ދާދިފަހުން އަލަށް އިސްލާމްވި ކްރިސްޓިއަން އަންހެނަކު ބުނެފައިވިއެވެ.
"އަހުރެން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފާދިރީން ދެމުން އައި ޖަވާބަކީ ސުވަރުގެ ވައްދަވާނީ ހަމައެކަނި ކްރިސްޓިއަނުން ކަމަށެވެ. ނަމަވެސް އަހުރެން ޤުރްއާން ބެލިއިރު އެކަން އޮތީ ތަފާތުކޮށެވެ. އަހުރެންނަށް ފެނުނީ ކޮންމެ ޒަމާނެއްގައިނަމަވެސް ﷲ ތަޢާލާއަށް އިމާންވެ ﷲ އަންގަވާފައިވާ މަގުން އުޅެފައިވާނަމަ ސުވަރުގެ ވައްދަވާނެ ކަމެވެ.
ކްރިސްޓިއަން ދީނަކީ މާފަހުގެ ދީނެކެވެ. އެއިގެ ކުރީގައިވެސް ﷲ އަށް އީމާންވެ ރަނގަޅު ގޮތުގައި މީސްތަކުން އުޅެފައިވާނެއެވެ. އެއެންމެން ކުރި އަޅުކަން ﷲ ޤަބޫލުފުޅު ނުކުރެއްވެވުމަކީ އަހުރެންގެ ބުއްދިއަށް ޤަބޫލުކުރެވޭ ކަމެއް ނޫނެވެ. އެހެންވެ އަހުރެން ރަނގަޅަށް ޤުރްއާން ދިރާސާކުރުމަށްވުމަށްފަހު ކްރިސްޓިއަން ދީން ދޫކޮށްލައި އިސްލާމްވީއެވެ.
އެކި މީހުން އިސްލާމްވަނީ އެކި އާޔަތްތަކުގައި ބަޔާންކުރައްވަވާފައިވާ ކަންކަމަށް ވިސްނުމަށްފަހުގައެވެ. އެއީވެސް ކީރިތި ޤުރްއާނުގެ މަތިވެރިކަމެވެ. ކޮންމެ އާޔަތެއްގައިވެސް ވަނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުކަން އެނގި ޔަޤީންވާ ސަބަބެކެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޢަބްދުލްޣަނީ އަލްމަޤްދިސީ (ރަޙިމަހުﷲ) ވިދާޅުވިއެވެ. އަޞްބަހާނުގެ މީހެއްގެ މެހެމާންދާރީގައި އަހަރެން ވީމެވެ. ނަމާދު ވަޤުތު ވަނުމުން ނަމާދުކުރުމަށް އަހަރެމެން އަވަސްވެގަތް ހިނދު، ނަމާދު ނުކުރާ މީހަކު ވިއެވެ. ބައެއް މީހުން ބުންޏެވެ. އެއީ އިރަށް އަޅުކަންކުރާ މީހެކެވެ. އަހުރެންގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ.
ރޭ އަޅުކަންކުރުމުގައި އަހަރެން ދެމިހުރީމެވެ. ދަމުނަމާދުގެ ރަކްޢަތްތަކުގައި އަޑުހަރުކޮށް ކިޔެވީމެވެ. އޭނާ އަޑުއަހާ ޙާލުގައެވެ. ދުވަސްތަކެއް ފަހުން އަހަރެން އެ މެހެމާންދާރީގައި ހުރި މެހެމާންސަރާއިން މީހަކު އައިސް އެއްކަލަ އިރަށް އަޅުކަންކުރާ މީހާ އިސްލާމްވާން ބޭނުންވާ ވާހަކަ ބުނެފިއެވެ. އަހަރެން އޭނާއާ ބައްދަލުކުރުމަށް އަވަސްވެގަތީމެވެ. އޭނާ އިސްލާމްވިއެވެ. އަދި ބުންޏެވެ. “ތިބާ ކީރިތި ޤުރުއާނުގައި އާޔަތްތައް ކިޔަވާ އަޑުއިވުމުން އަހަރެންނަށް އަސަރުކޮށް، އިސްލާމްދީން އަހަރެންގެ ހިތުގެ ތެރެއަށް ވަނީއެވެ.”
= އައްތަޤްވީމް 1433 – ޗާޕް އުބައިކާން=
- ޝައިޚް މުޙައްމަދު ޝާފިޢު
މިއީ އެޒަމާނުގެ ވާހަކައެކެވެ. މިއަދަށް ބެލިނަމަވެސް އަލަށް އިސްލާމްވާ ގިނަ ބައަކު އިސްލާމްވުމަށް މެދުވެރިވާ ސަބަބަކީ ޤުރްއާން އެނގުމެވެ. ޤުރްއާން ދިރާސާކުރާ ކަމެވެ.