ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ ޛާތުފުޅަށް ނިސްބަތް ކުރައްވާފައިވާ ސިފަފުޅުތަކުގެ ތެރެއިން، އެއް ސިފަފުޅަކީ، ޙިކުމަތްވަންތަކަމެވެ. އެކަލާނގެއީ اَلْـحَكِيْم އެވެ. اَلْـحَكِيْم މި އިސްމުފުޅު ނެގިފައިވަނީ، اَلْـحُكْم އަދި اَلْـحِكْمَة މި ދެބަހުންނެވެ. އެހެނީ އެންމެހައި ޙުކުމްތަކެއް ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ އެންމެހައި ޙުކުމްފުޅުތަކެއް ކަނޑައަޅުއްވާފައިވަނީ، މަތިވެރިވެގެންވާ ޙިކުމަތާއެކު ނުހަނު ފުރިހަމަ ގޮތުގައެވެ. ﷲ تَعَالَى ޚަލްޤުކުރެއްވި ކޮންމެ އެއްޗަކުން ވެސް އަހަރެމެންނަށް ފެންނަނީ، ޙިކުމަތްވަންތަކަމުގެ އިންތިހާއެވެ.
ﷲ ޝަރުޢުކުރައްވާފައިވާ ބައެއް އަޅުކަންތަކުގެ ޙިކުމަތް ޞަރީޙަކޮށް ބަޔާންކުރައްވާފައިވާއިރު، އަނެއްބައި އަޅުކަންތަކުގެ ޙިކުމަތް ބަޔާންނުކުރައްވައި، ދޫކޮށްލައްވާފައި ވެއެވެ. ނަމަވެސް ﷲ تَعَالَى އެއްވެސް އަޅުކަމެއް، ބޮޑުވެގެންވާ ޙިކުމަތަކަށްޓަކައި މެނުވީ، ޝަރުޢުކުރައްވާފައެއް ނުވެއެވެ. އެކަލާނގެ ރޯދަ ފަރުޟުކުރެއްވި ޙިކުމަތް ޞަރީޙަކޮށް ބަޔާން ކުރައްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. -- މާނައީ: "އޭ إِيـْمَان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تَقْوَى ވެރި ވުމަށްޓަކައެވެ."
ރޯދަ ފަރުޟު ކުރައްވާފައިވަނީ، تَقْوَى ވެރިކަން ޙާޞިލު ކުރުމަށްޓަކައިކަން، މި އާޔަތުން ވަރަށް ޞަރީޙަކޮށް އެނގެއެވެ. تَقْوَى ވެރިކަމަކީ ކޮބައިކަން ސިފަކޮށްދެއްވައި، عَلِيُّ بْنُ أَبِيْ طَالِبٍ رَضِيَ ﷲ عَنْهُ ވިދާޅުވެފައި ވެއެވެ. "އެއީ މަތިވެރިވަންތަ ﷲ އަށް ބިރުވެތިވުމާއި، ﷲ ބާވައިލެއްވި ތަކެއްޗަށް ޢަމަލުކުރުމާއި، އެކަލާނގެ ދެއްވި މަދު މިންވަރަށް ރުހުމާއި، މަރަށް ތައްޔާރުވެ ހުރުމެވެ."[1]
ޝައްކެއް ނެތެވެ. ރޯދައަކީ ﷲ تَعَالَى ގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެބޮޑަށް އެހީވެދޭ އެއް އަޅުކަމެވެ.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައި ވެއެވެ. މި ހުރިހާ ކަންކަމަކީ ވެސް، تَقْوَى ވެރިކަން ޙާޞިލުކޮށްދޭ ކަންކަމެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނެއެވެ. އަޅާ ރޯދައަށް ހުންނައިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓައެވެ. ﷲ تَعَالَى އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވެއެވެ. ވަރަށް ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުންނެވެ. ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނެއެވެ.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާ ޙަރާމް ކަންތައްތަކާ ދުރުހެލިކުރުވުން ހިމެނެއެވެ. ﷲ تَعَالَى ގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވާފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ تَعَالَى ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބެއެވެ. އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެކެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނެއެވެ. ނަބިއްޔާ z ޙަދީޘް ކުރައްވާފައި ވެއެވެ. (يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَن لَّـمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ)[2] މާނައީ: "އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންކުރެ ކައިވެނިކުރުމަށް ކެރިކުޅަދާނަވެގެންވާ މީހާ ކާވެނި ކުރާހުށި ކަމެވެ! ފަހެ އެގޮތް ލޮލަށާއި، ލަދުވެތި ގުނަވަނަށް ރައްކާތެރިކަން ބޮޑުވެފައި، އެގޮތުގައި ޢިއްފަތްތެރިކަން މާބޮޑެވެ. އަދި އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ (އެބަހީ: ކާވެނި ކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާ) ރޯދަހިފާހުށިކަމެވެ! ފަހެ ރޯދައަކީ، ޝަހުވާނީ އެދުންތަކުން އިންސާނާއަށް ވާ ރައްކާތެރިކަމެކެވެ." މާތް ނަބިއްޔާ z ގެ މި ޙަދީޘް ބަސްފުޅަށް ވިސްނާލުމުން، ރޯދަ ހިފުމަކީ، އިންސާނާގެ ޝަހުވާނީ އެދުންތަކާ ދުރުހެލިވުމާއި، އޭނާގެ ނަފުސު އެދޭ ނޭދެވޭ ކަންކަމުން ދުރުހެލިވެ، ކެތްތެރިވުމަށް މަގުފަހިކޮށްދޭ އަޅުކަމެއްކަން އެނގެއެވެ.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގާ ރަޙުމާއި، ކުލުނު އުފެދުން ހިމެނެއެވެ. ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެއެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެއެވެ. އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރި ކޮށްދެއެވެ. ހަމަ މިފަދައިން ދޮގުހެދުމާއި، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރުމާ އޭނާ އެއްކިބާކުރުވައެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވާފައި ވެއެވެ. (إذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ يَوْمَئِذٍ وَلَا يَصْخَبْ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ،...)[3] މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަ ދުވަހު، އެއްދާން ނުކުރާށެވެ! އަދި މީހުންނަށް އަޑުލައި ނޫޅޭށެވެ! ފަހެ، ރޯދައަށް ހުންނަ ދުވަހު، މީހަކު ތިބާއަށް ހަޑިހުތުރު ބަހުން މުޚާޠާބުކޮށް، އެއްޗެތިގޮވިކަމުގައި ވިޔަސް، ނުވަތަ މާރާމާރީ ހިންގައި ގޯނާކުރިކަމުގައި ވިޔަސް، ފަހެ، އެމީހަކު ހަމަކަށަވަރުން ތިމަންނާ މިހުރީ ރޯދައަށޭ ބުނާހުށިކަމެވެ!" މި ފަދަ ގޮތަކަށް އަރައިރުންވެ، ޒުވާބުކޮށް އުޅޭ މީހުންގެ ރޯދައިން ލިބޭނެ މާގިނަ ޘަވާބެއް ނެތްކަން އަންގަވައި، ކީރިތި ރަސޫލާ z ޙަދީޘްކުރައްވާފައި ވެއެވެ. (مَن لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ وَالْـجَهْلَ، فَلَيْسَ لِلّٰهِ حَاجَةٌ فِيْ أَنْ يَدَعَ طَعَامَهُ وَشَرَابَهُ.)[4] މާނައީ: "ދޮގުވާހަކަދެއްކުމާއި އެފަދަ ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު އެއްޗެތި ގޮވައި، ޖާހިލުކަން އިސްކޮށް އުޅޭ މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވެ ހުރުމަކަށް، ﷲ تَعَالَى ބޭނުންވެވޮޑިއެއް ނުގަންނަވައެވެ."
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުމެވެ. ނަތީޖާއެއްގެ ގޮތުން، ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދެއެވެ. ހެޔޮޢަމަލުތަކުގައި، މީހާ މަޝްޣޫލުކުރުވައެވެ. ނުބައި ޢަމަލުތަކާ އޭނާ ދުރުހެލިކުރުވައެވެ. ރަސޫލާ z ޙަދީޘް ކުރައްވާފައި ވެއެވެ. (إِنَّ الشَّيْطَانَ يَـجْرِيْ مِنَ الْإِنْسَانِ مَـجْرَى الدَّمِ.)[5] މާނައީ: " އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުވާ ފަދައިން، ޝައިޠާނާ، އޭނާއަށް ވަސްވާސްދިނުމުގައި ދެމިހުރެއެވެ."
ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، ﷲ سُبْحَانَهُ وَتَعَالَى އެންގެވިގޮތަށް، ރޯދަ ހިފައިގެންނެވެ. ރޯދަ ހިފުމުގައި ކީރިތި ރަސޫލާ z ގެ ސުއްނަތަށް ތަބަޢަވެގެންނެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް ﷲ تَعَالَى ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުމެވެ. ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެކެވެ. ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެކަމެއް ނޭނގޭނެއެވެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދު ކުރައްވާފައި ވަނީ، މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުންނެވެ.
ރޯދައިގެ ޙިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، تَقْوَى ވެރިވުމެވެ. ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެކެވެ. މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫޙާނީބައި އިތުރުވެއެވެ. ނަތީޖާއަކަށް ވަނީ، ނުބައިކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވުމެވެ. ދުލުން ހަޑި ހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުން ހުއްޓުމެވެ. ފަޤީރުންނާއި ނިކަމެތީންގެ ޙާލަތު އިޙްސާސްވުމެވެ. އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުމެވެ. ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރި ކަމެކެވެ. ނަބިއްޔާ z ޙަދީޘްކުރައްވާފައި ވެއެވެ. (اَلصَّوْمُ جُنَّةٌ)[6] މާނައީ: "ރޯދައަކީ އައްޑަނައެކެވެ."
[1] سبل الهدى والرشاد في سيرة خير العباد للصالح الشامي (١/٤٢١)
[2] متفق عليه
[3] رواه البخاري ومسلم
[4] أخرجه البخاري (١٩٠٣).
[5] متفق عليه
[6] أخرجه الترمذي (٢٦١٦)، والنسائي (٢٢٢٤)، وابن ماجه (٣٩٧٣).