ތިބާއާއިމެދު ފަތުރާ ދޮގު ވާހަކަތަކަށް ކަންބޮޑުނުވެ އުފާކުރޭ! މީޒާން ތިބާގެ ހެޔޮކަމުގެ ކޮޅަށް ބަރުކޮށްލަދީ ސުވަރުގެ ވައްދަވާ ސަބަބަކީ އެވާހަކަތައްވުމަކީ ދާދި ގާތުގަ އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތިބާއާއިމެދު ފަތުރާ ދޮގު ވާހަކަތަކަށް ކަންބޮޑުނުވެ އުފާކުރޭ! މީޒާން ތިބާގެ ހެޔޮކަމުގެ ކޮޅަށް ބަރުކޮށްލަދީ ސުވަރުގެ ވައްދަވާ ސަބަބަކީ އެވާހަކަތައްވުމަކީ ދާދި ގާތުގަ އޮތް ކަމެއް!

ﷲ ތަޢާލާގެ ވަޙީބަސްފުޅު މިއޮތީއެވެ!

"އެއުރެންގެ (ދޮގު) ވާހަކަތައް ކަލޭގެފާނު ހިތާމަވެރިކުރުވިއަ ނުދެއްވާށެވެ! ހަމަކަށަވަރުން، ހުރިހާ ޢިއްޒަތެއް މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ޔޫނުސް: 65)

ވީމާ މީހަކު ނުވަތަ ކިތަންމެ ގިނަ ބައަކު ނަމަވެސް ތިބާއާއިމެދު ފަތުރާ ދޮގުވާހަކަތަކަށް ކަންބޮޑުނުވާށެވެ. އެއިގެ ބަދަލު ދެއްވަވާނެތެވެ. ޤިޔާމަތް ދުވަހު ތިބާގެ ތިލަފަތް ހެޔޮކަމުގެ ކޮޅަށް ބަރުކޮށްލާނީ އެވާހަކަތައް ކަމަށްވެ ތިބާއަށް ސުވަރުގެ ވަދެވޭ ސަބަބަކީ އެމީހުންކުރި ކަންތައް ކަމުގައިވުން އޮތީ ދާދި ގާތުގައެވެ.

ދޮގު ހެދުމަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އަދި ބޮޑު ފާފަތަކުގެ ތެރެއިން ފާފައެއް ނަމަވެސް ދޮގު ހެދުން މިހާރު މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. ދުނިޔަވީ ފައިދާއެއް ލިބިގަތުމަށް ނުވަތަ އެމީހަކު ރުޅި އަންނަ މީހެއްގެ ދުވަސް ދުއްވައިލަން ދޮގު ހަދަން ފަސް ޖެހޭ މީހުން ދަނީ ގިނަވަމުންނެވެ.

މިފަދަ މީހުން އެއްވެސް ޖެހިލުމެއްނެތި ދެމްފިރިންގެ މެދުގައި ފިތުނަ އުފައްދަން ވެސް ދޮގު ހަދައެވެ. ބޮޑެތި އޮޅުވައިލުންތައް އޮޅުވައިލައެވެ./ ނަމަވެސް އެއީ ހަމަ އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫނެވެ.

ޙަޤީޤަތަށް ނުބަލައި މީހުން ދައްކާ ވާހަކަ ޤަބޫލުކުރާ ނަމަ އެއިގެ މާނައަކީ ތިބާއަށް އިތުބާރު ނުކުރާ ކަމެވެ. ޙަޤީޤަތް ކިޔައިދިނުމުން ޤަބޫލުކުރަން ބޭނުން ނުވާނަމަ އެއިގެ މާނައަކީ އެހެރީ އިންޞާފުން ބޭރުގައި ކަމެވެ. އެހިސާބުން އެކަމާއި އިތުރަށް ވިސްނަން ނުހަދައި ﷲ ތަޢާލާއަށް ވަކީލުކޮށްފައި ނިންމައިލާށެވެ.

ދޮގު ހަދައި އޮޅުވައިލެވޭނީ އިންސާނުންނަށެވެ. ކިތަންމެ ބައިވަރު ދޮގުތަކެއް ހެދި ނަމަވެސް އެއްވެސް ކަމެއް ﷲ ތަޢާލާއަށް އޮޅުވައެއް ނުލެވޭނެއެވެ. ހަދާހައި ދޮގުތަކެއް އެމީހެއްގެ ފަތުގައި މަލާއިކަތުން ލިޔުއްވަވާނެތެވެ. އެމީހަކާއި ދެކޮޅަށް ޤިޔާމަތް ދުވަހު ހެކިދޭނެތެވެ.

ވީމާ މީހަކު ނުވަތަ ބައަކު ކިތަންމެ ގިނަ ދޮގުތަކެއް ހެދި ނަމަވެސް އަޅައިވެސް ނުލާށެވެ! އެކަމުގެ ސަބަބުން ބަރުވަމުންދާނީ ތިބާގެ ހެޔޮ އަމަލުތަކުގެ ފަތަށެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން