ސަމާލުކަންދޭންޖެހިފައިވާ ކަމެއް! ރަމަޟާން މަހު ޖަމާއަތުގަ ތަރާވީޙް ނަމާދާ ވިތުރިކޮށް ނިމިގެން ސަލާންކުރުމުގެ އާދަ ދޫކޮށްލުމުން އެނަގާލެވެނީ ލިބެން އޮތް ހާދަގިނަ ޘަވާބެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ސަމާލުކަންދޭންޖެހިފައިވާ ކަމެއް! ރަމަޟާން މަހު ޖަމާއަތުގަ ތަރާވީޙް ނަމާދާ ވިތުރިކޮށް ނިމިގެން ސަލާންކުރުމުގެ އާދަ ދޫކޮށްލުމުން އެނަގާލެވެނީ ލިބެން އޮތް ހާދަގިނަ ޘަވާބެވެ!

ރަމަޟާން މަހު ޖަމާއަތުގައި ތަރާވީޙް ނަމާދާއި ވިތުރިކޮށް ނިމިގެން ސަލާންކުރުމުގެ އާދަ ބޮޑުތަނުން ގެއްލިއްޖެއެވެ. އެކަމުގެ ސަބަބުން އެނަގާލެވެނީ ނުހަނު ފަސޭހައިން ހޯދެން އޮތް ޘަވާބު ފުންޏެކެވެ.   

ވިތުރި ނިމިގެން ދަންނަ ނުދަންނަ މީހާއަށް ބެލުމެއް ނެތި އެންމެން އެކަކު އަނެކަކަށް ސަލާންކުރުމަކީ ދާދިފަހަކާއި ޖެހެންދެން އަޅުގަނޑުމެންގެ ތެރޭގައި އޮތް ވަރަށް ރަނގަޅު އާދައެކެވެ. އެއީ ހަމައެކަނި ޘަޤާފީކަމެއްވެސް ނޫނެވެ. ނުހަނު މަތިވެރި އަޅުކަމެކެވެ.  

ބަރަކާތްތެރިކަމުން ފުރިގެންވާ ރަމަޟާން މަހެއް އަނެއްކާވެސް މިވަނީ އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ. އެހެން މަސްމަހަށްވުރެ ގިނައިން އެމަހުގައި މީސްތަކުން ބައްދަލުވުން ބައްދަލުވުންތައް ބާވައެވެ. ދީނީ ދުރުސްތަކާއި މަޝްވަރާ ފޯރަމްތައްވެސް ބާއްވައެވެ. މީގެ އިތުރުން ގިނަ ބައަކު ޖަމާއަތުގައި ނަމާކުރާ މަހަކަށްވުމުން ވެސް ގިނަ ބައަކު ބައްދަލުވެއެވެ. އެހެންކަމުން މުސްލިމުން އެންމެ ގިނައިން ބައްދަލުވެ އުޅޭ މަހަކަށް ރަމަޟާން މަސްވެގެންދެއެވެ. 

ހިތާމައަކީ މިފަދަ ބައްދަލުވުންތަކުން ޙާޞިލުކުރަން ޖެހޭ ފައިދާ ލިބިގަންނަން މަސައްކަތްކުރާ މީހުން މަދުކަމެވެ. އެހެންކަމުން މި އަހަރުގެ ރަމަޟާން މަހަކީ އެކަމަށް އިތުރު ސަމާލުކަމެއް ދޭ މަހަކަށް ހަދަމާ ހެއްޔެވެ؟ އެކަމުގެ ސަބަބުން ލިބެން އޮތް ފައިދާ އާއި ސަވާބު ލިބިގަންނަމާ ހެއްޔެވެ؟ 

މުސްލިމުންގެ ބައްދަލުވުންތަކުގެ އެންމެ ބޮޑު ފައިދާއަކަށްވާނީ މުސްލިމުންގެ ގުޅުން ބަދަހިކުރުމެވެ. އަހަރެމެން ކޮންމެ މީހަކީ ވެސް ﷲ ތަޢާލާއަށް އީމާންވެގެން ތިބި އެކަލާނގެ އަޅުތަކުންނެވެ. އެކަމުގައި އެއްވެސް މީހަކަށް ޚާއްޞަ މަތިވެރިކަމެއް ނެތެވެ. އެންމެންނަކީވެސް ހަމަ ހަމަހަމަ ބައެކެވެ. ނަސަބަކުން ނަސްލަކުން މަޤާމަކުން އަދި ލިބިފައިވާ ތަނަވަސްކަމަކުން އެއްވެސް މީހެއްގެ ދަރަޖަ މަތިވެރިއެއް ނުވެއެވެ. ދަރަޖަ މަތިވެރިވުން އޮތީ ހަމައެކަނި އެމީހެއްގެ ތަޤްވާވެރިކަމުންނެވެ. ތަޤްވާވެރިކަން އިތުރުކުރި މިންވަރަކުންނެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މުސްލިމް އަޚާ އާއި ބައްދަލުވާހިނދު ފުރަތަމަ ކަމެއްގެ ގޮތުން ހިނިތުންވެލައި އުފާވެރިކަމާއިއެކު މަރްޙަބާ ކިޔާށެވެ! ސަލާމް ކުރާށެވެ! ސަލާމަށް ޖަވާބުދޭށެވެ! ވަގުތު އޮތްނަމަ ޙާލުއަހްވާލުވެސް އަހައި އޮޅުންފިލުވާށެވެ! އެހީތެރިކަމަކަށް ބޭނުންވެފައި ހުރި މީހަކާއި ބައްދަލުވެއްޖެނަމަ ވާން އޮތް ވަރަކުން އެހީތެރިވެދޭށެވެ!  

މިއީ ރަސޫލް () އާއި މަތިވެރި ޞަޙާބީން ދައްކަވައި ދެއްވަވާފައިވާ ނަމޫނާއެވެ. މިފަދަ ކަންކަން ކުރުމުން އެމީހަކަށް ގިނަ ގުނަ ސަވާބު ދެއްވަވާނެތެވެ. އެމީހެއްގެ ދަރަޖަ އިތުރަށް މަތިވެރިކުރައްވަވާނެތެވެ! އެމީހަކަށް ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތްފުޅު އިތުރު ކުރައްވަވާނެތެވެ.

ރަމަޟާން މަހަކީ ކުރާ އަޅުކަން އިތުރުކޮށް ޘަވާބު ގިނަކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭ މައްސަރަކަށްވާއިރު މިބުނި ފަދަ ކަންކަމުގައި އިހްމާލުވެގެނެއް ނުވާނެއެވެ. މިކަންކަމަކީ އެއްވެސް އިތުރު ތަކްލީފަކާއި ނުލައި ނުހަނު ފަސޭހަ ކަމާއިއެކު  ސަވާބު ހޯދޭނެ ކަންކަމެވެ. މަސައްކަތްކުރަންޖެހޭނީ ވީހައި ކުރީގައި ހުރުމަށެވެ. ވީމާ މި ނަޞޭޙަތުގައި ހިފަހައްޓައި އަމަލުކުރާ ބައަކަށް ވުމަށް އިލްތިމާސް ކުރަމެވެ. 

ނިންމާލަމުންވެސް ބުނަމެވެ. މިސްކިތުންވިޔަސް، މިސްކިތުގެ ބޭރުން ވިޔަސް ކޮންމެ ތަނަކުންވިޔަސް އެއްމުސްލިމަކު އަނެއް މުސްލިމަކާއި ބައްދަލުވުމުން ސަލާމްކުރަން އަވަސްވެގެންނާށެވެ! އެއީ ފާފަތައް ފުއްސެވުމަށްވެސް އޮތް މަގެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުން ހުރި ޙަދީޘްފުޅު:

https://hadeethenc.com/en/browse/hadith/6257

 

 

މިއަދު އޮންލައިން