ތަރަވީހް ނަމާދާއި ދަމުނަމާދު ގޭގައި ކުރުމުގެ ހުކުމާއި އަދި ގޭގައި ކުރުމާއި މިސްކިތުގައި ޖަމާޢަތުގައި ކުރުމުގެ ތެރެއިން ރަނގަޅީ ކޮންގޮތެއްތޯ؟ ގިނަ ބައަކު ސުވާލުކުރެއެވެ.
ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ
"ފަރުޟް ނަމާދަށްފަހު އެންމެ މަތިވެރިކަން ބޮޑު ނަމާދަކީ އެހެން މީހުންނަށް ސިއްރުން ގޭގައި އެކަނި ހުރެ ކުރާ ނަމާދުކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ވީމާ ތަރާވީޙް ނަމާދާއި ދަމު ނަމާދުކުރުންވެސް އެންމެ ރަނގަޅީ ގޭގައި އެކަނި ހުރެއެވެ. ނަމަވެސް އެކަނި ހުރެ ގޭގައި ނަމާދު ނުކުރެވޭނަމަ މިސްކިތުގައި ޖަމާއަތުގައި ކުރުމަކީ ބިދްޢައެއް ކަމަކަށް ނުބުނާނަމެވެ.
އެކަނި ހުރެ ގޭގައި ނަމާދުކުރާނަމަ ފަސޭހައިން ނިދި އައުމާއި ވަރުބަލިވުން އަވަސްވުން ފަދަ ކަންކަން ބައެއް މީހުންނަށް ކުރިމަތިވެދާނެއެވެ. ނަމަވެސް ޖަމާއަތުގައި ބައިވެރިވެގެން ކުރާނަމަ އެ މައްސަލަތައް ހައްލުވާނެއެވެ. ވީމާ އެސަބަބަށްޓަކައި ޖަމާޢަތުގައި ސުންނަތް ނަމާދު ކުރުމަކީ (ތަރާވީޙް، ދަމުނަމާދު) ކޮށްގެން ނުވާނެ ކަމެއްކަމަކަށްވެސް ނުބުނާނަމެވެ.
ރަސޫލް (ﷺ) ރޭ އަޅުކަން ކުރެއްވެވީ 2 ރަކްޢަތުން 2 ރަކްޢަތުންނެވެ. ފަތިސްވާން ކައިރިވުމުން ވިތުރީގެ 1 ރަކްޢަތް ކުރައްވަވާފައި ނިންމަވާލައްވަވަނީ އެވެ. ވީމާ ރޭ އަޅުކަމުގެ ގޮތުގައި ކުރަން ޖެހޭނީ ކިތައް ނަމާދުކަން އަދި ކިތައް ރަކްޢަތްކަން ބުނެވޭކަށެއް ނެތެވެ. އެމީހަކަށް ކުރެވުނު ވަރަކަށް ކޮށްފައި ނިންމާލަންވީ އެވެ."
ޖަވާބުދެއްވީ: ޝައިޚް ޖަޢްފަރު ފާއިޒް
ރަމަޟާން މަހު މައްކާގެ ޙަރަމްފުޅުގައި ވެސް ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރަނީވެސް ބޮޑު ޖަމާއަތުގަ އެވެ. ހަމައެއާއެކު ޢާންމުކޮށް ވިތުރި އާއި ދަމުނަމާދު ގޭގައި ނުކުރާ މީހަކަށް ރަމަޟާން މަސް އައުމުން އެކަނިހުރެ ގޭގައި އެނަމާދުކުރަން އުނދަގޫތަކެއްވެސް ހުރެދާނެއެވެ.