ރުޅިގަދަ މީހުންނަށް ޙިއްޞާކޮށްލުން މުހިންމު ފިލާވަޅެއް!: ރުޅިއަރުވަން، ދެރަކޮށްލަން ކޮންމެ އެއްޗެއް ބުންޏަސް ކޮންމެކަމެއް ކުރިޔަސް ހިނިތުންވެހުރެ ޝުކުރިއްޔާއެއް ހަދިޔާކުރާ މީހާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރުޅިގަދަ މީހުންނަށް ޙިއްޞާކޮށްލުން މުހިންމު ފިލާވަޅެއް!: ރުޅިއަރުވަން، ދެރަކޮށްލަން ކޮންމެ އެއްޗެއް ބުންޏަސް ކޮންމެކަމެއް ކުރިޔަސް ހިނިތުންވެހުރެ ޝުކުރިއްޔާއެއް ހަދިޔާކުރާ މީހާގެ ވާހަކަ-

ރޯދަ ކައިރިވާވަރަކަށް ރުޅީގެ ވާހަކަ ދެއްކުން ގިނަކުރަން މިޖެހެނީ ރުޅިއަކީ ރޯދައިގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކަމުގައިވާތީއެވެ. މުޅި ދުވަހު ރޯދައަށްހުރެ، ރޯދަވީއްލަން ކައިރިވެފައިވަނިކޮށްވެސް ރުޅިއައިސް ކުރެވޭ ކަމަކުން، ބުނެވޭ ބަހަކުން މުޅި ދުވަހު ކުރި މަސައްކަތުން ހިފިރޯދައިގެ ދުވަސްދިއައީއެވެ. ރުޅިއަކީ ރޯދައިގެ އެންމެ ބޮޑު ދުޝްމިން ކަމަށް މިބުނަނީ ގިނަ ބައަކަށް މިލަނޑުލިބޭތީއެވެ. 

މިކިޔައިދެނީ ވަރަށް ތަފާތު މީހެއްގެ ވާހަކައެވެ. މީގެކުރިން މިފަދަ މީހެއްގެ ޥާހަކަ އަޑުއެހިން ހެއްޔެވެ؟ އޭނާ ރުޅި އެރުވުމަށް ނުވަތަ ދެރަކޮށްލުމުގެ ގޮތުން އެއްވެސް މީހަކު ބަހެއް ބުނެފިނަމަ ނުވަތަ ކަމެއްކޮށްފިނަމަ އެމީހަކަށް ޝުކުރިއްޔާއެއް ހަދިޔާކުރެއެވެ. އަދި ޝުކުރިއްޔާ ހަދިޔާކުރަނީވެސް ހިނިތުންވުމާއިއެކުގައެވެ. 

އެހެންވެ އޭނާ އެގޮތަށް ކަންތައް ކުރަނީ ކީއްވެގެންތޯ އެއްދުވަހަކު މީހަކު ސުވާލުކުރުމުން ޖަވާބުގައި ކިޔައިދިނެވެ. 

"ރުޅިއަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ރުޅި އައުމުން ޝައިޠާނާ އުފާވާނެއެވެ. ރުޅި ނައުމުން ޝައިޠާނާ ވަރަށް ދެރަވާނެއެވެ. ވީމާ އަހަރެން ބޭނުންވަނީ އަބަދުވެސް ޝައިޠާނާ މާޔޫސްކޮށްލައި ދެރަކޮށްލާފައި ބަހައްޓާށެވެ." 

ދެން އޮތީ މީހުން އަހަރެން ދެރަކޮށްލަން ދައްކާ ވާހަކައެވެ. މީހަކު އެއްޗެކޭ ކިޔުމަކީ އަހަރެންނާއި ކޮން ބެހޭ ކަމެއް ހެއްޔެވެ؟ އަހަރެން މޮޅުކޮށް ދެރަކުރަން އެމީހަކަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ އަހަރެން ކަންކަން ކުރަނީ ވަރަށް ވިސްނައިގެންނެވެ. ވީހައި ރަނގަޅަކަށެވެ. އަހަރެން ކުރާ އަމަލު މިނެކިރަން އެއްވެސް މީހަކީ ކާކު ހެއްޔެވެ؟ އަހަރެން ކުރާ ޢަމަލުތައް މަލާއިކަތުން ބަރާބަރަށް ލިޔުއްވަވަތެވެ. އަހަރެންގެ ޢަމަލުތައް މިނެ ކިރުއްވަވާނީ ﷲ ތަޢާލާއެވެ. 

މިވިސްނުމުގައި ހުންނާތީ މީހަކު ބުނާ އެފަދަ އެއްވެސް ބަހަކާއިމެދު އަހަރެން ނުވެސް ވިސްނަމެވެ. ވީމާ ސިކުނޑިއަށް އެއްވެސް ބުރަކަމެއް ނުލިބެއެވެ." 

މީސްތަކުންނޭވެ! މިމީހާފަދަ މީހަކަށްވާން މަސައްކަތްކުރާށެވެ! ހިފާ ރޯދަތަކުގެ ފައިދާ ލިބެންއޮތީ އެއިރުންނެވެ. 

- ޢިބްރަތްތެރި ފިލާވަޅު

 

 

މިއަދު އޮންލައިން