ވަރަށް މަދުން ނޫނީ އަނބިންނަށް އަދި ފިރިންނަށްވެސް ތަޢްރީފްކުރެވޭ އަޑެއް ނުއިވެއެވެ. ގްރެޖުއޭޝަން ސެރަމަނީއެއްގައި މައިންބަފައިންނަށް ޝުކުރުއަދާކުރިނަމަވެސް އެއިގެފަހުން މައިންބަފައިންނަށް ޝުކުރުއަދާކުރާ އަޑުވެސް ވަރަށް ނުއިވެއެވެ.
އަޅުގަނޑުގެ ސުވާލަކީ އެންމެންނަށް އެނގޭ ގޮތަށް، ޢާންމުތަންތަނުގައި ބައިވެރިޔާ އަށާއި މައިންބަފައިންނަށް ތަޢްރީފްނުކުރަނީ އަދި ޝުކުރުއަދާވާހަކަ ބުނަން ލަދުގަންނަނީތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ތިމާއަކީ ގިނަ ކައިވެނިތަކެއްކުރަން އުންމީދުކޮށްގެން ހުންނަ މީހަކުނަމަ ޢާންމުތަންތަނުގައި ބައިވެރިޔާގެ ރަނގަޅުވާހަކަދައްކައި ތަޢްރީފްކުރަން ވަރަށް އުނދަގޫވާނެއެވެ. ބައިވެރިޔާއަށާއި މައިންބަފައިންނަށް ތަޢްރީފްކުރެއްވުމުގައި މުފްތީ މެންކް ފަދަ ދީނީ ޢިލްމުވެރިން ގެންދަވަނީ ނަމާނާ ދައްކަވަމުންނެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ކާބޯތަކެއްޗަކީ އަހަރެންނަށް އެހައި މުހިންމު އެއްޗެއް ނޫނެވެ. ދުވާލަކު 1 އިރު ކައިގެން ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އަދި މުއްސަނދި ދިރިއުޅުމަކަށް އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ.
ގިނައިން ހަވާދު ހުންނަ ތަކެތި އަހަރެންނަކަށް ނުކުވެއެވެ. ބިރިޔާނި ނުކެވެނީވެސް އެހެންވެގެންނެވެ. ނަމަވެސް މަންމަ ބިރިޔާނި ކައްކައިފިނަމަ ތަފާތެވެ. އަނބިމީހާ ކައްކާ ބިރިޔާނި އެއީ ރަހަމީރުކަމުގެ 1 ވަނައެވެ.
އެއްވެސް ޤައުމަކަށް ގޮސްފައި ވަކި އެއްޗެއް ކާން ބޭނުންވެގެނެއް ނުއުޅެމެވެ. އެހެނީ ކެއުމަކީ އަހަރެން އެހައި ޝައުޤުވެރިވާ ކަމެއް ނޫނެވެ. ޝައުޤުވެރިވާކަށް ބޭނުމެއްވެސް ނޫނެވެ.
- މުފްތީ އިސްމާޢީލް މެންކް
-
މުފްތީ މެންކް ވިދާޅުވެފައިވާ މި ކުޑަވާހަކަކޮޅުގައި ވަރަށް ގިނަ ޢިބްރަތްތަކެއް ހިމެނިފައިވެއެވެ. މިސާލަކަށް ފަރިއްކުޅުއްވުމަކީ އެހައި ބޮޑަށް ސަމާލުކަން ދެއްވާ ކަމަކަށް ނުވުމެވެ. ފަރިއްކުޅުއްވާ މިންވަރު މަދުކަމެވެ. ތަނަވސް ދިރިއުޅުއްވުމަކަށް އެދިވަޑައި ނުގަންނަވާ ކަމެވެ.
އެންމެ ބޮޑަށް ފާހަގަކޮށްލުން މުހިންމު ކަމަކީ ޓީވީގެ ކުރިމަތީގައި ހުންނަވައިގެން ލިބިވަޑައިގެންނެވި ހަނި ފުރުޞަތުގައިވެސް މަންމާފުޅަށާއި އަނބިކަނބަލުންނަށް ތަޢްރީފް ކުރައްވާފައި ވުމެވެ.
މުފްތީ މެންކްގެ ހުރި މިންވަރަށް އަހަރެމެންގެ ކިބައިގައި ތަޤްވާވެރިކަން ނުހުރެދާނެއެވެ. ނަމަވެސް ކެއުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ހަދައި ކެއުމަށް ކުރާ ޚަރަދު ކުޑަކުރެވިދާނެއެވެ. އަދި ރަހައަށް ޝަކުވާކުރުންވެސް ހުއްޓައިއިލެވިދާނެއެވެ. މައިމިހާ އަށާއި އަނބިމީހާގެ ޚިދުމަތް ފާހަގަކޮށް ތަޢްރީފްކުރާ ބައަކަށްވެސް ވެވިދާނެއެވެ.