އިން ޝާ ﷲ ކޮންމެ އަހަރަކުވެސް އަލަސް ރޯދަހިފަން ފަށާ ކުދިބައަކު ތިބޭނެއެވެ. އަލަށް ރޯދަ ހިފަން ފަށައިގަންނަ ކުޑަކުދިން އެކަމަށް ފަށައިގަންނަ ކޮޅުމަތީގައި ފޫހިވެ ބުރަކަމަކަށްވެގެން އުޅޭނެއެވެ.
ސުންނަތް ރޯދަތައް ނުހިފާ ބޮޑެތި މީހުންނަށްވެސް ރަމަޟާންމަހާއި ބައްދަލުވެ ރޯދަހިފަން ފެށުމުން އެކަން ކޮންމެވެސް މިންވަރަކަށް މެދުވެރިވެއެވެ. އެހެންކަމަށްވާއިރު އެކަން ބޮޑެތި މީހުންނަށްވުރެ މާބޮޑަށް ކުޑަކުދިންނަށް މެދުވެރިވާނެއެވެ.
މިހާރަކަށް އައިސް ރޯދަކުރުކުރަން ގިނައިން ދަސްކޮށްދެވެނީ ރޯދައަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމެވެ. މިސާލަކަށް ފިލްމްބެލުން، ޢާންމު ކާޓޫނުބެލުން ގޭމްކުޅުން ފަދަ ކަންކަމެވެ. ކާޓޫނު ދެއްކި ނަމަވެސް ފިލްމް ދެއްކި ނަމަވެސް ދީނީ ގޮތުން ފައިދާކުރާނެ އެއްޗެތި ދައްކާށެވެ. ގޭމްކުޅުމާއި ދުރުހެލިކުރުވާށެވެ.
ހަމައެއާއިއެކު ކުދިންގެ އުމުރާއި ގުޅޭގޮތުން ކިޔާނެ ދީނީ ފޮތްތައް ހޯދައިދޭށެވެ. ޢިބްރަތްތެރި ވާހަކަތައް ކިޔުއްވާށެވެ. ޤުރްއާނުގެ ކުރު ސޫރަތްތައް މާނައާއިއެކު ކިޔުއްވައި ކޮންމެ ދުވަހަކުވެސް ސޫރަތެއްގެ މާނަ ނުވަތަ 2،3 އާޔަތުގެ ނަމަވެސް މާނަ ދަސްކުރުވޭތޯ މަސައްކަތްކުރާށެވެ. ޤުރްއާން ލިޔުއްވާށެވެ. އަދަބު އަޚްލާޤް ދަސްވާނެ ފިލާވަޅުތައް ހިމެނޭ ފޮތްތައް ކިޔުއްވާށެވެ.
މި ބަޔާންކުރި ކަންކަމަށް ވަގުތު ބަހާލާށެވެ. އެކަމެއްގެ ވަގުތުގައި ކޮންމެ ދުވަހަކުވެސް އެކަމެއް ކުރުވަން މަސައްކަތްކުރާށެވެ. ހަމަ އެއާއިއެކު ކުދިންނަކީ ކުޅެންވެސް ބޭނުންވާނެ ބައެކެވެ. އެކަމަށްވެސް ވަގުތެއް ޚާޞަކޮށް އެވަގުތަކު ކުޅެން ފުރުޞަތު ދޭށެވެ!
މިމަގުން ކުޑަކުދިންވެސް އަދި ބޮޑެތި މީހުންވެސް ޢަމަލުކުރާނަމަ އެކުރެވެނީ ހިފާ ރޯދައަށް އެކަމުގެ ފައިދާކުރާނެ ކަންކަމެވެ. އިން ޝާ ﷲ
އިން ޝާ ﷲ އެއިރުން ކުޑަކުދިންނަށްވެސް އަދި ބޮޑެތި މީހުންނަށްވެސް ދުވާލުގެ ވަގުތުތައް ގިނަވެ ރޯދަ ދިގުވެގެން އުޅެން ޖެހުމުގެ މައްސަލަތައް ވަރަށް ބޮޑުތަނުން މަދުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން