ހުކުރު ދުވަހު ޢާއިލާ އެކުގަ ތިބެގެން ﷲ ގެ މަތިން ހަނދުމަކުރަން ވަޤުތުކޮޅެއް ހޭދަކުރާނަމަ އެކަމުން ދަރިންނަށް ކުރާ ފައިދާ ވަރަށް ބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ހުކުރު ދުވަހު ޢާއިލާ އެކުގަ ތިބެގެން ﷲ ގެ މަތިން ހަނދުމަކުރަން ވަޤުތުކޮޅެއް ހޭދަކުރާނަމަ އެކަމުން ދަރިންނަށް ކުރާ ފައިދާ ވަރަށް ބޮޑުވާނެ! އިން ޝާ ﷲ

ހަފްތާގެ މަސައްކަތު ދުވަސްތަކުގައި އުޅުންޖެހޭ ބުރަކަމުން ހަފްތާ ނިމޭއިރު ގިނަ ބައަކަށް ތިބެވެނީ ﷲ ތަޢަލާ އާއި ކޮންމެވެސް މިންވަރަކަށް ދުރުހެލި ވެވިފައެވެ. ހުކުރު ދުވަހަކީ އެކަންކަން ތާޒާކޮށްލާ ދުވަހަކަށް ހަދާށެވެ! އެއިރުން އަންނަ ހަފްތާ ފެށޭނީ ވަރަށް ތާޒާކަމާއިއެކުގައެވެ. ވީމާ ހަފްތާގައި ގެއްލިގެންދާ ބައި ފޫބައްދާ ދުވަހަކަށް ހުކުރު ދުވަސް ހަދާށެވެ!

އީމާންކަންވެސް އަދި ތަޤްވާވެރިކަންވެސް ތާޒާވަމުން ދާނީ ﷲ ތަޢާލާ ހަނދުމަކުރިވަރަކުންނެވެ! ޙަޤީޤީ ހުރިހާ ކާމިޔާބީތަކެއްގެވެސް ތަޅުދަނޑިއަކީވެސް ހަމަ އެއީއެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ.

ހުކުރު ދުވަހެއް ނިމުމުގެ ކުރިން ޢާއިލާ އެކުގައި ތިބެގެން އިސްލާމް ދީނުގެ ކޮންމެވެސް ކަމަކަށް މަޝްވަރާކޮށްލާށެވެ! ﷲ ތަޢާލާ މަތިވެރިކުރަން ކިތަންމެ ނަމަވެސް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ! ޢިބްރަތްތެރި ތަރުސެއް ނުވަތަ މަދަޙައެއް ނަމަވެސް ވިސްނުންތޔެރިކަމާއިއެކު އަޑުއަހައިލާށެވެ! އެކަމުގެ ފައިދާ ވަރަށް ބޮޑަށް ފެންނާނެއެވެ! އިން ޝާ ﷲ!

މިސްތަކުން ތިބާ ދެކެ ލޯބިވާނީ ތިބާގެ ކިބައިން ކަމަކަށް ބޭނުންވުމުންނެވެ. އެ ބޭނުމެއް ފުދުމުން ތިބާގެ މަތިން ހަނދާން ނައްތައިލާނެއެވެ! ނަމަވެސް ތިބާ ﷲ ގެ މަތިން ހަނދުމަ ނައްތައިލި ނަމަވެސް ﷲ ތިބާގެ މަތިން ހަނދުމަކުރެއްވެވުން ހުއްޓަވައެއް ނުލައްވަވަތެވެ. ވީމާ ﷲ ގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ!

ހަފްތާގެ ކޮންމެ ދުވަހަކީވެސް ވަރަށް ބުރަކޮށް މަސައްކަތުގައި އުޅެންޖެހޭ ދުވަހެކެވެ. އެހެންކަމުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން އެކަށީގެންވާ ވަގުތު އޮންނަނީ ހަމަ ނުލިބިފައެވެ. ހުކުރު ދުވަހަކީ ރަސްމީ މަސައްކަތް އެހައި ގިނައިން ކުރަން ޖެހޭ ދުވަހެއް ނޫނެވެ. ގިނަ ބައަކަށް ރަސްމީ މަސައްކަތް އެއްވެސް ވަރަކަށް ކުރަން ޖެހޭ ވެސް ދުވަހެއް ނޫނެވެ.

ހުކުރު ދުވަހު ޢާންމު ގޮތެއްގައި ކޮށް އުޅެނީ އަމިއްލަ ކަންކަމެވެ. ހަފްތާގައި ނުކުރެވި ހުރި ކަންކަމެވެ. ވީމާ އެކަންކަން ކުރަމުންވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށް ވަގުތު ހޯދާށެވެ! މަސައްކތުގައި އުޅެމުންވެސް ﷲ ތަޢާލާގެ މަތިން ހނދުމަކުރުން ގިނަކުރާށެވެ! ހުކުރު ދުވަހުގެ އެންމެ ބޮޑު މަޤްޞަދަކީ އެއީ ކަމުގައި ހަދާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން