މުސްލިމް އަޚުންނޭވެ! ރަމަޟާންމަހަކީ އެކަލާނގެ ބަރަކާތުން ފުރިގެންވާ މަހެކެވެ. "އެމަހުގެ ފުރަތަމަރޭ އެކަލާނގެ، އަޅުންނަށް ބައްލަވައި ވޮޑިގަންނަވާނެއެވެ. އެކަލާނގެ ބައްލަވައިވޮޑިގެންނެވި އަޅަކު ދުވަހަކުވެސް ނަރަކައަކަށް ނުވައްދަވާނެއެވެ."
ރަމަޟާންމަހުގެ ރޭތައް ރަނގަޅު ގޮތުގައި އިޙްޔާކޮށް ދިރުވުމުގެ މުހިއްމުކަން ބަޔާން ކޮށްދެއްވަމުން ރަސޫލާ z ޙަދީޘްކުރައްވާފައި ވެއެވެ.
(مَنْ قَامَ رَمَضَانَ إِيـْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)[1]
މާނައީ: "މާތް ﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ޘަވާބު އަދައިގެން ރަމަޟާންމަހު ރޭއަޅުކަންކޮށްފި މީހާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައި ދެއްވާނެތެވެ. " އެހެންކަމުން ރަމަޟާންމަހުގެ ރޭތައް ބޭކާރު ގޮތުގައި ނަގައިނުލުމަށް ވަޞިއްޔަތް ކުރަމެވެ.
މުސްލިމް އަޚުންނޭވެ! ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އިޤްތިދާވާ މީހުންނަކީ ރަމަޟާންމަހު ދުވާލު ރޯދަހިފާ، ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރާ މީހުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާން މަހު، އަޅުކަމުގައި އެހެން މައްސަރުތަކަށް ވުރެބޮޑަށް ހީވާގިވެވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކުގައެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ވެސް އަވަހާރަފުޅުން ނަންގަވައި އެރޭތައް އިޙްޔާކުރެއްވުމުގައި ބައިވެރި ކުރައްވައެވެ.
މުސްލިމް އަޚުންނޭވެ! ރޯދަވެރިޔާ އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، އާޑަފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެކެވެ. މިފަދަ ކަންތައްތައް ކުރާމީހާގެ ރޯދަ ބާޠިލުނުވިޔަސް އޭނާ ރޯދައަށް ހުރުމުން ލިބެން ޖެހޭ ފުރިހަމަ ދަރުމައާއި ޘަވާބެއް ނުލިބޭނެއެވެ. ރޯދަވެރިޔާ ހަމައެކަނި ކެއުންބުއިން ދޫކޮށްލައިގެން ހުރުމަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.
(مَنْ لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ، فَلَيْسَ لِلّٰهِ حَاجَةٌ فِيْ أَنْ يَدَعَ طَعَامَهُ وَشَرَابَهُ)[2] މާނައީ: "ދޮގުހެދުމާއި އެފަދަ ޢަމަލުތައް ދޫކޮށްނުލައި (ރޯދަހިފުމަށްޓަކައި) ކެއުމާއި ބުއިން ދޫކޮށްލުމުގެ ބޭނުމެއް ﷲ ގެ ޙަޟްރަތުގައެއް ނުވެއެވެ."
މުސްލިމް އަޚުންނޭވެ! މާތް ﷲ އެދިވޮޑިގަންނަވާ މޭވާއާ ހިސާބަށް ރޯދަވެރިޔާއަށް ދެވޭނީ ހިތް ނިޔަތް ޚާލިޞްކޮށް، ކަންދެއްކުމެއްނެތި، މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން ރޯދަ ހިފުމުންނެވެ. މާތް ﷲ އަށް އީމާންވެ އެކަލާނގެއަށް އިޚްލާޞްތެރިވެ މަޖުބޫރުކަމެއް ނުވަތަ ބުރަހެލި ކަމެއްނެތި ރޯދަ ހިފުމުންނެވެ.