ސަބަބެއް އޮތުމުން ކުރިން ހާރުކައިގެން ނިދި ނަމަވެސް ފަތިސް ނަމާދަށް ހޭލަން ސަމާލުކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ސަބަބެއް އޮތުމުން ކުރިން ހާރުކައިގެން ނިދި ނަމަވެސް ފަތިސް ނަމާދަށް ހޭލަން ސަމާލުކަންދޭށެވެ!

ސުންނަތުގައި އޮތީ ހާރު ފަސްކުރަން ނަމަވެސް ބައެއް މީހުން ނިދި ހަމަކުރުމުގެ ގޮތުން ނުަވަތ އެނޫންވެސް ސަބަބަކާއިހުރެ ކުރިން ހާރުކައިގެން ނިދައެވެ. ރަމަޟާން މަހުވެސް ވަޒީފާ އަދާކުރަން ޖެހޭތީ ހެނދުނު އޮފީހަށް ދާން ޖެހުމަކީވެސް ބައެއް މީހުންނަށް ސަބަބަކަށްވެއެވެ.

ހާރުކެއުން ވީހައި ފަސްކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެ ސުންނަތަށް އަމަލުކުރުމަކީ ރޯދައިގެ ސަވާބު އިތުރުވާނެ ކަމެކެވެ. އެމީހެއްގެ ޙާލަތު ހުރި ގޮތުން އެ ސުންނަތް ދޫކޮށްލި ނަމަވެސް ރޯދަ، ރޯދައަކަށްވާނެއެވެ.

ކިތަންމެ ހެނދުނާ އޮފީހަށް ދާން ޖެހުނު ނަމަވެސް ދޫކޮށް ނުލެވޭނެ ކަމެއް އެބައޮތެވެ. އެއީ ފަތިސް ނަމާދެވެ. ޤަޞްދުގައި ފަތިސް ނަމާދު ދޫކޮށްލައިގެން ނުވާނެއެވެ. ފަތިސް ނަމާދަށް ތެދުވަންވާނެއެވެ. ހޭލަންވާނެއެވެ! އިސްލާމް ދީނުގައި ރޯދަ އަންނަނީ ނަމާދުގެ ފަހަތުންނެވެ! އެހެންކަމުން ފަތިސް ނަމާދު ދޫކޮށްލައިފިނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

ފަތިސް ނަމާދަށް ނުހޭލާ މީހުންގެ ތެރެއިން ހޭލައިގެން ޤަޟާއަށްވެސް ފަތިސް ނަމާދުކުރަނީ މަދު މީހެކެވެ. އެހެންކަމުން ފަތިސް ނަމާދަށް ނުހޭލާ ގިނަ މީހުންނަށް އޮންނަނީ ފަތިސް ނަމާދު ނުކުރެވިފައެވެ.

ރޯދަ އާއި ގުޅިގެން ދީނީ ބައެއް ޢިލްމުވެރިން ދެއްވަވާ ދަރުސްތަކުގައި ފަރުޟު 5 ނަމާދު ނުކުރާ މީހާ ރޯދަ ހިފުމުގެ ބޭނުމެއް ނެތް ކަމަށްވެސް ބަޔާން ކުރައްވަވައެވެ. މާނައަކީ ފަރުޟު 5 ނަމާދު ކުރުމަކީ ރޯދަ ހިފުމަށްވުރެ ވެސް އިސްކަންދޭން ޖެހޭނެ ކަމެއް ކަމެވެ. ވީމާ އެންމެ ނަމާދެއްވެސް ނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ.

ރަމަޟާން މަހަކީ ގިނަވެގެން 30 ދުވަހެވެ. އެ 30 ދުވަހު ހިތްވަރުކޮށްލާށެވެ. އެކަމުގެ ފައިދާ ވަރަށް ބޮޑުވާނެއެވެ. ރަމަޟާން މަހުގެ 30 ދުވަހު ފަތިސް ނަމާދަށް ހޭލައި ފަތިސް ނަމާދުކުރުމަކީ އެކަމަށް މީހާ ހޭނި މުސްތަޤްބަލުގައިވެސް ފަތިސް ނަމާދު ކުރަން މަގުފަހިވެގެންދާ ކަމެކެވެ. ވީމާ ރަމަޟާން މަހަކީ އެކަމަށް ތަމްރީނު ހޯދަންވެސް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން