ބައެއް މީހުން މީސްތަކުންނަށް އެހީތެރިވަނީ އެމީހާގެ ދީލަތިކަން މީސްތަކުންނަށް ދެއްކުމަށެވެ. އަދި ބައެއް މީހުން އަޅުކަންކުރަނީ މީސްތަކުންނަށް އޭނާގެ ތަޤްވާވެރިކަން ދެއްކުމަށެވެ. އެފަދަ މީހުން އެވަނީ ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިފައެވެ.
ރަމަޟާން މަސް ފެށިގެން ކުރިއަށްދަނީއެވެ. ތިމާޢަކީވެސް ތަޤްވާވެރިއެއްކަން ދައްކަން، ނުވަތަ އެހެން މީހުން ދިގުކޮށް ތަރާވީޙް ނަމާދުކުރާތީ ތިމާވެސް މިހުރީ އެމީހުންނާއި އެއް ހަމައެއްގައިކަން ދައްކަން ޖަމާޢަތުގައި ބައިވެރިވާނަމަ އެކުރެވެނީ ނުބައިކަން ބޮޑު ޢަމަލެކެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ޢަމަލެއް ކުރާއިރު ހެޔޮ ނިޔަތެއްވާކަމަށް ދެއްކުން-
އަޅަކު ޢަމަލެއް ކުރާއިރު ހެޔޮ ނިޔަތެއް ދެއްކުމަށް ފަހު، ޙަޤީޤަތުގައި ދުނިޔަވީ މަޤްޞަދެއް ޙާޞިލުކުރުމަށް އެކަމެއް ކުރާނަމަ ދަންނައެވެ. އެކަމެއް ވެގެންދާނީ ޢަމަލީ ނިފާޤުގެ ވައްތަރަކަށެވެ.
އިބްނު ރަޖަބު رحمه الله ވިދާޅުވިއެވެ.
"ޢަމަލީ ނިފާޤުގެ އެންމެ ބޮޑު އެއް ސިފައަކީ ޢަމަލެއް ކުރާއިރު ހެޔޮ ނިޔަތެއްވާކަމަށް ދެއްކުމެވެ.
ނަމަވެސް ޙަޤީޤަތުގައި އޭނާ އަކަންކުރަނީ ނުބައި މަޤްޞަދަކަށް ވާސިލުވުމަށްޓަކައެވެ.
މި އޮޅުވާލުން ބޭނުންކޮށްގެން، އޭނާގެ ލަނޑުދަނޑިއަށް ވާސިލުވެއެވެ.
އަދި އޭނާގެ އެ ރޭވެންތެރިކަމާއި އޮޅުވާލުންތަކާ އެކުވެސް އޭނާ އެ ދެއްކި ކަންކަމަށް މީސްތަކުން ޘަނާކިޔުމުން އެކަމަށް އުފާކުރެއެވެ.
އެކަން ބޭނުންކޮށްގެން އޭނާ އެވަނީ، އޭނާ ވަންހަނާކޮށްފައިވާ ނުބައި މަޤްޞަދަށް ވާސިލުވެފައެވެ.
ފަހެ މުނާފިޤުންނާއި ޔަހޫދީން މިކަން ކުރާކަމަށް ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި އަންގަވާފައެވެ."
[جامع العلوم والحكم (2 / 493)]
[خطوات إلى السعادة لد. عبدالمحسن القاسم (ص: 38)]
- ޝއިޚް ޢިމްރާން މުޙައްމަދު ޢަލީ