ޤުރްއާނުގެ މައްސަރާ ބައްދަލުވުމުން ޤުރްއާން ނުކިޔަވާފަ ދަރިންގެ ބޮލުގަ އަޅުވަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޤުރްއާނުގެ މައްސަރާ ބައްދަލުވުމުން ޤުރްއާން ނުކިޔަވާފަ ދަރިންގެ ބޮލުގަ އަޅުވަން ހެޔޮނުވާނެ!

ބައެއް މައިންބަފައިން މުޅި ރަމަޟާން މަސް ނިމިގެންދާއިރު ކީރިތި ޤުރްއާނާއި ދުރުގައި ދުވަސްތަކާއި ރޭތައް ހޭދަކޮށްލާފައި އެކަން އެގޮތަށް މެދުވެރިވީ ލިބިފައި ތިބި ދަރިންގެ ސަބަބުން އެކުދިން އުނދަގޫކުރާތީ ކަމަށް ބުނެ އެބަ އުޒުރު ދައްކައެވެ. މިއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. 

ދަރިން ތަރުބިއްޔަތުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ދަރިން ބަލަމުންވެސް ޤުރްޢާން ކިޔަވަން މަސައްކަތްކުރީމާ ކިޔެވޭނެއެވެ. ޤުރްއާން ކިޔަވާ އުމުރުގެ ކުދިން ލައްވައި ކިޔުއްވަމުންވެސް ކިޔެވޭނެއެވެ. އެއަށްވުރެ ކުޑަކުދިން ކުޅެން ކައިރީގައި ބައިތިއްބައިގެންވެސް ކިޔެވޭނެއެވެ. 

އަންހެންވެރިންނަށް ދުވާލު ހަތަރުދަމު ބަދިގެތެރޭގައި އުޅޭނެ ވަގުތު ހޯދެއެވެ. ފިރިހެނުންނަށް އެމީހުން ކުރަން ބޭނުންވާ ކަންކަން ކުރާނެ ވަގުތު ހޯދެއެވެ. ވަގުތު ނުހޯދޭ ހަމައެކަނި ކަމަކަށްވެފައި މިއޮންނަނީ އަޅުކަންކުރުމެވެ. ޚާއްޞަކޮށް ޤުރްއާން ކިޔަވައިލުމެވެ. މިއީ ކިހިނަކުން ދެކޮޅު ޖެއްސޭނެ ވާހަކައެއް ހެއްޔެވެ؟ 

ވަގުތު ނުވެގެން މުޅި ދުވަހު ޤުރްއާން ނުކިޔަވައި ދޫކޮށްލާއިރު މިބުނިފަދައިން ތިމާ ކުރަން ޝައުޤްވެރިވާ ހުރިހާ ކަންކަން އޮންނަނީ ކޮށް ނިންމައިފައެވެ. ހަވީރު ފިނިބުރުވެސް ޖަހައިފައެވެ. ސިލްސިލާވެސް ބަލައިފައެވެ. ރައްޓެހިންނާ އަނގަތަޅަން އެތައް ވަގުތެއް ހޭދަކޮށްފައެވެ. ސޯޝަލް މީޑިއާގައި އެތައްބައިވަރު ވަގުތުތަކެއް ހޭދަކޮށްލައިފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިނގާ ކަންކަމުގެ ޚަބަރުތަކާ ފިލްމީ ތަރިން ޖައްސާ ލިޕްސްޓިކްގެ ކުލަ ބަލަންވެސް ވަގުތު ލިބެއެވެ. ބައެއް ޓިވީތަކުން ފޮނުވާ ޝައިޠޯނީ ޕްރޮގްރާމްތައް ބަލަންވެސް ވަގުތުވެއެވެ.

ނިކަން ބުނެބަލާށެވެ.! ތިބާ އެކަނިމާއެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރެ މިކަންކަމަށް ޖަވާބުދާރީވާންޖެހޭ ދުވަހު ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟ ތިބާގެ ވަގުތުތަކުގެ ބޭނުން ތިބާ ހިފި ގޮތާއިމެދު ޖަވާބުދާރީވާން ޖެހޭނެއެވެ. ލޮލުން ބެލި މަންޒަރުތަކަށާއި ކަންފަތުން އެހި އަޑުތަކަށާއި ދުލުން ދެއްކި ވާހަކަތަކަށްވެސް ޖަވާބުދާރީވާންޖެހޭނެއެވެ. އެދުވަހު ދަރިންނޭ، ވަޒީފާއެ، މަސައްކަތޭ ކިޔައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ.

ލޮބުވެތި އެންމެހައި ބޭފުޅުންނޭވެ! މިފެށުނީ ޤުރްއާނުގެ މައްސަރުކަމަށް ބުނެވޭ އަޑު އެތައް ފަހަރަކު ނުއަހާ ހަމައެކަކުވެސް މިހާރަކު ނުހުންނާނެއެވެ! ވީމާ ހިފާ ރޯދަ، ރޯދައަކަށް ހަދައި ހިފި ރޯދައިގެ ފުރިހަމަ ޘަވާބު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން