ދޮގުހެކި ދިނުމަކީ އެންމެ ބޮޑު އެއްފާފަ! ތިމާއަށް ޔަޤީންނުވާ ކަމެއްގެ ލިޔުމުގަ އެއީ ތެދު ކަމަށް ސޮއިކުރުންވެސް ވާނީ ދޮގުހެކި ދިން ކަމަށެވެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދޮގުހެކި ދިނުމަކީ އެންމެ ބޮޑު އެއްފާފަ! ތިމާއަށް ޔަޤީންނުވާ ކަމެއްގެ ލިޔުމުގަ އެއީ ތެދު ކަމަށް ސޮއިކުރުންވެސް ވާނީ ދޮގުހެކި ދިން ކަމަށެވެ!: ޢުމަރު ސުލައިމާން

އެންމެ ބޮޑެތި ފާފަތައް ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅުކުރައްވަވާފައިވެއެވެ. "ޝިރުކުރުމާއި ބައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި (އެމީހުންނަށް އަނިޔާވެރިވުމާއި) އަދި ދޮގުހެކިދިނުމެވެ." މިފަދައިން ޙަދީޘްފުޅު ކުރައްވަވާފައި ދޮގުހެކިދިނުން އެތައް ފަހަރަކު ތަކުރާރުކުރެއްވެވެވިއެވެ. 

އެކަމުން އަންގައިދެނީ ދޮގުހެކިދިނުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ. ފާފައިގެ ބޮޑުކަމެވެ. 

މީސްތަކުންނޭވެ! ދޮގުހެކިދިނުމަކީ ހަމައެކަނި ކޯޓުގައި ދޮގުހެކިދިނުމެއް ނޫނެވެ. ދޮގުވާހަކައެއް ލިޔެފައިވާ ކަރުދާހެއްގައި އެއީ ތެދުކަމަށް ސޮއިކުރުމަކީވެސް ދޮގުހެކިދިނުމެވެ. ސޮއިކުރުމުގެ ކުރިން ވުޟޫނުކުރާތީ، ތެދުބަސްބުނަން ޤުރްއާނުގައި އަތްލައި ހުވާނުކުރާތީ ކުރާ ޢަމަލުގެ ފާފަ ކުޑަވެގެންދާނެ ކަމަށް ހީނުކުރާށެވެ. 

އަދި އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭ މައްސަލައެއް ކަމަށް ނުވާނެކަމަށް ހީނުކުރާށެވެ! ދުލުން ބުނެ ހެކިބަސް ދިނަސް، ލިޔުމެއްގައި ސޮއިކޮށްގެން ހެކިބަސްދިނަސް އަދި ކުރާ އިޝާރާތަކުން ހެކިބަސްދިނަސް އެކަންވާނީ ހަމަ ހެކިބަސްދިނުން ކަމަށެވެ. 

ކިތަންމެ ބޮޑު މަންފާއެއް ދުނިޔެއިން ލިބެން އޮތަސް ތިމާއަށް ޔަޤީންނުވާ އެއްވެސްކަމެއްގައި ހެކިބަސްނުދޭށެވެ. ހެކިބަސްދޭނަމަ ދޭންވާނީ އެކަމެއް ތިމާއަށް އެނގޭ ގޮތަކަށެވެ. ތެދުވެރިވެ ތެދުބަސްބުނެ ޙައްޤު ހެކި ދިނުމަކީ ޘަވާބު ދެއްވަވާ ހެޔޮ ޢަމަލެކެވެ. 

ތެދުބަސް ބުނުމުން އެކަމުން ގެއްލުން ލިބެނީ ކާކަށްކަން ބެލުމެއް ނެތެވެ. އަންގަވާފައިވަނީ އަމިއްލަ ނަފްސަށްވެސް ދޮގުނުހެދުމަށާއި މައިންބަފައިންގެ ނުވަތަ ޢާއިލީ ކަންކަމުގައިވެސް އިންޞާފުން ކަންކަން ކުރުމަށެވެ. އިންޞާފުން ކަންތައް ކުރިކަމަށްވާނީ ޙައްޤުބަސް ބުނެ ޙައްޤަށް ޢަމަލުކުރުމުންނެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން