ރަމަޟާން މަސް އައިސް ރޯދަ ހިފުމުން ގިނަ ބައަކަށް ވަރުބަލިކަން އިޙްޞާޞްކުރެވި ދުލުން ޛިކުރުތައް ކިޔަން އުނދަގޫވާ މީހުންވެސް ތިބެއެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ވަރުބަލިވެފައި އިންނައިރު ދުލުން ކިޔަންޖެހޭ ޛިކުރުތައް ހިތުން ކިޔަސް ފުދޭނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ.
ތިރީގައިވާ ލިޔުން ލިދާޅުވެލައްވާށެވެ!
ޤުރްއާން ކިޔެވުމާއި، ތަސްބީޙާއި، ތަޙްމީދާއި، ތަހްލީލާ، ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި، ނިދުމާއި ފާޚާނާއަށްވަންނަ ޛިކުރުތައްފަދަ ޛިކުރުތަކަކީ ދުލުން ކިޔުމަށް އައިސްފައިވާ ޛިކުރުތަކެވެ. މިފަދަ ޛިކުރުތަކުގައި ދޫ ޙަރަކާތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ. މިފަދަ ޛިކުރުތައް ކުރުމުން ލިބޭނެކަމަށް އައިސްފައިވާ ޘަވާބު ޙާޞިލުކުރެވޭނީ ދުލުން ކިޔައިގެންނެވެ.
މިފަދަ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމުން، ފިކުރުކުރުމާއި ތަދައްބުރުކުރުމުން ޘަވާބު ލިބުނުނަމަވެސް ދުލުންކިޔުމުން ލިބޭ ޚާއްޞަވެގެންވާ ޘަވާބެއް ޙާޞިލެއްނުކުރެވޭނެއެވެ.
އަދި ނަމާދުގެ ޛިކުރުތައް މީހެއްގެ ހިތުން އެ ޛިކުރުތައް ކިޔައިފިނަމަ އޭނާގެ ކިބައިން އެކަމެއް ޤަބޫލެއްނުކުރެވޭނެއެވެ. އެހެންކަމުން ދުލާއި، ދެ ތުންފަތް ޙަރަކާތްކުރަންޖެހޭނެއެވެ. އެހެނީ، އެ ޛިކުރުތަކަކީ ކިޔަންޖެހޭ ބަސްތަކެކެވެ. ދުލާއި ދެ ތުންފަތް ޙަރަކާތްކޮށްގެން މެނުވީ ކިޔަންޖެހޭ ބަސްތަކެއް ނުކިޔޭނެއެވެ.
- މަސްދަރު: ދިސަލަފިއްޔާ