ބަލިޙާލު ހުރިގޮތުން ރޯދަ ޤަޟާނުކުރެވޭނަމަ، ޢަދަދުވެސް ނޭނގޭނަމަ ކަންތައް ކުރަންޖެހޭނީ ކިހިނަކުންތޯ؟: ޑރ. އިޔާޟްގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ބަލިޙާލު ހުރިގޮތުން ރޯދަ ޤަޟާނުކުރެވޭނަމަ، ޢަދަދުވެސް ނޭނގޭނަމަ ކަންތައް ކުރަންޖެހޭނީ ކިހިނަކުންތޯ؟: ޑރ. އިޔާޟްގެ ޖަވާބު

ސުވާލު:. ފާއިތުވެ ދިޔަ ރޯދަމަހުގައި ރޯދަތަކެއް ދޫވެފައިވަނިކޮށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން އެ ރޯދަތަށް ޤަޟާވެސް ނުކުރެވި ވަނީ. އަދި ދޫކުރެވިފައިވާ ރޯދަތަކުގެ ޢަދަދު ބަލި މީހާއަށް ސީދާ ޔަޤީނުން ބުނަން ނޭންގޭ. ދެން މިރޯދަ އަދިވެސް ހިފޭވަރަށް މީހާގެ ސިއްޙީ ޙާލަތު ތަން ނުދޭ. އެހެންވެ އެޙާލަތުގައި ކަންތައް ކުރަންވާނީ ކިހިނެއްތޯ؟  

ޖަވާބު:. އަސްލަކީ ކުރީ އަހަރުގެ ރަމްޟާން މަހު ގެއްލޭ ރޯދަ އަނެއް ރަމްޟާން މަސް އައުމުގެ ކުރިން ހިފާ ހަމަކުރަންޖެހޭނެ. ދެން އެހެންނަމަވެސް ތިވިދާޅުވިގޮތަށް ބޮޑު ބައްޔެއް ޖެހުމުގެ ސަބަބުން އޭނައަށް ރޯދަ ނުހިފިވާ ކަމުގައި ވަނީނަމަ އެއަކު އޭނައަށް ފާފައެއްނެތް އޭނައަށް ރޯދަ ހިފޭވަރަށް އޭނާގެ ބަލި ފަސޭހަވީމާ އެއީ އަދި ދެން ޖެހިގެން އަންނަ ރަމަޟާން މަސް ފާއިތުވީ ކަމުގައި ވީނަމަވެސް ނުވަތަ ޖެހިގެން އަންނަ ރަމަޟާން މަސް އަންނައިރުގަ އޭނާ ރޯދަ ނުހިފުނު ކަމުގައި ވީނަމަވެސް އެއަކުން އޭނާފާފައެއް ނުވާނެ.  

ސަބަބަކީ އޭނައަށް ރޯދަ ނުހިފުނީ އޭނާއަށް މަޤްބޫލް ޢުޒުރެއް ނުވަތަ ބައްޔެއް ހުރުމުގެ ސަބަބުން އެހެންނޫނަނަމަ އޭނާ ﷲގެ ރަޙްމަތާ އެކުގައި ރޯދަތަށް ހިފުމަށް އެނާހުރީ ނިޔަތް ގަނެގެން . އެހެންވީމާ އެބައްޔެއް ޖެހުމުގެ ސަބަބުން. އަދި އޭނާއަށް ޢުޒުރަކަށް ވާތީވެ އެކަމުގެ ސަބަބުން އޭނާއަށް ފާފައެއްނެތް.  

އެހެނެއް ނޫން ޢުޒުރެއްނެތި ރޯދަ ނުހިފާ އަނެއް ރޯދަމަސް ޖެހިއްޖެ ކަމުގައި ވަނީނަމަ އޭނާ ފާފަވެރިވާނެ. އެޙާލަތުގައިވެސް އޭނާ އެކަމަށް ތައުބާވާންޖެހޭނެ. ތައުބާވެފައި އަދިކުރީ އަހަރު ގެއްލިފައިހުރި ރޯދަތަށް ޤަޟާކުރަންޖެހޭނެ. ދެންމިހާރު ބަލިވުމުގެ ސަބަބުން ނުހިފި ހުރި ރޯދައެއް ކަމުގައި ވަނީނަމަ ފާފަވެރިނުވި ކަމުގައި ވީނަމަވެސް ބަލި ފަސޭހަވީމާ އޭނައަށްޖެހޭނެ އެރޯދަތަށް ޤަޟާކުރަން. ދެން އެ ބައްޔަކީ އެއީ ފަސޭހަ ވާނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލާފައިވާ ބައްޔެއް ކަމަށްވަނީނަމަ މިޙާލަތުގައި އޭނާ ޖެހޭނީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭން.  

- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން