މާޒީގަ ކުރެވުނު ކުށްތަކާ ފާފަތައް މަތިން ހަނދާން ނުވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މާޒީގަ ކުރެވުނު ކުށްތަކާ ފާފަތައް މަތިން ހަނދާން ނުވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރަ!

ހަނދާންކުރަން މަސައްކަތް ނުކުރި ނަމަވެސް ކޮންމެ މީހަކަށްވެސް އެމީހެއްގެ މާޒީ ހަނދާންވާނެއެވެ. ކުރެވިފައި ހުރި ކުށްތަކާއި ނުބައިކަންކަން ހަނދާންވާނެއެވެ. އެމީހަކު އެކަމަށް ބޭނުން ނުވި ނަމަވެސްމެއެވެ. 

ދެން އޮތީ އެކަން މެދުވެރިވާ ސަބަބަށް ބަލައިލުމެވެ. އެކަން އެގޮތަށް މެދުވެރިވަނީ ސިކުނޑި އެކަން ކުރާތީއެވެ. އެއީ ސިކުނޑީގެ ވެރި ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަމެކެވެ. ދެއްވަވާ ވަރަށް ބޮޑު ނިޢުމަތެކެވެ. 

ވިސްނާށެވެ! ކުރެވިފައިވާ ކުށްތައް ހަނދާންވުމުން އޮތީ ދެރަވެ ހިތާމަކުރުމެއް ނޫނެވެ. އުފާކުރުމެވެ. ސިކުނޑި އެއަންގައިދެނީ އެފަދަ ކަންކަން ތަކުރާރު ނުކުރުމަށެވެ. ފާފަތައް ނުކުރުމަށެވެ. އަމިއްލަ ދިރިއުޅުމަށް ގެއްލުން ނުދިނުމަށެވެ. 

އުފާކުރަންޖެހޭނެ ކަމެއް ކަމަށް މިބުނަނީ އެއީ މުސްތަޤްބަލަށް ފައިދާކުރާނީ މާޒީގައި ކުރެވުނު ކުށްތައް ނުކުރުމުން ކަމުގައިވާތީއެވެ. އެއީ މީހަކަށް ދެރައެއް ދިނުން އަދި ހިތުގައި ޖެއްސުވުން ފަދަ ކަމެއް ނަމަވެސްމެއެވެ. އަދި ފާފައެއް ނަމަވެސް މެއެވެ. 

ބައެއް މީހުންނަށް ކުރެވޭ ކުށްތަކުގެ މަތިން ހަނދާނެއް ނުވެއެވެ. އެއީ އުފާކުރަންޖެހޭނެ ކަމެއް ނޫނެވެ. ހިތާމަކުރަންޖެހޭނެ ކަމެކެވެ. އެހެނީ އެއީ ކުށްކުރުން ގިނަވުމުން އެރަޙްމަތް ﷲ ތަޢާލާ ނުދެއްވަވަނީ ކަމަށްވެދާނެތީއެވެ. އެހެންކަމަށް ބަލައި ބިރުވެތިވެ ހިތާމަކުރާށެވެ. ތައުބާވާށެވެ. ޢަމަލުތައް އިޞްލާޙްކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން