ޙައިޟުނުވާ ބޭސް ހުއްދަ ނަމަވެސް ބޭސްކައި ހަށިގަނޑަށް އަނިޔާދިނުމެއް ނެތް! ހުރިހާ ރޯދަ ހިފުމުގެ ބޭނުމުގަ ބޭސްކާ އަންހެނުން ވިސްނާލަންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ޙައިޟުނުވާ ބޭސް ހުއްދަ ނަމަވެސް ބޭސްކައި ހަށިގަނޑަށް އަނިޔާދިނުމެއް ނެތް! ހުރިހާ ރޯދަ ހިފުމުގެ ބޭނުމުގަ ބޭސްކާ އަންހެނުން ވިސްނާލަންޖެހޭނެ ބައެއް ކަންކަން-

ރަމަޟާން މަސް އައުމުން ގިނަ ބައަކު ޢުމްރާއަށް ދެއެވެ. ޢުމުރާގައި ތިބޭއިރުގައާއި އަދި އަމިއްލަ ޤައުމުގައި ހުރެގެންވެސް ރަމަޟާން މަހުގެ ހުރިހާ ރޯދަތަކެއް ހިފުމަށްޓަކައި ޙައިޟްނުވާ ބޭސް ބައެއް އަންހެނުން އެބަ ބޭނުންކުރެއެވެ. ބޭސް ބޭނުންކުރާ އަންހެނުން ތިރީގައިވާ ލިޔުމުގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް ނަޞޭޙަތްތެރިވަމެވެ.  

ޙައިޟުވުން މަނާކުރާ ބޭސް ބޭނުންކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ 

ޖަވާބު:

ޞިއްޙީ ގޮތުން އަންހެނާއަށް ގެއްލުމެއްނުވާނެނަމަ ޙައިޟުވުން މަނާކުރާ ބޭސް ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. 

އެކަމުގެ ޝަރުޠަކީ ފިރިމީހާ އެކަމަށް ހުއްދަ ދިނުމެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިފަދަ ބޭސްތަކަކީ އަންހެނާއަށް ވަރަށް ގެއްލުންހުރި ބޭސްތަކެކެވެ. 

ހުރިހާ އެންމެންވެސް ދަންނަ ފަދައިން އަންހެނާގެ ފުށުން ނުކުންނަ ޙައިޟުގެ ލެއަކީ ޠަބީޢީ ގޮތުން ނުކުންނަ އެއްޗެކެވެ. 

ޠަބީޢީކަމެއް އޭގެ ވަގުތުގައި ހިނގުން މަނާކުރެވިއްޖެނަމަ ފަހެ އެކަން މަނާކުރުމުން ހަށިގަނޑަށް ގެއްލުންވާނެކަން ކަށަވަރެވެ. 

ހަމަ އެފަަދައިން މިފަދަ ބޭސްތައް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ އަނެއް ކަމަކީ، މިކަންކުރުމަކީ އަންހެނާ އާދަކޮށް ޙައިޟުވާގޮތް ބަދަލުކޮށްލާ ކަމެކެވެ. 

ފަހެ އޭގެ ސަބަބުން އޭނާއަށް އެކަން އޮޅިދާނެއެވެ.

އޭރުން ނަމާދުކުރުމުގައްޔާއި، ފިރިމީހާއާ އެކު އެއްދާންކުރުމުގައި އަދި އެނޫންވެސް ބައެއް ކަންތައްތަކުގައި ހަދާނެގޮތެއް ނޭނގި ޝައްކުވާ ގޮތް މެދުވެރިވެއެވެ.

އެހެންކަމުން މިކަމަކީ ޙަރާމް ކަމެކޭ އަޅުގަނޑު ނުދަންނަވާނަމެވެ.

ނަމަވެސް އަންހެން ކަނބަލުންނަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރަށްޓަކައި އެފަދަ ބޭސްތައް އަންހެނަކު ބޭނުންކުރުމަށް އަޅުގަނޑު ނޭދެމެވެ. 

ދަންނަވަމެވެ. 

އަންހެނާގެ މައްޗަށްވަނީ ﷲ ތަޢާލާ އޭނާގެ މައްޗަށް ނިޔާކަނޑައަޅުއްވާފައިވާ ގޮތާމެދު ރުހުމެވެ.

ޙައްޖަތުލްވަދާޢު ކުރެއްވި އަހަރު ނަބިއްޔާ صلى الله عليه وسلم އުއްމުލް މުއުމިނީން ޢާއިޝާ رضي الله عنها ގެ އަރިހަށް ވެދެވަޑައިގެންނެވިއިރު އެކަމަނާ ކީރިތި ކުރައްވަން އިންނެވިއެވެ. 

އޭރު އެކަމަނާވަނީ ޢުމްރާއަކަށް އިޙުރާމް ބަންނަވާފައެވެ. 

ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"ކަމަނާއަށް ކިހިނެތް ވީ ހެއްޔެވެ.

ޙައިޟުވެރިވީ ހެއްޔެވެ؟ 

އެކަމަނާ ދެންނެވިއެވެ. "އާދޭހެވެ". 

ޙަދީޘްކުރެއްވިއެވެ.

(هَذَا شَيْءٌ كَتَبَهُ اللهُ عَلَى بَنَاتِ آدَمَ) 

މާނައީ:

"ތިޔައީ އާދަމުގެ ދަރީންގެ ތެރެއިން އަންހެނުންގެ މައްޗަށް ﷲ ލިޔުއްވާފައިވާ ކަމެކެވެ" [رواه مسلم في صحيحه] 

ފަހެ އަންހެންކަނބަލުންގެ މައްޗަށް އޮތީ ކެތްތެރިވެ ﷲ ގެ ޙަޟްރަތުން ދަރުމައާ ޘަވާބަށް އުންމީދުކުރުމެވެ. 

ޙައިޟުވުމުގެ ސަބަބުން ރޯދަހިފާ ނަމާދުކުރުމަށް ޢުޛުރުވެރިވިނަމަވެސް ޛިކުރުކުރުމުގެ ދޮރުވަނީ ހުޅުވިގެންނެވެ. – އެންމެހާ ޙަމްދެއްވަނީ ﷲ އަށެވެ. 

ﷲ ހަނދުމަކޮށް، އެކަލާނގެއަށް ތަސްބީޙަކިޔާ، ޞަދަޤާތްކޮށް، ބަހާއި ޢަމަލުން މީސްތަކުންނަށް ހެޔޮކޮށް ހިތާނީއެވެ. 

ފަހެ މިއީ އެންމެ މަތިވެރިވެގެންވާ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ.  

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން – رحمه الله –

مجموع فتاوى ورسائل العثيمين / رقم السؤال٢٣٧ 

(މިލިޔުމަކީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި ލިޔުމެކެވެ. މިލިޔުމުގައިވާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ވިދާޅުވެފައެވެ.)

މިއަދު އޮންލައިން