ބިރުވެތިވާށެވެ! ސަމާލުވެސްވާށެވެ! ރަމަޟާން މަސް ކާމިޔާބު ނުކުރެވިއްޖެނަމަ ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ބިރުވެތިވާށެވެ! ސަމާލުވެސްވާށެވެ! ރަމަޟާން މަސް ކާމިޔާބު ނުކުރެވިއްޖެނަމަ ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެއެވެ!

މިއަހަރުގެ ރަމަޟާން މަސް މިވަނީ އަހުރެމެންނާއި ބައްދަލުކޮށްފައެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ވާހަކަތައްވެސް ވަރަށް ކުރިންސުރެ ފެށިގެން ވަނީ ދެކެވިފައެވެ. މިރޭ ބުނެދޭން މި މަސައްކަތްކުރަނީ އެމީހަކާއި ރަމަޟާން މަސް ބައްދަލުވެ އެމީހެއްގެ ފާފަތައް ފުހެނުލެވުނު މީހަކަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތްކަމެވެ.  

ރަމަޟާން މަސް އަހަރެމެންނާއި ބައްދަލުކުރުމުން ފުރަތަމަ ކަމަކަށް އަހަރުގެ 11 މަސް ދުވަހު އަހަރެމެންނަށް ވަސްވާސްދީ ފާފަތައް ކުރުވާ ބޮޑެތި ޝައިޠޯނުންތައް ހިއްޕަވައި  ހައްޔަރުކުރައްވަވައި ކަސްތޮޅު އަޅުއްވަވަތެވެ. އެއެއްޗެތީގެ ބާރު ކަނޑުއްވަވައިލައްވަވަތެވެ. ނަތީޖާއެއްގެ ގޮތުން ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަން ހިތްވަރުލިބި ބާރުލިބިގެންދެއެވެ. އެމީހަކު ބޭނުންވަރަކަށް އަޅުކަންކުރުން އިތުރުކުރުމުގެ މަގުފަހިވެގެންދެއެވެ.  

ދެވަނަ ކަމަކަށް ނަރަކައިގެ ހުރިހާ ދޮރުތަކެއް ބަންދުކުރައްވަވަތެވެ.  

ތިންވަނަކަމަކަށް ސުވަރުގޭގެ ހުރިހާ ދޮރުކޮޅުތައް ހުޅުއްވަވައިލައްވަވަތެވެ.   

ވީމާ ރަމަޟާން މަސް ލިބިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކޮށް ތިބެ އެކަމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނުއޮންނާނެއެވެ. އެކަމަށް ހުރަސް އެޅެންހުރި ހުރިހާ މަގުތަކެއް ﷲ ތަޢާލާ އެވަނީ ބަންދުކުރައްވަވައިފައެވެ. އަދި މަގުފަހިވާނެ ދޮރުތައް އެވަނީ ހުޅުއްވަވައި ދެއްވަވައިފައެވެ. 

މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ކުރިން ފާފަ ނުކުރާ މީހަކު ރަމަޟާން މަހު އަލަށް ފާފަކުރަން ފެށުމަކީ، ނުވަތަ ކުރިން ނުކުރާ އިތުރު ފާފައެއް ރަމަޟާން މަހު ކުރަން ފެށުމަކީ ވަރަށް، ވަރަށް މަދުން ނޫނީ މެދުވެރިވާ ކަމަކަށް ނުވުމެވެ. އަދި ގިނަ ބައަކު ރަމަޟާން މަސް އައުމުން ފާފަކުރުމާއި ދުރުހެލިވެވޭކަމެވެ.  

ދެން ބުނާނީ އެހެންވީއިރު ރަމަޟާން މަހު ފާފަކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ އެއީ ތިބާއަށް ފުރިހަމަގޮތުގައި ތައުބާ ނުވެވޭތީ ކުރިން ކުރެވެމުން އައި ނުބައިކަމުން ބައެއް ތިބާގެ ކިބައިގައި ހަރުލާފައި ހުރުމުން ކަމެވެ. ތައުބާވެ އެބައިވސް ފުހެލައިފިނަމަ ފާފަކުރުމުން ސަލާމަތްވެ ހުރެވޭނެއެވެ. އިން ޝާ ﷲ.  

އަދިވެސް ވިސްނާށެވެ! ރަމަޟާން މަހަށް ﷲ ތަޢާލާ ކަސްތޮޅު އަޅުއްވަވަނީ ބޮޑެތި ޝައިޠޯނުންތަކެވެ. ކުދި ޝައިޠޯނުންތަކާއި އިންސީންގެ ތެރޭގައިވާ ޝައިޠޯނުންތައް ވަނީ ވީއްލިގެންނެވެ.   

މިގޮތަށް ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ އެ އަންގަވަނީއެވެ!  

"ތިބާ ތައުބާވެ ތަޤްވާވެރިވުމަށް ހުރި ހުރަސްތައް ތިމަން ﷲ އެވަނީ އިންތިހާއަށް ބޮޑުތަނުން ނެތިކުރައްވަވައިފައެވެ. ނިކަން ތިބާ ކުޑަކުޑަ ހިތްވަރެއްގެ ހިތްވަރު ލައިގެން މިނިވަންވެ ތިބި ކުދިކުދި ޝައިޠޯނުންތަކުގެ ކިބައިން ސަލާމަތްވާށެވެ! އަވަހަށް ތިމަން ﷲ ގެ މަގަށް އެނބުރި ރުޖޫޢަވާށެވެ!"  

މީސްތަކުންނޭވެ! މިހައި ދީލަތިގޮތެއްގައި އަހަރެމެންނަށް ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަނުމުގެ ފުރުޞަތު ދެއްވެވުމުން ޤަބޫލުނުކުރާ މީހާ އާއިމެދު ބުނާނީވެސް ކީކޭހެއްޔެވެ؟  

އަހަރެމެންނަށް ނަރަކައިން ސަލާމަތްނުވެވެނީ ހަމައެކަނި ފާފަކުރެވޭތީއެއް ނޫނެވެ. ނަރަކައިން ސަލާމަތްވުމަށް ހިނގަން އޮތްމަގުން ކުރިއަށް ނުދެވޭތީއެވެ. ދާންބޭނުންވާ މަންޒިލަށް (ސުވަރުގެ) ސީދާ ދެވެން އޮއްވައި ގޯޅިތައް އެޅެނީއެވެ. ސުވަރުގެއާއި ދުރަށް ނަރަކަ އާއި ކައިރިއަށް ދެވެނީއެވެ. ރާޑަރު ބަހައްޓައިގެންވެސް ދަތުރުގެ މިސްރާބު ސީދާކުރާށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން