ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނަސް ﷲ ތިމާދެކެ ލޯބިވެވޮޑިނުގަންނަވާނެ ކަމެއް ނުކުރާ މީހުންނަށް ނޫނީ ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނަސް ފައިދާއެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނަސް ﷲ ތިމާދެކެ ލޯބިވެވޮޑިނުގަންނަވާނެ ކަމެއް ނުކުރާ މީހުންނަށް ނޫނީ ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނަސް ފައިދާއެއް ނުކުރާނެ!

ފުރތަމަ ވާހަކައަކަށް ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ތިބާއަކީ ވަޒީފާ އަދާކުރާ މުވައްޒިފެކެވެ. ބޭނުންވަނީ ވަޒީފާގެ ކުރިއެރުން ހޯދާށެވެ! އެހެންކަމަށްވާނަމަ ވަޒީފާ އަދާކުރަންޖެހޭނީ ވެރިމީހާ ރުހޭނެ ގޮތަށް ހެއްޔެވެ؟ ނޫނީ ވެރިމީހާ ނުރުހޭނެ ގޮތަށް ހެއްޔެވެ؟ ވެރިމީހާ ނުރުހޭނެ ގޮތަށް ކަންކަން ކުރާކަން ވެރިމީހާއަށް އެނގޭނަމަ ވަޒީފާގެ ކުރިއެރުން ދޭނެހެއްޔެވެ؟

ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ދަތިކަމަކުން އަރައިގަންނަންވެސް މިސުވާލުތަކަށް ތިބާއަށްވެސް ދޭންޖެހޭނެ ޖަވާބުންނެވެ. އެޖަވާބަކީ ވެރިމީހާ ނުރުހޭ ގޮތަށް ކަންކަން ކުރާނަމަ ވަޒީފާގެ ކުރިއެރުމެއް ނުލިބޭނެ ނޫންހެއްޔެވެ؟

ގިނަބައަކަށްވާގޮތަކީ ކިތަންމެ ކުޑަނަމަވެސް ހިތްދަތިކަމެއް ނުވަތަ ތަކްލީފެއް ޖެހިއްޖެނަމަ އެއީ މާބޮޑުކަމެއް ކަމަށް ދެކެވެނީއެވެ. ހަތަރު އުދަރެސް ފެނުޖެހި ތެޅިފޮޅިގަނެވެނީ އެހެންވެގެންނެވެ.

މިޘާލަކަށް ބުނާނަމަ މާލީ ދަތިކަމެއް ކުރިމަތިވާއިރަށް ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ ގޮތްގޮތުން އެބަ ފައިސާ ހޯދައެވެ. ކިތަންމެ ގިނަ ފައިސާތަކެއް ހޯދިނަމަވެސް ހިތަށް ހަމަޖެހުން ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންކަން ހަނދާނަކު ނުހުރެއެވެ. އާޚިރުގައި އެގޮތަށް އެކަންކުރުމުން ދެންވާގޮތަކީ ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ކުޑަކުޑަހިނދުކޮޅަކަށް ލިބިލާފައި ދެން ކުރިމަތިވާ ހިތްދަތިކަން އެތައް ގުނައަކަށް ބޮޑުތަނުން ބޮޑުވެގެންދަނީއެވެ.

ހިތްދަތިކަމެއް ނުވަތަ މުޞީބާތެއް ކުރިމަތިވެއްޖެނަމަ އަދި ފައިސާގެ ގޮތުން ދަތި ޙާލަތެއް ކުރިމަތިވިނަމަވެސް ކޮންމެ މީހަކުވެސް ފުރަތަމަކަމަކަށް ޤަބޫލުކުރަންވީ މުޞީބާތް ކުރިމަތި ކުރެއްވެވީ ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާތީ ކަމެވެ. އެއަށްވުރެ ބޮޑު ނިޢްމަތެއް ލިބޭނީ ކާކަށް ހެއްޔެވެ؟

ﷲ ތައާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެމީހަކު އިމްތިޙާން ކުރައްވަވަތެވެ. އެމީހަކު އެ އިމްތިޙާނުން ފާސްވެއްޖެ ނަމަ ނިޢްމަތްތައް އޮއްސަވައިލައްވަވަތެވެ. އަދި މީހަކު ދެކެ ބޮޑަށް ލޯބިވެވޮޑިގެންފިނަމަ ކުރިމަތި ކުރައްވަވާ މުޞީބާތްތައް ބޮޑެތިވެ ގަދަފަދަވެގެންދެއެވެ.

މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ޝުކުރުވެރިވާށޭ ބުނެފިނަމަ ގިނަ ބައަކު ކަންބޮޑުވާނެއެވެ. އެއީ ކިހިނަކުން ކުރެވޭނެ ކަމެއް ކަމާއިމެދުވެސް ސުވާލު އުފައްދާނެއެވެ.

މުޞީބާތެއް ކުރިމަތި ކުރެއްވެވުމުން ފުރަތަމަ ކަމަކަށް ޝުކުރުވެރިވާންވީ ދެއްވަވާފައިވާ ނިޢްމަތްތަކަށެވެ. މިސާލަކަށް ލޮލުގެ ފެނުން ގެންދެވިނަމަވެސް ކަންފަތަށް އަޑު އިވުމާއި ދެއްވަވާފައިވާ އެހެން ނިޢްމަތްތަކަށެވެ. ފަޤީރުކަމުން މީރު ކެއުން ކާން ނުލިބުނު ނަމަވެސް ޝުކުރުވެރިވާންވީ ކޮންމެވެސް އެއްޗެއް ކާން ލިބޭތީއެވެ.

ވީމާ މުޞީބާތެއް ކުރިމަތިވުމަކީ އެއްވެސް ވަރަކަށް މާޔޫސްވާން ޖެހެންވީ ކަމެއް ނޫނެވެ. އުފާކުރަންވީ ކަމެކެވެ. މިވާހަކަ އެކި ގޮތްގޮތަށް ވަރަށް ގިނައިން އެބަ ދެއްކެއެވެ. ދައްކަން ޖެހެނީ ހަމަ މީސްތަކުން އެކަންކަމަށް ހޭލުންތެރިކުރުވުމަށެވެ. މުޞީބާތެއް ކުރިމަތިވުމުން މާޔޫސްވެ މަގުއޮޅޭ މީހުން ގިނަވާތީއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން