ކިތަންމެ މަދުމިންވަރަކުން ނަމަވެސް ރޭއަޅުކަން ނުކޮށް ހާރުނުކާށެވެ! މިހެން މިބުނަނީ އެއީ ދީނުގައި މަނާކަމަކަށް ވެގެނެއް ނޫނެވެ. ރޭއަޅުކަން ނުކޮށްވެސް ހާރުކެއުމަކީ ހުއްދަ ކަމެކެވެ. އެކަމުގައި އެއްވެސް މައްސަލައެއްވެސް ނެތެވެ.
މިހެން މިބުނަނީ ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހުގައި ރޭއަޅުކަން ކުރުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ކޮށްލަންޖެހޭނެ ކަމަކީ ހާރުކާން ހޭލާ ގަޑި ތަންކޮޅެއް އަވަސްކޮށްލުމެވެ. 30 މިނިޓް ނަމަވެސް ކުރިން ހޭލައި އެންމެ 2 ރަކްއަތް ނަމަވެސް ކޮށްލާށެވެ! އެއަށްފަހު ޛިކުރުކޮށް ދުޢާކުރަން ކުޑައިރުކޮޅެއް ނަމަވެސް ހޭދަކުރާށެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަހުގައި ބަލަންވީ މީރުތަކެތި ވީހާ ގިނައިން ހާރަށް ކެވޭތޯއެއް ނޫނެވެ. ރޭއަޅުކަމުން ކޮންމެވެސް މިންވަރެއް ކޮށްލެވޭތޯއެވެ. ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ލިބިގަނެވޭތޯއެވެ. އެކަން ގުޅިފައިވަނީ ކާބޯތަކެއްޗަކާއެއް ނޫނެވެ. ކުރެވޭ އަޅުކަމާއެވެ!
ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ރަމަޟާންމަސްތެރޭގައި ވީހާގިނައިން އަޅުކަންކޮށް ރަމަޟާންމަހުގެ ޘަވާބާއި ދަރުމަ ލިބިގަތުމަށެވެ.
- މުފްތީ މެންކުގެ ދަރުސަކުން