އެއްލޮލަށް ނުފެންނަ މީހުން ދެކެމެވެ! އެކަމަކު އެއްލޮލާއެކު އެއްވެސް ކުޖަކު އުފަންވިތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ފާހަގަކުރައްވާ ފަދައިން އެއްލޮލަށް ނުފެންނަ އެތައް ބައަކު އުޅެއެވެ. އެއިގެ ތެރޭގައި އުފަންވާއިރުވެސް އެއްލޮލަށް ނުފެންނަ ކުދިންނާއި ޢުމުރުގެ ވަކިހިސާބެއްގައި އެއް ލޮލުގެ ފެނުން ގެއްލޭ މީހުން ހިމެނެއެވެ.
ދެން ކުރައްވާފައިވާ ސުވާލުގެ ޖަވާބަކީ އެއް ލޯ ހުންނަ ކުދިން އުފަންވެއެވެ. ނަމަވެސް ވަރަށް މަދުންނެވެ. މީގެ 2 އަހަރެއްހައި ދުވަސްކުރިންވެސް އެފަދަ ކުއްޖަކު އުފަންވިއެވެ. ތިރީގައިވާ ލިޔުމުން އިތުރު ތަފްޞީލް ލިބިލައްވާނެއެވެ.
އުފަންވިއިރު އެއްލޯ އިން ކުއްޖަކު ޔަމަނުގެ އަންހެނަކު ވިހައިފިއެވެ. ޔަމަންގެ ސަބާ ނިޔުސް އެޖެންސީން ޑޮކްޓަރުންނާ ޙަވާލާދީ މިޚަބަރު ޢާންމުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި މިއީ މިފަދަ ކުއްޖަކު އެހޮސްޕިޓަލުގައި އުފަންވި ފުރަތަމަ ފަހަރުކަމަށްވެސް ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން 1665 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ދުނިޔޭގައި އުފަންވެފައިވަނީ މިފަދަ 6 ކުދިންނެވެ.
އެކުއްޖާ އުފަންވެފައިވަނީ ބައިދާ ޕރޮވިންސްގެ އަލްބޭދާގައެވެ. "އަހަރެންގެ އަނބިމީހާ ޒަހްރާ އަލް ޢައްބާސީ ވިހަން ގެންދިއައީ އަލް ހިލާލް މެޓަރނިޓީ ހޮސްޕިޓަލަށް." ކުއްޖާގެ ބައްޕަ ޙުސައިން އަލް ޢައްބާސީ ބުނެފައިވެއެވެ. އަދި އެދެމަފިރިންނަށް މީގެ ކުރިން ލިބުނު އެއްވެސް ދަރިއެއްގެ މިފަދަ އެއްވެސް މައްސލައެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.
ޞިއްހީ އޮފިޝަލުން ބުނީ ޔަމަނުގެ ބައެއް ސިޓީތަކުގައި އުފަންވާއިއރު މިފަދަ މައްސަލަތައް ހުންނަ ކުދިން ވިހެއުން އިތުރުވަމުން އަންނަ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ހަނގުރާމަތަކުގައި ވިހަކެކަލް ބޭނުންކުރުން ކަމަށެވެ.
ކުއްޖާ ދުނިޔޭގައި އޮތްކަމަށްވަނީ 7 ގަޑިއިރުއެވެ.