ރަމަޟާން މަހުގައިވެސް ދުނިޔެ ނިމެންދެންވެސް ޝައިޠޯނާގެ މަސައްކަތް ކުރިއަށްދާނެ! ސަލާމަތްކަން ލިބި ހިފާ ރޯދަ ރޯދައަކަށް ހެދޭނީ ސަމާލުކަން ދިން މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 56ސ
ރަމަޟާން މަހުގައިވެސް ދުނިޔެ ނިމެންދެންވެސް ޝައިޠޯނާގެ މަސައްކަތް ކުރިއަށްދާނެ! ސަލާމަތްކަން ލިބި ހިފާ ރޯދަ ރޯދައަކަށް ހެދޭނީ ސަމާލުކަން ދިން މީހަކަށް!

ގިނަ ބައަކު ކުރާ ސުވާލެކެވެ. ރަމަޟާން މަހަކީ ބަރަކާތާއި ރަޙްމަތުގެ މައްސަރުކަމަށްވެފައި އަދި ފާފަތައް ފުއްސަވައި ދެއްވެވުމުގެ މައްސަރު ކަމަށްވެސް ވެފައި އަދި ޝައިޠޯނުންތައް ކަސްތޮޅު އެޅުއްވެވުމުންވެސް ފާފަކުރެވެނީ ކީއްވެގެން ހެއްޔެވެ؟

މިފަދައިން ސުވާލު އުފެދޭ މީހުންނަށް ބުނެލަން އޮތީ ރަމަޟާން މަހުގައި ލައްވަވާފައިވާ ބަރަކާތް ޙާޞިލުކުރެވޭނީވެސް، ލައްވަވާފައިވާ ރަޙްމަތް ލިބިގަނެވޭނީވެސް އަދި ފާފަތައް ފުއްސަވައި ދެއްވަވާނީވެސް އެންމެންނަކަށް ނޫނެވެ. އެކަންކަން ޙާޞިލުކުރެވޭނީ އެކަންކަމަށް އެދިގެން މަސައްކަތްކުރި މީހަކަށެވެ.  

ދެން އޮތީ ޝައިޠޯނުން ކަސްތޮޅު އެޅުއްވެވުމެވެ. ކަސްތޮޅު އަޅުއްވަވަނީ ހުރިހާ ޝައިޠޯނުންނެއް ނޫނެވެ. އެންމެ ނުބައިކަން ބޮޑު ޝައިޠޯނުންނެވެ. ވީމާ މީސްތަކުން މަގުފުރައްދަން ޝައިޠޯނާ ކުރާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެއެވެ!  

މިކަންކަމަށް ވަރަށް ތަފްޞީލީ ޖަވާބެއް ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ

ރަމަޟާން މަހަކީ ވަރަށް ޚާއްޞަ މައްސަރެކެވެ. ﷲ ތަޢާލާވަނީ ވަރަށް ގިނަ ގޮތް ގޮތުން އެ މަސް މާތް ކުރައްވައި މަތިވެރިކުރައްވާފައެވެ. އެ މަހަށް ލިބިގެންވާ ޚާއްޞަ ކަންކަމުގެ ތެރޭގައި އެ މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވުން ހިމެނެއެވެ.

ޖިންނި ޝައިޠާނުންގެ ޢާލަމަކީ ޣައިބުގެ ޢާލަމެކެވެ. އެފަދަ ޢާލަމްތަކުގެ ކަންތައްތައް ދެނެގަނެވޭނެ އެންމެ ކަށަވަރު މަގަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. އެހެނީ ސިއްރާއި ފާޅުގައި ހިނގާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ބިމުގައިވިޔަސް އުޑުގައިވިޔަސް އެއްވެސް ކަމެއް އެއިލާހަށް ވަންހަނާ ވެގެން ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ޖިންނީންނާ ބެހޭ ބައެއް ޚަބަރުތައް އަޅުގަނޑުމެންނަށް ދެއްވާފައެވެ. އެގޮތުން ރަމަޟާން މަހު ޝައިޠާނުން ކަސްތޮޅު އެޅުވޭނެކަމުގެ ޚަބަރު އެކަލޭގެފާނުވަނީ ދެއްވާފައެވެ.

މިކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް:

* އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((إِذَا جَاءَ رَمَضَانُ فُتِحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ النَّارِ، وَصُفِّدَتِ الشَّيَاطِينُ)) [رواه مسلم

(1 – (1079))]

މާނައީ: "ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ."

* އަދިވެސް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވި އެހެން ރިވާޔަތެއްގައިވެއެވެ.

((إِذَا كَانَ أَوَّلُ لَيْلَةٍ مِنْ رَمَضَانَ صُفِّدَتِ الشَّيَاطِينُ مَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْجِنَانِ، فَلَمْ يُغْلَقْ مِنْهَا بَابٌ، وَنَادَى مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ)). [رواه الترمذي (682) وابن ماجة (1642) وابن خزيمة (1883) وابن حبان (3435) والحاكم (1532)، وإسناده حسن، من أجل أبو بكر بن عياش وهو ثقة عابد إلا أنه لما كبر ساء حفظه (انظر: التقريب لابن حجر (1/624) برقم: (7985) وصحيح ابن خزيمة مع تحقيق الأعظمي (2/907) برقم: (1883))]

މާނައީ: "ރަމަޟާން މަހުގެ އެންމެ ފުރަތަމަ ރޭގައި ޝައިޠާނުން ކުރެ މާރިދު ޖިންނީން ކަސްތޮޅު އެޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ނުހުޅުވޭނެއެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ބަންދެއް ނުކުރެވޭނެއެވެ. އަދި ގޮވާލާ ފަރާތެއް ގޮވާލާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. އަންނާށެވެ. އޭ ނުބައިކަމަށް އެދޭ މީހާއެވެ. ހުއްޓާލާށެވެ. އަދި ﷲ ތަޢާލާ، (އެ މައްސަރުގައި) ބަޔަކު ނަރަކައިން މުއްތި ކުރައްވާނެއެވެ.".”

ފުރަތަމަ ޙަދީޘްގައި އައިސްފައި އެވަނީ الشَّيَاطِينُ (ޝައިޠާނުން) ކަސްތޮޅު އެޅުވޭނެކަމެވެ.

ދެވަނަ ޙަދީޘްގައިވަނީ ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވޭނީ مَرَدَةُ الْجِنِّ (މާރިދު ޖިންނީން) ކަމެވެ.

މި ދެ ޙަދީޘުން އެނގޭ ގޮތުގައި ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވެނީ ވަކި ބައެކެވެ. އެއީ އެސޮރުމެންގެ ތެރެއިން މާރިދުންނެވެ.

މިކަމާ ބެހޭގޮތުން އިބްނު ޚުޒައިމާ رحمه الله އެކަލޭގެފާނުގެ ޞަޙީޙުގައި ވިދާޅުވިއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގައި ޝައިޠާނުން ކަސްތޮޅު އެޅުވޭ ވާހަކަ އެކަލޭގެފާނު ބަޔާންކުރެއްވިއިރު، އޭގެ މުރާދަކީ ޖިންނީންކުރެ މާރިދުންކަން ބަޔާންކޮށްދިނުން. އެއީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ.

މާރިދުންނަކީ ނުބައިކަމުގައިވެސް ހައްދު ފަހަނައަޅާދާ ޝައިޠާނުންނެވެ.

ތަޢާލާ ވަޙީކުރެއްވިއެވެ.

إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾ [سورة الصافات: ٦

މާނައީ: "ހަމަކަށަވަރުން ތިމަންއިލާހު، އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. [6] އަދި ކޮންމެ މާރިދު ޝައިޠާނެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ." "7".

މިއާޔަތްތަކުގައި މިވަނީ އެސޮރުމެން ކުރެ މާރިދުން އުޑުން ޚަބަރު ހޯދަން މަސައްކަތް ކުރުމުން ގިނި ހިލަ ފޮނުއްވާ އެސޮރުމެން ހަލާކުރައްވާ ވާހަކައެވެ. 

ރަމަޟާން މަހުގައި އެފަދަ ޝައިޠާނުން ކަސްތޮޅު އެޅުވުމުގެ ޙިކުމަތަކީ އެމައްސަރުގައި ޝައިޠާނުންގެ ނުބައިކަން ކުޑަކުރެއްވުމެވެ.

ބައެއް މީހުންނަށް މިޙަދީޘުން ދެ ކަމެއް އޮޅުން އަރައެވެ.

ފުރަތަމައީ  މިޙަދީޘްތަކުގައި ޝައިޠާނުން ކަސްތޮޅު އެޅުވޭ ވާހަކަ އައިސްފައިވާއިރު ރަމަޟާންމަހުގައި ބައެއް މީހުން ޖިންނި މޮޔަވަނީ ކީއްވެ ހެއްޔެވެ؟

ޖަވާބުކުރިން ދެންނެވުނު ފަދައިން ރަމަޟާން މަހު ކަސްތޮޅު އެޅުވެނީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ. ކަސްތޮޅު އެޅުވެނީ މާރިދު ޖިންނީން އެކަންޏެވެ. އެހެން ކަމުން ރަމަޟާން މަހުގައިވެސް ޝައިޠާނުން އުޅޭނެއެވެ.  

ދެވަނައީ ރަމަޟާން މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވުމުންވެސް މީސްތަކުން ފާފަކުރަނީ ކީއްވެ ހެއްޔެވެ؟

ޖަވާބުމިސުވާލުގެ ޖަވާބުގައި ޢިލްމުވެރިން މައިގަނޑު ތިން ޖަވާބެއް ދެއްވައެވެ. އެއީ:

ރަމަޟާން މަހު ޝައިޠާނުންގެ ކިބައިން ރައްކާތެރިވަނީ ރޯދަ ހިފަން އަންގަވާފައިވާ ގޮތުގައި ރޯދަ ހިފާ މީހުންނެވެ.  

2 މީސްތަކުން ފާފަތައް ކުރަނީ ހަމައެކަނި ޝައިޠާނުންގެ ސަބަބުންނެއް ނޫނެވެ. އެކަމުގައި އެހެން ސަބަބުތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި: އަމިއްލަ ނަފްސުގެ ނުބައިކަމާއި ނުބައި އާދަކާދަ އަދި އިންސީންގެ ތެރެއިންވާ ޝައިޠާނުންވެސް ހިމެނެއެވެ.

3 ކަސްތޮޅު އެޅުވެނީ ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން ހަމައެކަނި މާރިދު ޖިންނީންނެވެ. ހުރިހާ ޝައިޠާނުންނެއް ނޫނެވެ.

ޚުލާޞާއަކީ ރަމަޟާން މަހުގައި އެސޮރުމެންގެ ނުބައިކަން ކުޑަވެގެންދާނެއެވެ 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމަކުން

- ދިސަލަފިއްޔާ  

 

 

މިއަދު އޮންލައިން