ނަމާދުގަ މައުމޫމުން ކިޔާތަކެތި ޖެހިގެން ތިބޭ މީހުންނަށް އަޑުއިއްވުން- އެެހެންމީހުންނަށް އުނދަގޫވެ ޚުޝޫޢަތްތެރިވާން ހުރަސްއެޅޭކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ނަމާދުގަ މައުމޫމުން ކިޔާތަކެތި ޖެހިގެން ތިބޭ މީހުންނަށް އަޑުއިއްވުން- އެެހެންމީހުންނަށް އުނދަގޫވެ ޚުޝޫޢަތްތެރިވާން ހުރަސްއެޅޭކަމެއް!

ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ކިޔެވުމާއި ޛިކުރުކުރާއިރު އެ ކިޔާމީހަކަށް އަޑުއިވެންޖެހޭނެކަމަށް ޝަރުޠުކުރައްވައެވެ. އެބޭކަލުންގެ މެދުގައި އެއީ ވާޖިބެއްތޯ ނުވަތަ އެދެވިގެންވާގޮތެއްތޯއާމެދު ޚިލާފުވެވަޑައިގެންނެވިނަމަވެސްމެއެވެ. އެއީ އެ ޛިކުރުތައް ގުނުމަށްޓަކައެވެ. އަޑުއިވުން ރަނގަޅުމީހެއްނަމަ އެ އަޑުއިވުމަށް ހުރަސްއަޅާފާނެ، ނުވަތަ އަޑުއިވުން މަނާކުރާނެކަމެއް ހުރެގެންނުވާނެއެވެ. އަދި ހަމައެކަނި ދުލާއި ދެ ތުންފަތް ޙަރަކާތްކުރުމަކުން ނުފުދޭނެއެވެ.

އަދި ބުނެވިފައިވެއެވެ. އަޑުއިވުން އެއީ ވާޖިބުކަމެއް ނޫނެވެ. އެހެނެއްކަމަކު، އަޑުނުއިވުނުނަމަވެސް ދުލުން ލަފުޒުތައް ކިޔައި، އަކުރުތައް ކިޔައިފިނަމަ ފުދޭނެއެވެ. އެހެނީ، މި މިންވަރަށް ކިޔައިފިނަމަ ކަލިމަތައް ކިޔައިފިކަމުގައި ވާނެއެވެ. އަދި ކިޔާމީހާއަށް އަޑުއިވުމަކީ ބަސްބުނުމާއި ވާހަކަދެއްކުމުގެ އިތުރަށް އަންނަކަމެކެވެ. އަދި އަޑުއިވުން ވާޖިބުވާނެ ދަލީލެއް އައިސްފައެއްނުވެއެވެ. މިއީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާއާއި އިބްނުލް ޤައްޔިމް އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. އަދި އައްޝައިޚު އިބްނު ޢުޘައިމީހުން ރާޖިޙުކުރައްވާފައިވާ ގޮތެވެ. ރަޙިމަހުމުﷲ!

މި އަޅުކަމުގައި އެންމެ ރައްކާތެރިގޮތަކީ: ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. (އެބަހީ؛ ޛިކުރުކުރާއިރު އަމިއްލައަށް އަޑުއިވޭވަރަށް ޛިކުރުކުރުމެވެ.) މަސްދަރު: ދިސަލަފިއްޔާ

މިބަސްފުޅަށް ބަލައި ބައެއް މީހުން ނަމާދުތަކުގައި ޖެހިގެން ތިބޭ މީހުންނަށް ވެސް އަޑުއިވޭވަރަށް ބާރަށް ކިޔައެވެ. އެކަމުން އެހެން މީހުންގެ ނަމާދަށް އުނދަގޫވެއެވެ. ޚުޝޫޢަތްތެރިވާންވެސް އުނދަގޫވެއެވެ. ނަމާދުގައި އެހެން މީހުންނަށް އަޑުއވޭވަރަށް ކިޔަވަން އޮތީ ރޭގަނޑުގެ ނަމާދުތަކުގައި އިމާމް މީހާ އަޑުއިއްވައިގެން ކިޔަންޖެހޭ ތަކެއްޗެވެ. އަލްޙްމްދާއި ސޫރަތެވެ. ޤުނޫތެވެ. ތަކްބީރެވެ. އެކަނިހުރެ ރޭގަނޑުގެ ނަމާދުކުރިނަމަވެސް އެތަކެތި ބާރަށް ކީދާނެއެވެ.

ނަމަވެސް ޖަމާއަތުގެ ސަފުގައި ނަމާދަށް ހުރެގެން އެހެން މީހުންނަށް އަޑުއިވޭވަރަށް ނަމާދުގައި ކިޔާ ޛިކުރުތަކާއި ސޫރަތް ކިޔަވަން ބުނާ ބުނުމެއް އަދި މިހައިތަނަށް ފެނިފައެއް، އަދި އަޑުއިވިފައެއްވެސް ނެތެވެ. އަދި އެގޮތަށް އެކަންކުރާނަމަ އެއީ ދެއްކުންތެރިކަމުގެ ޢަމަލަކަށްވެދާނެ ކަމަށާއި އެހެން މީހުންގެ ނަމާދަށް އުނދަގޫވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި އެބަހުއްޓެވެ.

 

މިއަދު އޮންލައިން