ރަމަޟާން މަހަކީ، އެމަހުގެ މަތިވެރިކަމަށްޓަކައި، އީމާންކަމުގެ އަހުލުވެރިންނަށް ޚާއްޞަ ފާފަ ފުއްސެވުން ވާ މަހެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 50ސ
ރަމަޟާން މަހަކީ، އެމަހުގެ މަތިވެރިކަމަށްޓަކައި، އީމާންކަމުގެ އަހުލުވެރިންނަށް ޚާއްޞަ ފާފަ ފުއްސެވުން ވާ މަހެކެވެ!

ރަމަޟާން މަހަށް އިސްތިޤްބާލްކުރުން- 

ޝަޢުބާންމަހުގެ ދުވަސްތައްނިމި އަޅުގަނޑުމެންނާ ކުރިމަތިލާފައިމިވަނީ،ﷲ ޞުބުޙާނަހޫ ވަތަޢާލާ މަސްތަކުގެ ތެރެއިން އެންމެ މާތްކުރެއްވި މަސްކަމުގައިވާ، ރަމަޟާންމަހުގެ ބަރަކާތްތެރި ދުވަސްތަކާއެވެ. މިމަހަކީ އެތައްގޮތަކުން މަތިވެރިކުރައްވާފައިވާ މަހެކެވެ. މިމަހަކީ، ﷲ ޞުބުޙާނަހޫ ވަތަޢާލާ ބާވާލެއްވި ފޮތްތަކުގެ ތެރެއިން، އިބްރާހީމްގެފާނަށް ޞުޙުފާއި، މުސާގެފާނަށް ތައުރާތާއި،ޢީސާގެފާނަށް އިންޖީލު އަދި އެންމެހާ ފޮތްތަކުގެ ތެރެއިން އެންމެ މާތް ފޮތް ކަމުގައިވާ ޤުރުއާން، އެންމެ މާތް ނަބިއްޔާصلى الله عليه وسلم ގެމައްޗަށް، ބާވާލެއްވުނު މަހެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. 

((أُنْزِلَتْ صُحُفُ إِبْرَاهِيمَ أَوَّلَ لَيْلَةٍ مِنْ رَمَضَانَ ، وَأُنْزِلَتِ التَّوْرَاةُ لِسِتٍّ مَضَيْنَ مِنْ رَمَضَانَ ، وَأُنْزِلَ الإِنْجِيلُ لِثَلاثَ عَشْرَةَ لَيْلَةً خَلَتْ مِنْ رَمَضَانَ ، وَأُنْزِلَ الزَّبُورُ لِثَمَانِ عَشْرَةَ خَلَتْ مِنْ رَمَضَانَ ، وَأُنْزِلَ الْقُرْآنُ لأَرْبَعٍ وَعِشْرِينَ خَلَتْ مِنْ رَمَضَانَ)) [رواه أحمد وحسنه الألباني] 

މާނައީ: ” އިބްރާހީމްގެފާނުގެ ޞުޙުފު ބާއްވައިލެއްވުނީ ރަމަޟާން މަހުގެ ފުރަތަމަ ރޭގައެވެ. އަދި ތައުރާތު ބާއްވައިލެއްވުނީ ރަމަޟަން މަހުގެ ހަރޭ ފާއިތުވުމަށް ފަހުއެވެ. އަދި އިންޖީލް ބާއްވައިލެއްވުނީ ރަމަޟާންމަހުގެ ތޭރަ ރޭ ފާއިތު ވުމަށްފަހުއެވެ. އަދި ފުރްޤާން (ޤުރުއާން) ބާއްވައިލެއްވުނީ ރަމަޟާން މަހުގެ  ސައުވީސް ރެއަށް ފަހުއެވެ". 

ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ [البقرة: ١٨٥]

މާނައީ: "ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ." 

އަދި އެ ޤުރުއާން ބާވާލެއްވުނީ ލައިލަތުން ޤަދުރި ވިލޭރޭގައެވެ. އެރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެކެވެ. އެރޭވެސް ހިމެނިގެންވަނީ ރަމަޟާން މަހުގެ ރޭތަކުގެ ތެރެއިން ރެއެއްގައެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. 

﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ*وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ *لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ﴾  [القدر: ١-٣]

މާނައީ:”ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ލައިލަތުލްޤަދްރިގައެވެ. (ނިޔާކަނޑައެޅޭ ރޭގައެވެ.) [1] އަދި ލައިލަތުލްޤަދްރިއަކީ ކޮބާކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. [2] ލައިލަތުލްޤަދްރި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. [3] 

އަދި ޤުރުއާނުގައި އެއިލާހު ވަޙީކުރެއްވިއެވެ.

﴿فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ﴾ [البقرة: ١٨٥]

"ފަހެ ތިޔަބައިމީހުންގެތެރެއިން އެމައްސަރާ (ރަމަޟާންމަހާ) ބައްދަލުވެއްޖެ މީހާ ރޯދަހިފާހުށިކަމެވެ." 

އަދި މިމަހަކީ، މިމަހުގެ މަތިވެރިކަމަށްޓަކައި، ﷲތަޢާލާގެ ކިޔަމަންތެރި އަޅުންނަށްވާ، ނިޢުމަތުގެ ގޯތީގެ ދޮރުކޮޅުތައް ހުޅުވިގެންދާ މަހެވެ. އަދި އެއިލާހުގެ ނުކިޔަމަންތެރިއަޅުންނަށްވާ، ޢަޛާބުގެ ގޯތީގެ ދޮރުކޮޅުތައް ބަންދުކުރެވިގެންދާ މަހެވެ. ނުކިޔަމަންތެރި، ޖައްބާރު މާރިދުންތައް ހިލިހިލާތަކުގައު ކަސްދޮޅު އެޅުވޭ މަހެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ.  ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. 

((إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ النَّارِ وَصُفِّدَتِ الشَّيَاطِينُ))[رواه البخاري ومسلم]

މާނައީ: "ރަމަޟާން މަސް  އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުވެއެވެ. އަދި ޝައިޠާނުންތައް ކަސްތޮޅު އެޅެއެވެ." 

އަދި މިމަހަކީ، މިމަހުގެ މަތިވެރިކަމަށްޓަކައި، އީމާންކަމުގެ އަހުލުވެރިންނަށް ޚާއްޞަ ފާފަ ފުއްސެވުން ވާ މަހެކެވެ. އަބޫހުރައިރާرضي الله عنهގެ އަރިހުން ރިވާވެގެންވާވެގެން ވެއެވެ.  ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާކަމުގައި ވިއެވެ. 

((الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ))[رواه مسلم] 

މާނައީ: "ފަރުޟު ފަސްނަމާދާއި އެއް ހުކުރު ނަމާދުން އަނެއް ހުކުރުނަމާދަށާއި، އެއް ރަމަޟާންމަހުން އަނެއްރަމަޟާންމަހަށް އެއީ، ބޮޑެތި ފާފަތަކުން ދުރުވެފައިވާނަމަ އެދެމެދުގައި ކުރެވިފައިވާ ކުދިފާފަތަކަށްވާ ކައްފާރާއެކެވެ." 

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އަދި މީގެއިތުރުންވެސް އެތައްގޮތަކުން ﷲ ޞުބުޙާނަހޫވަތަޢާލާ އެމައްސަރުގެ ދަރުމައާއި ޘަވާބު މަތިވެރިކުރެއްވިއެވެ. މިއީ ﷲތަޢާލާ އެންމެހާ އަޅުތަކުންގެކިބައިން ފުދިވޮޑިގެންވާހާލުގައި އެއިލާހުގެ އީމާންކަމުގެ އަހުލުވެރިންނަށް އޯގާތެރިވެވޮޑިގެންވާހާލު ދެއްވާފައިވާ ކަންކަމެވެ. ވީހިނދު ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުން މިބަރަކާތްތެރި މައްސަރާ ކުރިމަތިލާނީ ކޮންފަދައަކުންހެއްޔެވެ؟ ރަމަޟާން މަސް އެމީހަކާ ބައްދަލުވެ، އެމީހާގެ ވެރި ރައްބަށް ކުށްފާފަތަކުން ތައުބާވެ، އެރައްބުގެ ޛިކުރުން އެއްކިބާވެ ހުރުމުގެ ޣަފުލަތުން ރުޖޫޢަވެ، އެމަހުގެ ޙައްޤުތައް ފުރިހަމަ އަށް އަދާކޮށްފި މީހަކަށް، އެ މަސް ބައްދަލުވުމީ ބޮޑުވެގެންވާ ނިޢުމަތެއްކަން ދަންނާށެވެ.

އެހެންކަމުން މިމަހުގެ ހެޔޮކަންކަމުން ޣާފިލުކުރަނިވި ހުރިހާކަމަކުން އެއްކިބާވެ، ހެޔޮކަންކަމުގާ ކުރިއަރާދިޔުމުގެ ފޮނި އުންމީދުގައި މި ބަރަކާތްތެރި މައްސަރާ ކުރިމަތިލާބަޔަކަށްވާށެވެ. ރޯދަމަހުގެ ކޮންމެ ދުވަހެއްގައި ގޮވާލައްވާ ފަރާތަކުން ގޮވާލައްވާނެއެވެ. 

((يَا بَاغِيَ الخَيْرِ أَقْبِلْ ، وَيَا بَاغِيَ الشَّرِّ أَقْصِرْ))[رواه الترمذي وصححه الألباني]

މާނައީ: "އޭހެޔޮކަންކަމަށް އެދޭމީހާއެވެ. އަވަހަށް ހެޔޮކަންކަމަށް ކުރިމަތިލާށެވެ. އަދި އޭ ނުބައިކަންކަމަށް އެދޭމީހާއެވެ. ނުބައިކަންކަން ކުރުން ހުއްޓާލާށެވެ." 

އަދި މިމަހުގެ ހެޔޮކަންކަމުން މީސްތަކުން ޣާފިލުކޮށް، ޣަފުލަތުގެ ތެރެއަށް މީސްތަކުންނަށް ދަޢުވަތުދޭމީހުންނަށް ބުނަމެވެ. މިމަހުގައި މީސްތަކުންގެ ހިތްތައް ހެޔޮކަންކަމަށް ޝައުޤުވެރިކުރެއްވުމަށްޓަކައި، މިމަސް މަތިވެރިކުރައްވާ މިމައްސަރުގެ ދަރުމައާއި ޘަވާބު މަތިވެރިކުރައްވާފައިވެއެވެ. ވީހިނދު ﷲތަޢާލާގެ ޙަޟްރަތަށް މީސްތަކުން ހެޔޮކަންކަމުގައި ކުރިއަރާ ދިޔުމަށް ހުރަސްއަޅާ ބަޔަކަށް ތިޔަބައިމީހުން ނުވާށެވެ. ނޫންނަމަ ﷲތަޢާލާ ތިޔަބައިމީހުންގެ ކިބައިން ޤިޔާމަތްދުވަހުގައި އެކަމުގެ ޢުޤޫބާތް ހިއްޕަވާނެކަމާމެދު ބިރުވެތިވާށެވެ. 

وصلى الله عليه وسلم على سيدنا محمد وعلى آله وصحبه وسلم. 

 -އައްޝައިޚް މުއުތަމިން އަޙްމަދު

 

މިއަދު އޮންލައިން