ދަތި ޙާލަތެއް ކުރިމަތިވުމުން ޝަކުވާކުރާމީހުން މިކަންކަމަށް ވިސްނާލައިފިނަމަ ހިތްހަމަޖެހުން ލިބޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދަތި ޙާލަތެއް ކުރިމަތިވުމުން ޝަކުވާކުރާމީހުން މިކަންކަމަށް ވިސްނާލައިފިނަމަ ހިތްހަމަޖެހުން ލިބޭނެ! އިން ޝާ ﷲ

ދުނިޔޭގައި މީސްތަކުން ލައްވަވާފައި މިވަނީ އަބަދު އުފަލުގައި އުޅެވޭނެ ގޮތަކަށް ނޫނެވެ. ތަކްލީފްތައްވެސް އުފުލަންޖެހޭނެ ގޮތަށެވެ. ވީމާ ކިތަންމެ ގިނައިން ޝަކުވާކުރިނަމަވެސް ދުނިޔޭގެ ޙަޤީޤަތް ބަދަލެއް ނުވާނެއެވެ. އެކަން ދެމިއޮންނާނީ އެމީހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ގޮތެއްގެ މައްޗަށެވެ. 

އެއްވެސް މީހަކަށް ތަކްލީފް އުފުލަން ޖެހުމުން އެކަމާއިމެދު ޝަކުވާކުރާނަމަ އެއީ ފަހަތަށް އަޅާ ފިޔަވަޅެކެވެ. އެކަމުން އެނގެނީ އެމީހާގެ އީމާންކަން ފުރިހަމަނުވާކަމެވެ. ކީރިތި ޤުރްއާން ޤަބޫލު ނުކުރެވޭ ކަމެވެ. އެހެނީ ޝަކުވާކުރާ މީހާއަށް އެވަނީ މިއާޔަތް ހަނދާން ނެތިފައެވެ. ނުވަތަ އޭނާއަށް އެވަނީ މި އާޔަތް ޤަބޫލު ނުކުރެވިފައެވެ. 

"ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ." (ބަޤަރާ: 286) 

މީސްތަކުންނޭވެ! އެއްވެސް މީހަކަށް ތަކްލީފެއް ޖެއްސެވުމަށްފަހު ﷲ ތަޢާލާ އެމީހަކު ދޫކޮށެއް ނުލައްވަވައެވެ. އެކަމުގައި އަމަލުކުރާ ގޮތް ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައިވޮޑިގެންވެއެވެ. ވީމާ އަހަރެމެންނަށް އޮތީ ތަކްލީފަށް ކެތްތެރިވުމެވެ. ކެތްތެރިކަމާއިއެކު ސާބިތުވެ ހުރެ އެކަމަކުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާ ކުރުމެވެ. 

ފަހަރެއްގައި ތިމާއަށް އުޅެން ޖެހިފައި މިވަނީ އެންމެ ދަތިޙާލުގައި ކަމަށްވެސް ހީކުރެވިދާނެއެވެ. ނަމަވެސް މަގުމައްޗަށް ގޮސް ބަލައިލުމުން ތިމާއަށް މި ޤަބޫލުކުރެވެނީ އެންމެ ރަނގަޅަށް ނޫންކަން އިޙްޞާބް ކުރެވޭނެއެވެ. 

ބައެއް މީހުންނަށް 6 އަކުރުގެ އަދަދުތަކުން މުސާރަ ނުލިބޭތީ ތިމާއަށް އުޅެން ޖެހިފައި މިވަނީ ވަރަށް ދަތިޙާލުގައި ކަމަށް ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް އިމާރާތް ކުރަމުންދާ ތަނަކަށް ގޮސް ނިކަން ބަލައިލަބަލާށެވެ! އުނަގަނޑުގައި ފޮތިގަނޑެއް އައްސައި އެ ފޮތިގަނޑުގެ ތެރެއަށް ތުއްތު ދަރިފުޅުލައިގެން ބޮލުގައި ސިމެންތި އާއި ހިލަ އުފުލާ އަންހެނުން ފެންނާނެއެވެ. އެހައި ބުރަ މަސައްކަތްކުރުމުން ލިބޭ ލާރިކޮޅުން ހަމައެކަނި ބަނޑުހައިކަންވެސް އޮންނަނީ ނުފިލައިފައެވެ. އެކަމަކުވެސް އެމީހުން ތިބެނީ ފުދި، ހިތްހަމަޖެހިގެންނެވެ. ހަށިގަނޑުގެ ތަންތަނުގައި ރިއްސާއިރުވެސް އަބެއް ދުވަހުވެސް މަސައްކަތު ދަނީ އުފަލުންތިބެއެވެ. 

ވީމާ ތަކްލީފެއް އުފުލަން ޖެހުމުން ޝަކުވާ ނުކުރާށެވެ! އެއީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ. ކުރިއަށް ދެވޭނީ ފަހަތަށް ފިޔަވަޅު  ނުއަޅައި ކުރިއަށް ދާން މަސައްކަތް ކުރުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން