އެހެން މީހަކު ކުރިކަންތަކާ އޭނާގެ ފޯނު ބޭނުންކުރި ގޮތާމެދު ތިބާއާ ސުވާލެއް ނުކުރައްވަވާނެ! ތިބާގެ ޢަމަލުތައް އިޞްލާޙްކޮށްބަލަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެހެން މީހަކު ކުރިކަންތަކާ އޭނާގެ ފޯނު ބޭނުންކުރި ގޮތާމެދު ތިބާއާ ސުވާލެއް ނުކުރައްވަވާނެ! ތިބާގެ ޢަމަލުތައް އިޞްލާޙްކޮށްބަލަ!: މުފްތީ މެންކް

ފުރަތަމަ ކަމަކަށްވެސް ބުނެލަން އޮތީ މިވެނި ސަރަޙައްދެއްގައި ނުވަތަ މިވެނި ގެއެއްގައި އުޅޭ މީހާ ނުވަތަ މިވެނި މަޤާމެއްގައި ހުރިމީހާ ކުރިކަންކަމާއި އަދި އޭނާގެ ފޯނު ބޭނުންކުރިގޮތާއިބެހޭގޮތުން ތިބާއާއި ސުވާލެއް ނުކުރައްވަވާނެތެވެ. އެހެން މީހަކު އޭނާގެ ވަޤުތުތައް ހޭދަކުރި ގޮތާއި ބެހޭ ގޮތަކުންވެސް ތިބާއަކާއި ސުވާލެއް ނުކުރައްވަވާނެއެވެ. ސުވާލުކުރައްވަވާނީ ހަމަ ތިބާ ކުރި ކަންކަމާއިބެހޭ ގޮތުންނެވެ!

ކަން އޮތީ މިފަދައިން ނަަމވެސް މިއަދު ގިނަ ބައަކު ކަންބޮޑުވަނީ އެހެން މީހަކު ނުވަތަ އެހެން ބައަކު ކުރާ ކަންކަމަށެވެ. ދައްކަނީ އެވެނި މީހަކު މިވެނިކަމެއްކުރި ވާހަކައެވެ. އެކަންކަމަށްވެސް ކަންބޮޑުވާށެވެ. އެމީހުންނަށްޓަކައި ހެޔޮދުޢާކުރާށެވެ! ރަނގަޅު ގޮތް ބުނެދީ ހަނދާންވެސް ކޮށްލައިދޭށެވެ.

އެހެންކަމާއިއެކުވެސް ބޮޑަށް ބިރުގަންނަންވީ ތިމާގެ ޙާލާއިމެދުގައެވެ. ތިމާއަށް ކުރެވޭ ކަންކަމާއިމެދުގައެވެ. އެހެން މީހަކު ކުރިކަމަކާއިބެހޭ ގޮތުން ތިބާއަކާއި ސުވާލެއް ނުކުރައްވަވާނެތެވެ. ތިބާ އާއި ސުވާލުކުރައްވަވާނީ ތިބާ ކުރި ކަންކަމާއިބެހޭގޮތުންނެވެ. ތިބާކުރަންޖެހޭ ކަންކަމުގެ ތެރެއިން ނުކޮށް ދޫކޮށްލި ކަންކަމާއިބެހޭގޮތުންނެވެ.

މިއާޔަތަށް ވިސްނާށެވެ!

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސް ތައް ރައްކާތެރިކޮށް، އިޞްލާޙްކުރާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ ކިބައިން، ތިޔަބައިމީހުންނަށް ގެއްލުމެއް ނުލިބޭހުށްޓެވެ. ތިޔަބައިމީހުން އެންމެން އެނބުރިދިއުންއޮތީ، ﷲ ގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ." (އަލް މާއިދާ: 105)

މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން