އަހަރެމެންގެ ތެރެއިން ބައެއް މީހުން މިހާރުވެސް ބޭނުންވަނީ އެންމެ ކުރުކޮށް ތަރާވީޙް ނަމާދުކޮށް އެންމެ އަވަހަށް ސަލާންދޭނެ މިސްކިތަކަށް ނަމާދަށް ދިއުމަށެވެ. މިއީ ވަރަށް ނުބައިކަން ބޮޑު ވިސްނުމެކެވެ. ޞިއްޙީ ގޮތުން މައްސަލައެއް ކުރިމަތިވެގެން ނުވަތަ އެނޫންވެސް ގޮތަކުން މުހިންމު ސަބަބެއް އޮވެގެން ނޫނީ އެފަދަ ގޮތަކަށް ވިސްނައިގެން ވެސް ނުވާނެއެވެ!
"މުހިންމު ސަބަބެއް ނެތި އެންމެ ކުރުކޮށް ތަރާވީޙް ނަމާދުކުރާ މިސްކިތަށްދާން ވިސްނާ މީހާއަކީ ނަމާދުކުރާހިތްވާ މީހެއްކަމަށް ބުނެވޭނީ ކިހިނަކުން؟" ކަމާއިމެދު އަހަރެން ސުވާލު އުފައްދަމެވެ.
ނަމާދުގައި ކޮޅަށް ހުރުން އޮތީ އެމީހަކަށް ކެރިކުޅަދާނަ މިންވަރަކަށެވެ. ކޮޅަށް ނުހުރެވޭ މީހާ އިށީނދެ އިނދެގެންވެސް ކުރަންވީއެވެ. އެފުރުޞަތު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.
ދެން އޮތީ ކުރަންޖެހޭ މަސައްކަތެވެ. ގިނަ ބައަކު މަސައްކަތުގެ ވާހަކަ ދައްކަނީ ބަހަނާއަކަށެވެ. ކުރުކޮށް ތަރާވީޙްކޮށްލައިގެން މަސައްކަތުދަނީ މަދުމީހެކެވެ. އެމީހުން މިސްކިތުން ފައިބާ ތިބެގެން ސިގިރެޓް ބޮއި ކޮފީ ބޮއިހެދުން ފަދަ ކަންކަން ކުރަނީއެވެ. އެމީހުން ކުރާ ކޮފީ ބުއިމުގެ ބުރަމަސައްކަތް ނުނިމިގެން އުޅެނިކޮށް ދިގުކޮށް ނަމާދުކުރާ މީހުން ދިގުކޮށް ނަމާދުކޮށް ނިންމައިގެން މިސްކިތުން ފައިބައެވެ.
ނިކަން ބުނެބަލާށެވެ! ކޮންމެ ރަމަޟާން މަހަކު މިފަދަ މަންޒަރުތައް ލޮލަށް ނުފެނޭ ހެއްޔެވެ؟ އަހުރެން އުންމީދުކުރަނީ މިއަޑުއަހާ ގިނަބައަކު މިކަންކަން އިޞްލާޙްކުރާނެ ކަމަށެވެ. އިޞްލާޙްކޮށްފިނަމަ އެކަމުގެ ފައިދާ އެމީހަކަށް ކުރާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން