ރޯދަ މަހު ކުދިން ކާން ޝައުޤުވެރިވާނެ ތަކެތި ހޯދައިދޭން ބެލެނިވެރިން، އެމީހުންގެ ކިބައިގައި ތަނަވަސްކަން ހުރިވަރަކުން މަސައްކަތްކުރެއެވެ. އެކަމުގައިވެސް ވިސްނާލަން ޖެހޭނެ ބައެއް ކަންކަން ހުރީތީ ފާހަގަކޮސްލާނަމެވެ.
ފުރަތަމަ ކަމަކަށް ހޯދައިދޭންވާނީ ހަމައެކަނި އެކުދިންނަށް މީރު، ކާހިތްވާތަކެއްޗެއް ނޫނެވެ. ކުދިންނަށް މީރުތަކެތީގެ އިތުރަށް ހަށިގަނޑަށް ފައިދާކުރާނެ ތަކެތިވެސް ތައްޔާރުކުރަންވާނެއެވެ. ދެބައި އެއްވަރުކޮށް ކާންދޭން މަސައްކަތްކުރަންވާނެއެވެ.
ސަބަބަކީ ކުދިންނަށް މީރުވާ ގިނަ ބާވަތްތަކަކީ ޞިއްހަތަށް ފައިދާކުރާތަކެތިކަމަށްނުވާކަމެވެ. މުޅި ދުވަހު ނުކައި ހުންނަންޖެހޭއިރު ވަރުބަލިނުވެ ރޮދައަށް ހުރެވޭނީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބިގެން ކަމެވެ. އެހަކަތަ ހޯދައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ގެއެއްގައި ކުދިން ގިނަ ނަމަ މީރުވެގެން ބޭނުންވާނެ ތަކެތިވެސް ގިނަވާނެއެވެ. އެހުރިހާއެއްޗެއް ކޮންމެ ދުވަހަކު ހޯދައިދިނުމަކީ މާލީ ގޮތުން ބުރަކަމަކަށްވާނެ ބެލެނިވެރިން ތިބޭނެއެވެ. އަދި ތައްޔާރުކޮށްދޭން ބުރަވާނެ މައިންވެސް ތިބޭނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ކުދިންނާއިވެސް މަޝްވަރާކޮށް އެދުވަހަކު ތައްޔާރުކުރާނެ އެއްޗެއް ކަނޑައަޅައި ކަންކަން ކޮށްދެވޭނެ މިންވަރުން ކަންކަން ކޮށްދިނުމެވެ. ހުރިހާ ކުދިން ބޭނުންވާ އެއްޗެތިވެސް އުޞޫލެއްގެމަތިން ކަނޑައަޅައި ތަރުތީބަކުން ތައްޔާރުކޮށްދިނުމެވެ.
ކުދިން ގްރޫޕްތަކަށް ބަހައިލާށެވެ. ދެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ގްރޫޕަކަށް ޚާއްޞަކޮށްގެން ތައްޔާރުކުރާށެވެ! ދެން ތިބި ކުދިން ގާތުވެސް އެކަން ބަލައިގަނެ އެހެން ކުދިންނަށް މީރު އެއްޗެތިވެސް ކާން ބުނާށެވެ!
އެކަމަށް އެންމެ ފަސޭހަވެ ކުދިން ޤަބޫލުކުރާނެ ގޮތެއްވެސް ބުނެފާނަމެވެ. ވިސްނައިދޭށެވެ. "ރޯދަމަހަކީ ހަމައެކަނި މަންމަ ދުވާލު ހަތަރުދަމު ބަދިގޭގައި އުޅެގެން ދެކޮޅު ޖެއްސެން އޮތް މަހެއް ނޫނެވެ. އެހެން ހަދައިފިނަމަ މަންމަ ހިފާ ރޯދައިން ބޮޑުބައެއް އުނިވާނެއެވެ. އެހެންވީމާ މަންމައަށް ލުއިކޮށްދީ އަޅުކަންކުރާނެ ވަގުތުވެސް ހުސްކޮށްދޭންވާނެ ނޫންހެއްޔެވެ؟"
އަދިވެސް ވިސްނައިދޭށެވެ! ކޮންމެ ދުވަހަކު އެހައި ގިނަ ބާވަތްތައް ހަދާނަމަ ހުރިހާ ބާވަތެއް އެހައި މީރުކޮށް ނުހެދިދާނެއެވެ. ވީމާ އެންމެ މީރުކޮށް ހަދައި ދެވޭނީ މަންމައަށް މަސައްކަތްކުރެވޭވަރަށް ކަންކަން ކުރަން ތިއަކުދިން ފުރުޞަތުދީގެންނެވެ.
މިފަދަ ވާހަކަތައް ބުނުމުން އެކުދިންނަކީވެސް ޙައިޞިއްޔަތެއްހުރި ބައަކުކަން ވިސްނި މަންމައަށް އެއްބާރުލުން ދޭން ބޭނުންވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން