ރަމަޟާން މަސް ފެށުމުން އޮތީ އެހެން މަސްތަކަށްވުރެވެސް ބޮޑަށް މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރުމެވެ. އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުންނެވެ. ނަމަވެސް މިބަޔާންކުރަނީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
ތިމާގެ ބެލިމުގެދަށުގައި ތިބި، ތިމާ ބަލަހައްޓަން ޖެހޭ، އަނބިދަރިންނަށް ނަމަވެސް އަދި ފިރިމީހާއަށް ނަމަވެސް އަދި އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދިނުމަށްފަހުގައި އެންމެ ކުޑަމިނުން ޝުކުރުވެރިވުމަށް ވެސް އެމީހާގެ ނުއެދޭށެވެ! އެކަން އެމީހަކަށް ދޫކޮށްލާށެވެ!
ކޮންމެ މީހަކަށް ކޮންމެ ކަމެއް ކޮށްދިން ނަމަވެސް ކޮށްދޭންވީ ﷲ ތަޢާލާގެ ވަޖުހަފުޅަށްޓަކައެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ސަވާބަށް އެދިގެންނެވެ. އެއީ ދުނިޔޭގެ އެންމެންގެ ތަޢްރީފާއި ޝުކުރަށްވުރެ މާ އަގު ބޮޑު އެއްޗެކެވެ. މާ ފައިދާކުރާނެ އެއްޗެކެވެ.
ކޮންމެ މީހަކަށް ނަމަވެސް އެހީތެރިވެ ކަންކަން ކޮށްދޭންވީ އެމީހަކަށްޓަކައެއް ނޫނެވެ. އެމީހެއްގެ ކިބައިން ލިބިދާނެ މަންފާއަކަށް ބަލައިގެނެއްވެސް ނޫނެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތައި އެހީތެރިވުމަށް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. "މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިއަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތަން" ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާތީއެވެ.
ހިތާމައަކީ ކަންކަން ކޮށްދިނުމަށްފަހު "ތިއައީ އެންމެ ކުޑަމިނުން ޝުކުރުވެރިވާނަ ވެސް ދަންނަ މީހެއް ނޫން" ކަމަށް ބުނެލާއަޑު އިވޭތީއެވެ.
"(ބުނަމުންނެވެ.) ތިމަންމެން ތިއަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހަ ފުޅަށްޓަކައެވެ. ތިއަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ." (އައްނިސާ: 9)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން