަކްޢަތްކޮށްފި މީހަކު ސުންނަތާއި އެންމެ ގާތްކަން ބޮޑު ގޮތަށް ނަމާދުކޮށްފިއެވެ. ކިޔެވުން ކުރުކޮށް، ޢަދަދު އިތުރު ކުރުމަކުންވެސް ގޯހެއް ނެތެވެ. ދެގޮތުންކުރެ ކޮންމެ ގޮތަކަށް ޢަމަލުކުރި ބަޔަކާއި މެދުގައިވެސް އިންކާރު ކުރުމެއް ނެތެވެ.

ޝައިޚުލް އިސްލާމް- އިބްނު ތައިމިއްޔާ- ރަޙިމަހުﷲ- ވިދާޅުވިއެވެ.

"
އިމާމް އަޙްމަދު، ޝާފިޢީ، އަބޫޙަނީފާ-ރަޙިމަހުމުﷲ- ގެ މަޛްހަބުގައިވާ ގޮތަށް ވިހި ރަކްޢަތްކޮށްފިމީހާ، ނުވަތަ އިމާމް މާލިކް- ރަޙިމަހުﷲ-  ގެ މަޛްހަބުގައިވާ ގޮތަށް ތިރީސްހަ ރަކްޢަތްކޮށްފިމީހާ، ނުވަތަ ތޭރަ ރަކްޢަތްކޮށްފިމީހާ، ނުވަތަ އެގާރަ ރަކްޢަތްކޮށްފިމީހާ، މިއިން ކޮންމެ މީހަކުވެސް ރަގަޅުކަމުގައި އިމާމް އަޙްމަދު-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ސަބަބަކީ މިއިން އެއްވެސް ގޮތަކީ ކަނޑައެޅިގެން މިވެނިހެން ހެދުމަށް ސުންނަތުގައި އައިސްފައިވާ ކަންތަކަށް ނުވާތީވެއެވެ. އެހެންކަމުން ރަކްޢްތްތައް ގިނަ ކުރުމާއި މަދުކުރުން ބިނާވެގެންވަނީ ކިޔެވުން ދިގުކުރުމާއި ކުރު ކުރުމުގެ މައްޗަށެވެ". (އަލްއިޚްތިޔާރާތް، ޞަފްޙާ 64).

އިމާމް ސުޔޫޠީ-ރަޙިމަހުﷲ-ވިދާޅުވިއެވެ.

"ޞައްޙަ ދަރަޖައިގެ، އަދި ޙަސަން ދަރަޖައިގެ ޙަދީޘް ތަކުގައި ބާރުއަޅުއްވާފައިވަނީ ވަކި ޢަދަދެއް ކަނޑައެޅުމެއްނެތި، ރަމަޟާންމަހުގައި ރޭއަޅުކަން ކުރުމަށެވެ. ތަރާވީޙް ނަމާދުގައި ކީރިތި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވިހި ރަކްޢަތް ކުރެއްވި ކަމަށް ޘާބިތުވާކަށް ނެތެވެ. އެކަލޭގެފާނު ތިންރޭވަންދެން ޖަމާޢަތް ހައްދަވައިގެން ތަރާވީޙް ނަމާދު ކުރެއްވި ކަމަށް ޘާބިތުވެއެވެ. ނަމަވެސް އެއީ ކިތައް ރަކްޢަތް ކަމެއް އެނގޭކަށް ނެތެވެ. މީސްތަކުންގެ މައްޗަށް ތަރާވީޙް ނަމާދު ފަރްޟުވެ، އެކަމަށް މީސްތަކުން ނުކުޅެދުންތެރިވެދާނެތީވެ ބިރަށް، ހަތަރުވަނަ ރޭ އެކަލޭގެފާނު ނަމާދަށް ނިކުމެ ވަޑައިގެންފައެއް ނުވެއެވެ".

އިބްނު ޙަޖަރުލް ހައިޘަމީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވިހި ރަކްޢަތް ކުރެއްވި ކަން ޞައްޙަ މަގުން ޘާބިތުވާކަށް ނެތެވެ. އެކަލޭގެފާނު ވިހި ރަކްޢަތް ކުރައްވާ ކަމަށް އައިސްފައިވާ ރިވާޔަތަކީ ވަރަށް ބޮޑަށް ބަލިކަށި ރިވާޔަތެކެވެ. (އަލްމައުސޫޢަތުލް ފިގްހިއްޔާ 27/142-145)  

އަދި ނުނިމޭ 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން