ވަގުތުވެގެން ފަހުން ކިޔަވަން ހުންނަ މީހަކަށް ރަމަޟާންމަސް ނިމޭއިރުވެސް ޚަތިމެއް ނުކުރެވޭނެ! ފަހުން ޢަމަލުކުރަން ހުންނަ މީހާ ދާނީ ފޭލްވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ވަގުތުވެގެން ފަހުން ކިޔަވަން ހުންނަ މީހަކަށް ރަމަޟާންމަސް ނިމޭއިރުވެސް ޚަތިމެއް ނުކުރެވޭނެ! ފަހުން ޢަމަލުކުރަން ހުންނަ މީހާ ދާނީ ފޭލްވަމުން!

މުސްލިމުންގެ ސިފައަކަށްވާންޖެހޭނީ ކޮންމެ އަޅުކަމަކަށްވެސް އަވަސްވެގަތުމެވެ. ފަހުން ކުރަން ހުންނަނަމަ އެކަމެއް އޮންނާނީ ނުކުރެވިފައެވެ. އަޅުަކަމުގެ ވަޤުތުގެ އެންމެ ކުރީކޮޅު އެކަމެއް ނުކުރާނަމަ އެމީހަކު ވާނީ އަޅުކަންކުރަން ކަންނެތް މީހުންގެ ތެރެއިންނެވެ. ކަންނެތް މީހުންނަށް އޮންނާނީ އެއްވެސް ކަމެއް ނުކުރެވިފައެވެ.  

ޤުރްއާން ކިޔެވުމަށް ބަލާއިރު ރަމަޟާން މަހު ކީރިތި ޤުރްއާން ކިޔެވުން ގިނަކުރަންޖެހޭނެ ކަމަށާއި ގިނަކުރުމަކީ ރަމަޟާން މަސް ނިމުމުގެ ކުރިން މަދުވެގެން ޚަތިމެއް ކުރުންކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. އެހެންވެ އެކަމަށް ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރާނެއެވެ.  

އެކަން ކުރެވޭނީ ތާވަލަށް ބަހައި އެންމެ މަދުވެގެން އެދުވަހަކު ކިޔަވަން ޖެހޭބައި ކިޔަވަމުންދާނަމައެވެ. މަދުވެގެން ފޮތެއް ކިޔަވައިގެންނެވެ. ނޫންނަމަ އެކަން އޮންނާނީ ޙާޞިލްނުކުރެވިފައެވެ.  

ރޯދަ މަސް ކާމިޔާބުކުރަން އެދޭ މީހާއަށް އޮތީ ރަމަޟާން މަސް ފެށުމާއިއެކު އަމަލުކުރަން ފެށުމެވެ. ފަހުން ކޮށް ނިންމައިލަން ކަންކަން ނުބެހެއްޓުމެވެ. މިސާލަކަށް ރަމަޟާން މަހު ޚަތިމު ކުރަން ނިންމައިގެން ހުންނަ މީހަކު ނަމަ ރަމަޟާން މަސް ފެށުމާއިއެކު ކޮންމެ ދުވަހަކުވެސް މަދުވެގެން ފޮތެއް ކިޔަވަންވާނެއެވެ. މަސް ނިމިގެންދާއިރު ޚަތިމް ކުރެވޭނީ އެއިރުންނެވެ.  

މިސާލަކަށް ދަމު ނަމާދާއި ތަރާވީޙް ނަމާދު ކުރުމުގެ މުހިންމުކަމާއި އެކަމުން ލިބޭނެ ފައިދާ ކިތަންމެ ރަނގަޅަށް އެނގުނު ނަމަވެސް އެ ނަމާދުތައް ނުކުރާނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ކޮން ސަވާބެއް ހެއްޔެވެ؟ ޖަމާއަތުގައި ފަރުޟު ނަމާދުތައް ކުރުމުން ލިބޭނެ މަތިވެރި ސަވާބު ވެސް އެނގެއެވެ. ނަމަވެސް ޖަމާއަތުގައި ނަމާދު ނުކުރެވޭ މީހަކަށް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

ރަމަޟާން މަހަކީ ދާދި މަދު ދުވަސްކޮޅެކެވެ. އެއީ ގިނަވެގެންވެސް އެންމެ 30 ދުވަހެވެ. ރަމަޟާން މަސް ނިމިގެންދާއިރު އެމީހަކަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވި، އެމީހެއްގެ ފާފަ ނުފުހެވުނު މީހާއަކީ ގެއްލެނިވެގެންވާ މީކެވެ. ވީމާ ރަމަޟާން މަސް ފެށުމާއިއެކު އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީގެން ވީހައި ގިނަ ހެޔޮ އަމަލުތައް ކުރަން މަސައްކަތްކުރަން ވާނެއެވެ.                

ރޯދަ ރޯދައަކަށް ހެދުމަށްޓަކައި ތިމާއަށް އެނގިފައި ހުރި ކަންކަމަށް އަމަލު ކުރަން ޖެހޭނެއެވެ. ކިތަންމެ ގިނަ ކަންތައްތަކެއް އެނގިފައި ހުރި ނަމަވެސް އެކަންކަމަށް އަމަލު ނުކުރާ ނަމަ އެނގިފައިވާ ކަންކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މިކަން ހަނދާންކޮށްދޭން މިޖެހެނީ ރޯދަ ޢާއި ބެހޭ ގޮތުން ގިނަ ބައަކު ވަރަށް ގިނަ ކަންތައްތައް ދަސްކުރި ނަމަވެސް އެކަންކަމަށް އަމަލުކުރަނީ ވަރަށް މަދު މީހަކަށްވާތީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން