އަމާނާތަކީ ހަމައެކަނި ޙަވާލުކުރެވޭ ފައިސާކަމަށް ބަލައި އޮޅުވާނުލާތި! އަނބިދަރިންނަކީވެސް އަމާނާތް! ޚިޔާނާތްތެރިވެފަ ޤިޔާމަތް ދުވަހަކު ސަލާމަތެއް ނުވެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އަމާނާތަކީ ހަމައެކަނި ޙަވާލުކުރެވޭ ފައިސާކަމަށް ބަލައި އޮޅުވާނުލާތި! އަނބިދަރިންނަކީވެސް އަމާނާތް! ޚިޔާނާތްތެރިވެފަ ޤިޔާމަތް ދުވަހަކު ސަލާމަތެއް ނުވެވޭނެ!: މުފްތީ މެންކް

ޒިންމާތަކުން ރެކެން ބޭނުންވުމުން ކަންކަމުގެ މާނަ އޮޅުވާލަމުން ގޮސް އަމާނާތުގެ މާނަވެސް ގިނަ ބައަކު އޮޅުވާލައިފިއެވެ. އަމާނާތަށް ޚިޔާނާތްތެރި ނުވާށޭ ބުނެފިނަމަ ގިނަ ބައަކު އެކަން މާނަކުރަނީ އެމީހަކާ ބަލަހައްޓަން ޙަވާލުކުރެވިފައިވާ ފައިސާ ކަމަށެވެ. ނަމަވެސް އަމާނާތުގެ ޙަޤީޤީ މާނައަކީ މާފުޅައު މާނައެކެވެ. 

އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމަކީވެސް އަމާނާތެވެ. އަނބިންނާއި ދަރިންނަކީ ވެސް ހަމަ އަމާނާތެކެވެ. އެމީހަކު ބަލަހައްޓަން ޖެހޭ ކޮންމެ މީހަކީވެސް އަމާނާތެކެވެ. ކުރުކޮށް ބުނާނަމަ އެމީހަކާއި ޙަވާލުކުރެވޭ ކޮންމެ މަސްއޫލިއްޔަތަކީވެސް އަމާނާތެކެވެ! އެކަމެއް ތިމާ ބެލެހެއްޓި ގޮތަކާއިމެދު ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެ ކޮންމެ ކަމަކީ އަމާނާތެކެވެ! ޚިޔާނާތްތެރިވެގެން ސަލާމަތެއް ނުވެވޭނެއެވެ! 

ﷲ ތައާލާ ބައެއް މީހުންނަށް ވަރަށް ކުއްލި ގޮތުގައިވެސް ތަނަވަސްކަން މިންވަރު ކުރައްވަވައެވެ. މިފަދައިން ތަނަވަސްކަން ލިބޭ ގިނަ މީހުންނަށް ތަނަވަސްކަން ލިބުމުން އެމީހުންނަށް ހީވަނީ އެއީ އެމިހާގެ މޮޅުކަމުން ލިބުނު ކަމެއް ކަމަށެވެ. ޑީލްތައް ހެދުމުގައި އޭނާގެ ވިސްނުން އެންމެ ކުރީގައި ހުރުމުން ހޯދުނު ތަނަވަސްކަމެއް ކަމަށެވެ. ނަތީޖާއަކަށް ވެގެންދަނީ ހިތް އުޑަށް އަރައި ތިމާއަށް އުޅެވޭ ނުއުޅެވޭ ގޮތް ވެސް ނުއެނގުމެވެ. 

އެހެން އެވަނީ އެއް ޑޮލަރު ނުފެނި 100 ޑޮލަރު ލިބުމުންނެވެ. ޑޮލަރަކުން ޑޮލަރަކުން އެއްކުރަމުން ގޮސް 100 ޑޮލަރު ހަމަކުރާމީހަކަށް އެހެންނެއް ނުވާނެއެވެ. އެކަމަށް އެމީހާ ކުރި މަސައްކަތާއި ދުޢާ ކުރިވަރު އެމީހަކަށް ވިސްނޭނެތީއެވެ.  

އަމާނާތަށް ޚިޔާނާތްތެރިނުވުމުގެ އެންމެ މުހިންމު މާނައަކީ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވާ މީހާއަށް އަބަދުވެސް އެ ހުރެވެނީ އަމާނާތަށް ވަފާތެރިވެގެންނެވެ. ވީމާ ޙަޤީޤީ އުފާވެރިކަން ލިބިގަންނަން ބޭނުން ނަމަ ޝުކުރުވެރިވާ މީހުންގެ ތެރޭގައި ހިމެނޭށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން