ދީނުގެ ތެރެއަށް އައު ކަންކަން ގެންނަ މީހުންނަކީ ދީން ފުރިހަމައަށް ބަޔާން ނުކޮށްދެއްވާކަމުގައި ބުނެ އެކަމުގެ ތުހުމަތު ރަސޫލް ޞޢޥ ގެ އިސްތަށިފުޅުގައި އަޅުވާ މީހުން! މިއީ ބިރުބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 31ސ
ދީނުގެ ތެރެއަށް އައު ކަންކަން ގެންނަ މީހުންނަކީ ދީން ފުރިހަމައަށް ބަޔާން ނުކޮށްދެއްވާކަމުގައި ބުނެ އެކަމުގެ ތުހުމަތު ރަސޫލް ޞޢޥ ގެ އިސްތަށިފުޅުގައި އަޅުވާ މީހުން! މިއީ ބިރުބޮޑު ކަމެއް!

ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަ ކުރައްވަވައި އެކަން ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ. ވީމާ ފުރިހަމަކުރަން އިތުރަށް ކުރަންޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. 

މީސްތަކުން ކުރަންހުރި އަޅުކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ވަރަށް ރަނގަޅަށް މީސްތަކުންނަށް ބަޔާންކޮށްދެއްވަވައިފައެވެ. އިތުރުކުރަންޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. 

ވީމާ މީހަކު ބުނިނަމަވެސް ސޯޝަލް މީޑިއާއިން ފެނުނަސް އަލަށް އުފައްދާ ކަންކަމަކީ އަޅުކަންކަމަށް ބަލައިގަނެގެން ނުވާނެއެވެ. ބަލައިގަނެ އެކަމެއް ކޮށްފިނަމަ އެކުރެވެނީ އަޅުކަމެއް ކަމުގައިނުވެ އެކަން ވާނީ ކުރެވޭ އެންމެ ބޮޑު އެއް ފާފައަށެވެ. 

ތިރީގައިވާ ލިޔުމުން އެކަން ޔަޤީންކޮށްލައްވާށެވެ! 

لحديث الخامس:

عَنْ أُمِّ الْمُؤْمِنِينَأُمِّ عَبْدِ اللَّهِ، عَائِشَةَرَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ رَسُولُ اللَّهِ صلى الله عليه و سلم: ((مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ؛ فَهُوَ رَدٌّ))

[رَوَاهُ الْبُخَارِيُّ، وَمُسْلِمٌ]

وَفِي رِوَايَةٍ لِمُسْلِمٍ: ((مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا؛ فَهُوَ رَدٌّ)) .

މާނައީ: އުންމުލް މުއުމީނީން، އުންމު ޢަބްދުﷲ، ޢާއިޝާ رضي اللّه عنها ރިވާކުރެއްވިއެވެ. ﷲ ގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ.

"ތިމަންމެންގެ މި ދީނުގައި ނެތް ކަމެއް (ބިދުޢައެއް) އުފައްދައިފި މީހާ ދަންނައެވެ. ފަހެ، އެކަމެއް ވަނީ (ބާޠިލުވެ) ރައްދުވެގެންނެވެ." 

އަދި އިމާމު މުސްލިމްގެ ރިވާޔަތެއްގައިވެއެވެ.

"ތިމަންމެންގެ މި ދީނުގައި ނެތް ޢަމަލެއްކޮށްފިމީހާ ދަންނައެވެ. ފަހެ، އެ ކަމެއް ވަނީ (ބާޠިލުވެ) ރައްދުވެގެންނެވެ". 

ދީނުގެތެރެއަށް އިތުރުކުރާ ބިދުޢަތަކަކީ އެކަލޭގެފާނު ނިހާޔަތަށް އިންޒާރުކުރައްވާ، ނަހީކުރައްވާފައިވާ ކަންތައްތަކެކެވެ. އެހެނީ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާ އަންގަވާފައިވަނީ އިސްލާމްދީން އެ އިލާހު މީސްތަކުންނަށް ދީނެއްކަމުގައި ރުހިވޮޑިގެންނަވައި، އެ ދީން އެބައިމީހުންނަށްޓަކައި ފުރިހަމަކޮށްދެއްވާފަކަމެވެ. 

قال الله تعالى: ﴿ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا [المائدة:3]

މާނައީ: "މިއަދު ތިޔަބައި މީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވާފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހުގެ ނިޢުމަތްތަށް ފުރިހަމަކޮށްދެއްވާ އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ރުހިވޮޑިގެންފީމެވެ. " 

މިފަދައިން ﷲތަޢާލާ ބަސްފުޅުވަޙީކުރައްވާފައިވާއިރު ދީނުގެ ތެރެއަށް އެކަލޭގެފާނު   صلى الله عليه وسلم  ނުގެންނަވާ ކަމެއް ގެނެސްގަންނަ މީހަކީ މާތް ނަބިއްޔާ  صلى الله عليه وسلم  ދީން ފުރިހަމައަށް ބަޔާން ނުކޮށްދެއްވާކަމުގައި ބުނެ އެކަމުގެ ތުހުމަތު އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވާ މީހެކެވެ. އޭނާގެ ދުލުން މިފަދައިން ނުބުނި ކަމުގައިވީ ނަމަވެސް އޭނަގެ ޢަމަލުތަކުން މިކަން ދޭހަވެއެވެ. 

- މަސްދަރު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން