ތަރާވީޙް ނަމާދުގައި ވިހި ރަކްޢްތް ކުރެއްވުމަށް އަމުރު ކުރައްވާފައިވަނީ ޢުމަރު ބިން އަލްޚައްޠާބް- ރަޟިޔަﷲ ޢަންހު- ކަން ޞައްޙަ މަގުން ޘާބިތުވާން އެބަ އޮތެވެ. ކޮންމެ އަކަސް މީސްތަކުން އޭރުއްސުރެ ތަރާވީޙް ނަމާދުގައި ވިހި ރަކްޢަތް ކުރަމުން ގެންދިޔަ އެވެ.
އިމާމް ތިރްމިޛީ-ރަޙިމަހުﷲ- އެކަލޭގެފާނުގެ އައްސުނަނުގެ 2/69 ގައި ވިދާޅުވެފައިވެއެވެ.
"ޢުމަރު، ޢަލީ އަދި އެނޫންވެސް އެތައް ޞަޙާބީ އެއްގެ ފަރާތްޕުޅުން ވާރިދުވެފައިވާ ވަނީ ތަރާވީޙް ނަމާދުގައި ވިހި ރަކްޢަތް ކުރުމަށެވެ. އައްޘައުރީ، އިބްނުލް މުބާރަކް އަދި ޝާފިޢީ-ރަޙިމަހުމުﷲ- ވިދާޅުވަނީ މިފަދައިންނެވެ.
އިމާމް ޝާފިޢީ- ރަޙިމަހުމުﷲ- ވިދާޅުވެފައިވެއެވެ.
"މައްކާގައި މީސްތަކުން ކުރާ ތަން ތިމަންކަލޭގެފާނު ދެކިވަޑައިގަތީ ވިހި ރަކްޢަތެވެ".
އިބްނު ޢަބްދިލް ބައްރި- ރަޙިމަހުﷲ- އެކަލޭގެފާނުގެ "އަލްއިސްތިޛްކާރް" އޭ ކިޔުނު ފޮތުގެ 2/69 ގައި ވިދާޅުވެފައިވެއެވެ. "ޢަލީ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ވިހި ރަކްޢަތް ރިވާވެގެންވެއެވެ. އަދި ޝަތީރު ބިން ޝަކްލު، އިބްނު އަބީ މުލައިކާ، އަލްޙާރިޘުލް ހަމަދާނީ، އަބިލް ބުޚްތުރީ- ރަޙިމަހުމުﷲ- ގެ ކިބައިންވެސް މިފަދައިން ރިވާވެގެންވެއެވެ. އެއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. ކޫފީންނާއި ޝާފިޢީ އަދި ގިނަ ފިގްހުވެރިން ދެކިލައްވާ ގޮތަކީވެސް އެއީ އެވެ. އުބައްޔު ބިން ކަޢްބު ގެ ކިބައިން ވެސް އެކަން ޞައްޙަ މަގުން އައިސްފައިވެއެވެ. މިކަމާ މެދު ގައި ޞަޙާބިންގެ މެދުގައި ޚިލާފެއް ނެތެވެ. ޢަޠާ-ރަޙިމަހުﷲ- ވިދާޅުވިއެވެ. މީސްތަކުން ވިތްރި އާއި އެކު ތޭވީސް ރަކްޢަތް ކުރައްވާތީ ތިމަން ކަލޭގެފާނު ދެކިވަޑައިގަތީމެވެ".
އިބްނު ތައިމިއްޔަ-ރަޙިމަހުﷲ- އެކަލޭގެފާނުގެ މަޖްމޫޢު ފަތާވާގެ 23/112 ގައި ވިދާޅުވެފައިވެއެވެ.
"ރަމަޟާން މަހުގެ ގިޔާމުގައި މީސްތަކުންނައިގެން ވިހި ރަކްޢަތް ކުރައްވާ، ވިތްރީގެ ތިން ރަކްޢަތް ކުރައްވާ ކަމަށް އުބައްޔު ބިން ކަޢްބު- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ޘާބިތުވެއެވެ. އެއީ ސުންނަތް ގޮތް ކަމަށް ވަރަށް ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވައެވެ. ސަބަބަކީ އުބައްޔު ބިން ކަޢުބު އެގޮތަށް ކަންތައް ކުރެއްވީ މުހާޖިރުންނާއި އަންޞާރުންގެ ޙާޟިރުގައި ކަމުގައިވެފައި، އެއިން އެއްވެސް ބޭކަލަކު އެކަމުގައި އެކަލޭގެފާނުގެ މައްޗަށް އިންކާރު ކުރައްވާފައި ނުވާތީވެއެވެ. މަދީނާގެ އަހްލުވެރިންގެ ކުރީގެ މީހުން ކުރެއްވީ ތިރީސް ނުވަ ރަކްޢަތްކަމުގައި ވިދާޅުވެ ބައެއް ޢިލްމުވެރިން އެގޮތަށްވެސް ވިދާޅުވެއެވެ".
އައްސާއިބު ބިން ޔަޒީދު ގެ ކިބައިން "އެގާރަ ރަކްޢަތް" ކަމުގައި އައިސްފައިވުމާއި ބެހޭ ގޮތުން ބުނަމެވެ. އެއީ އެންމެ ކުރީ ކޮޅުގައި އެގޮތަށް ކުރެއްވީ ކަމުގައިވެދާނެއެވެ. ފަހުން މީސްތަކުންނަށް ލުއިކޮށްދެއްވީއެވެ. ގިޔާމް ގައި ކިޔެވުން ކުރުކުރެއްވުމުގެ ގޮތުން ޢުމަރު- ރަޟިޔަﷲ ޢަންހު- ވިހި ރަކްޢަތަށް ބަދަލު ކުރެއްވީއެވެ.
އިބްނު ޢަބްދިލް ބައްރި- ރަޙިމަހުﷲ- ވިދާޅުވިއެވެ.
އައްސާއިބު ބިން ޔަޒީދު ގެ ރިވާޔަތުގައި "އެގާރަ ރަކްޢަތޭ" އޮތުމުން، ޢުމަރު- ރަޟިޔަﷲ ޢަންހު- އެންމެ ފުރަތަމަ އަމުރު ކުރެއްވީ އެގާރަ ރަކްޢަތް ކުރުމަށް ކަމަށްވެދާނެ ކަމުގެ އިޙިތިމާލު އެބައޮތެވެ. އެޔަށްފަހުގައި، ގިޔާމް ލުއިކުރައްވާ، ވިހި ރަކްޢަތަށް މީސްތަކުން ބަދަލުކުރެއްވިއެވެ. ރަކްޢަތް ތަކުގައި ކިޔެވުމާއި، ރުކޫޢު، ސުޖޫދު ލުއި ކުރެއްވިއެވެ. އެހެންނަމަވެސް ބޮޑަށް ލަފާ ކުރެވެނީ "އެގާރަ ރަކްޢަތޭ" އޮތް ރިވާޔަތަކީ އައްސާއިބު ބިން ޔަޒީދު އަށް އަރާފައިވާ އޮޅުމެއް ކަމަށެވެ. ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ".
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް