ތައުބާވެ އިޞްލާޙްވާން ދެކޮޅު ހަދާ މީހުންނަށް ނަރަކަ ފުދެއެވެ! ހަނދާންކޮށްދިނުމުން ދެކޮޅުހަދާނަމަ ޖަދަލުނުކޮށް އެމީހަކާ ދުރުހެލިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ތައުބާވެ އިޞްލާޙްވާން ދެކޮޅު ހަދާ މީހުންނަށް ނަރަކަ ފުދެއެވެ! ހަނދާންކޮށްދިނުމުން ދެކޮޅުހަދާނަމަ ޖަދަލުނުކޮށް އެމީހަކާ ދުރުހެލިވާށެވެ!

ޢާއިލާގެ މީހަކުނަމަވެސް އެކުވެރިއަކުނަމަވެސް ދުރުމީހަކުނަމަވެސް ފާފަކުރާކަން އެނގޭނަމަ ތައުބާވެ ޢަމަލުތައް އިޞްލާޙްކުރަން ބުނާށެވެ! ތަޤްވާވެރިއަކު ކަމުގައިވުން އެދިގެން ހެޔޮ ނަޞޭޙަތް ދޭށެވެ! އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށްޓަކައި އަދާކުރަންޖެހޭ ވަރަށް މަތިވެރިވާޖިބެކެވެ.

ނަމަވެސް އެކަމަށް އޭނާ ދެކޮޅު ހަދައިފިނަމަ ޖަދަލުކުރުމެއްނެތެވެ! އޭނާއަށް ނަރަކަ ފުދެއެވެ. އެކަން ﷲ ތައާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ.

"އަދި ﷲ އަށް ތަޤްވާވެރިވާށޭ އެމީހާއާ ދިމާއަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ. ފަހެ، އެމީހާއަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން، އެ ތަންމަތީގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ!" (ބަޤަރާ: 206)

މުސްލިމް އަޚަކަށް މަގުއޮޅިގެންދާނަމަ އެކަމާއިމެދު ކަންބޮޑުވާން ޖެހޭނެއެވެ. އެކަމުން އެމީހާ ސަލާމަތްކުރަން މަސައްކަތްކުރަންވާނެއެވެ. އެކަމުން އެމީހަކު ސަލާމަތްކުރަން އެހީތެރިވާންވެސް ވާނެއެވެ. އެގޮތަށް ކުރާ މަސައްކަތުގެ ތެރެއިންވެސް ޖަދަލުކޮށް ޒުވާބު ނުކުރާށެވެ! ނަޞޭޙަތް ދިނުމަކީ ވާޖިބެކެވެ. ވާޖިބު އަދާކުރުމުން އެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.

އިސްލާމް ދިނުގެ މަގުން މުސްލިމަކު ބޭރުވެގެންދާނަމަ އެމީހަކަށްޓަކައި ހެޔޮދުޢާ ކުރާށެވެ! ބައެއް މީހުން ތައުބާވެ، އެނބުރި އައިސް އިސްލާމް ދީނަށް ވަރަށް މަތިވެރި ޚިދުމަތްތައްވެސް ކޮށްދީފައި އެބަހުއްޓެވެ. ވީމާ ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން