ރަމަޟާން މަސް އަހުރެމެންނާ ހެޔޮ ޚަބަރުތަކާއިގެން ބައްދަލުކުރަނީއެވެ. މި ފުރުޞަތުގެ ބޭނުންކުރަން އަތުކުރި އޮޅައިލާށެވެ! މި މަހުގެ މާތްކަން ޙާޞިލު ވޭތޯ ތެދުވާށެވެ! رَسُوْلُ اللهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.
(رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُـمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ)[1]
މާނައީ: "ރަމަޟާން މަހާ ބައްދަލުވެ ފާފަތައް ނުފޮހެވި އެ މަހާ ވަކިވެގެންދާ މީހާއަށް ހަލާކު ހުށްޓެވެ."
މުސްލިމް އަޚުންނޭވެ! މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި، ހިނިތުންވުމާ އެކުގައެވެ. އެއީ ކިޔަމަންތެރިވުމުގެ މޫސުންކަމުގައި ވާތީއެވެ. އެއީ ހެޔޮކަންތައް ކުރުމުގައި ވާދަކުރަން ޖެހޭ ވަގުތަކަށް ވާތީއެވެ. އެއީ ﷲ ގެ ނަފަޙާތުތަކާއި ބަރަކާތްތައް އެކަލާނގެ މުއުމިނު އަޅުންގެ މައްޗަށް އޮއްސަވާ މައްސަރެއް ކަމުގައި ވާތީއެވެ.
رَسُولُ اللهِ z ޙަދީޘް ކުރައްވާފައި ވެއެވެ.
(خَيْرُ النَّاسِ مَنْ طَالَ عُمُرُهُ وَحَسُنَ عَمَلُهُ)[2]
މާނައީ: "މީސްތަކުންކުރެ ހެޔޮކަންބޮޑީ އެމީހެއްގެ ޢުމުރު ދިގުވެ، އަދި އެމީހެއްގެ ޢަމަލު ރަނގަޅުވި މީހާއެވެ."
މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިން ރަމަޟާން މަހަކީ ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެކެވެ." އެހެންކަމުން އެއީ ވަރަށް އަވަހަށް ވަކިވެގެން ހިނގައިދާނެ މަދު ދުވަސްކޮޅެކެވެ. ވީމާ ރޯދަހިފުން ބުރަކަމަކަށް ނަހަދާށެވެ! ރޯދަމަހުގެ ޙުރުމަތް ނުކަނޑާށެވެ! ރޯދަހިފުމުން ލިބޭ ޘަވާބުގެ މަތިން ހަނދުމަކޮށް ރޯދަ ހިފާށެވެ! ރޯދައަށް ފަރުވާކުޑަ ކުރާ މީހާއަށް އެކަމުގެ ދެރައާ ވަރަށް އަވަހަށް ކުރިމަތިލާން ޖެހިދާނެއެވެ. އެ ދުވަހުން އޭނާއަށް އެހީވާނެ އެއްވެސް ފަރާތެއް ނުލިބޭނެއެވެ.
މުސްލިމް އަޚުންނޭވެ! ރަމަޟާން މަހުގެ ރޯދައަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ރަމަޟާން މަހުގައި ރޯދަ ހިފުމުން ތިޔަބައިމީހުންނަށް ﷲ ދެއްވާ ދަރުމައިގެ ބޮޑުކަން ތަޞައްވުރު ކޮށްލާށެވެ! رَسُولُ اللهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(مَنْ صَامَ رَمَضَانَ إِيْـمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)[3]
މާނައީ: " މާތް ﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ޘަވާބު އަދައިގެން ރަމަޟާން މަހު ރޯދަހިފި މީހާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައި ދެއްވާނެތެވެ."
މުސްލިމް އަޚުންނޭވެ! ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިޤްބާލު ކުރާށެވެ! ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރާށެވެ! ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަންނާށެވެ! ތަރާވީޙު ނަމާދާއި، އިޢުތިކާފަށްއިނުމާއި، ޤުރްއާން ކިޔެވުން ގިނަކުރުމާއި، ޞަދަޤާތް ކުރުން އިތުރުކުރުމާއި، ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވާށެވެ!