ވަޢުދު ފުއްދެވުމުގަ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ރެކޯޑް ހަދައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ވަޢުދު ފުއްދެވުމުގަ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ރެކޯޑް ހަދައިފި!

ފުރަތަމަ 14 ހަފްތާ އަށް ކަނޑައެޅި 161 ވަޢުދުގެ ތެރެއިން 155 ވަޢުދަށްވުރެ ގިނަ ވަޢުދުވަނީ ހަމަ އެއްކޮށް އެ ކަނޑައެޅި މިންވަރަށް ޙާސިލް ކުރެވިފައި ކަމަށާއި ރޭވިފައިވާ ގޮތަށް ހުރިހާ ވަޢުދުތަކެއްވެސް ފުއްދަވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ. މުޢިއްޒު މިމޭރުމުން ވިދާޅުވެފައިވަނީ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

މިއީ އިންތިޚާބުތަކުގައި ރައްޔިތުންނަށްވާ ވަޢުދުތައް ފުއްދުމުގައި ރާއްޖޭގައި މިހައިތަނަށް ރެކޯޑް އިންސައްތައެއްކަން ފާހަގަކުރެވެއެވެ.  

ސުވާލާ ޖަވާބު: 

ރައީސް ވަރަށް ގިނަ ވަޢުދުތަކެއް ވެގެންނޭ ރައްޔިތުންމިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އަރުވާފަ. އެހެންވީމަ މިހާތަނަށް މި ވޭތުވެގެން ދިޔަ މުއްދަތުގެ ތެރޭގަ ވަޢުދުގެ ކިތައް ޕަސެންޓް ފުއްދިއްޖެތޯ؟ ދެން އަޅުގަނޑުމެން ރައްޔިތުން މިތިބީ ހަމަ އިރާދުކުރެއްވިއްޔާ ހަމަ ވަގުތު ދީގެންނޭ ވަޢުދު ފުއްދުމަށްޓަކާ. މިހާރު ކޮށްލަން ބޭނުންވާ ސުވާލަކީ ވަޢުދުގެ ކިތައް ޕަސެންޓް ފުއްދިއްޖެތޯ؟ އެއީ ސުވާލަކީ: 

އާދެ ވަރަށް ރަނގަޅު ސުވާލެއް އިނގޭތޯ. އަޅުގަނޑު ވަޢުދުތައް ވީ އިރާދުކުރެއްވިއްޔާ ހުރިހާ ވަޢުދެއްވެސް ފުއްދަން. އިރާދުކުރެއްވިއްޔާ ހަމަ އެގޮތަށް މަސެއްކަތްތައްވެސް މި ކުރަނީ. 

ފުރަތަމަ 14 ހަފްތާ އަށް ކަނޑައެޅި 161 ވަޢުދެއް، މި ވަޢުދުތަކުގެ ތެރެއިން ފުއްދުމަށްޓަކާ. އޭގެތެރެއިން ހުރިހާ ވަޢުދެއްހެން މިހާރު ވަނީ އެ ކަނޑައެޅި ޓާގެޓާ ހަމައަށް ފުއްދިފަ. ދެތިން ކަމެއް ހަމަ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮއްސަ ވަނީ. 161 ވަޢުދުގެ ތެރެއިން 155 ވަޢުދަށްވުރެ ގިނަ ވަޢުދުވަނީ ހަމަ އެއްކޮށް އެ ކަނޑައެޅި މިންވަރަށް ޙާސިލް ކުރެވިފަ. 

އަދި ކުރިއަށް އޮތް ތަނުގަ ހަމަ ބައިވަރު ކަންތައްތައް އެހެރީ ކުރަން. އެއީ 14 ހަފްތާއަށް ކަނޑައެޅި ކަންތައްތައް. މިހާރު ކުރިއަށް އޮތް އަހަރަށް، އަދި ކުރިއަށް އޮތް އަހަރުތަކަށް ކުރަންޖެހޭ މަސައްކަތްތަކުގެ ބައިވަރު މަސައްކަތްތައް އެބަ ހިނގާ. އަޅުގަނޑު ރަށްރަށަށް ގޮއްސަ ރައްޔިތުންނާ ބައްދަލުކޮށްގެން މި ރައްޔިތުން ވިދާޅުވާ ކަންކަމަށްވެސް ކުރަން ޖެހޭ މަސައްކަތްތައް އެކި މިނިސްޓްރީތަކުންނާ ކުންފުނިތަކުން ވަރަށް ބާރު ސްޕީޑްގަ ވަނީ ފެށިފަ. އެހެންވީމަ ހުރިހާ ވަޢުދުތަކެއްވެސް އިރާދުކުރެއްވިއްޔާ ފުއްދިގެން ދާނެ.

މި 14 ހަފްތާއަށް ކަނޑައެޅި ހުރިހާ ވަޢުދެއްހެން އެވަނީ އިރާދުކުރެއްވިއްޔާމު ފުއްދި ޙާސިލް ކުރެވިފަ-

ޝުކުރިއްޔާ 

މިއަދު އޮންލައިން