އެއީ ތެދުކަން ޔަޤީންނުކުރެވޭ ދީނީ ކަންމުގައި ވާހަކަ ނުދައްކާށެވެ! އެހެން މީހުން ދައްކާ ވާހަކަތަކަށް ރައްދުވެސް ނުދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އެއީ ތެދުކަން ޔަޤީންނުކުރެވޭ ދީނީ ކަންމުގައި ވާހަކަ ނުދައްކާށެވެ! އެހެން މީހުން ދައްކާ ވާހަކަތަކަށް ރައްދުވެސް ނުދޭށެވެ!

އިސްލާމް ދީން މަތިވެރިކުރަން އެންމެންވެސް މަސައްކަތްކުރަންވާނެއެވެ. އެގޮތުން އެމީހަކަށް ޔަޤީންކުރެވޭ ހެޔޮ ބަސްތަކާއި ނަޞޭޙަތްތައް ގިނަގިނައިން ފަތުރައި މީސްތަކުންނަށް ހަނދާންކޮށްދޭށެވެ! އެކަމުގެ ފައިދާ ކުރާނެއެވެ! އިން ޝާ ﷲ. ނަމަވެސް ތިމާއަށް އެކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަންކަމުގައި ބަސްބުނެ ބަސްފަތުރައި ނުހަދާށެވެ. އެފަދަ ކަންކަމުން ދީނަށް ލިބޭނީ ގެއްލުމެވެ.

ކޮންމެ މުސްލިމަކީވެސް އިސްލާމްދީނަށް ނަޞްރުދޭން ބޭނުންވާނެ މީހެކެވެ. ވީމާ މިބަޔާންކުރާ ކަންކަމަށް ރަނގަޅަށް ވިސްނައިގެން ކުރިއަށްދާން މަސައްކަތްކުރާށެވެ!

ކޮންމެ މީހަކު ކުރާހައި ބަހުސެއްގައި ބައިވެރިވެ ރައްދު ދޭން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ބައިވެރިވި ނަމަވެސް ތިމާއަށް އެނގޭ ޙައްޤު ބަސް ބުނުމަށްފަހު އިތުރަށް ކުރިއަށް ނުގެންދާށެވެ. ތިމާ ދައްކާ ވާހަކަ "ބައްދައިލުމުގެ" ފުރުޞަތު ނުދޭށެވެ. އެފުރުޞަތު ދެވޭނަމަ އެކަމުގެ ސަބަބުން ދިނަށް ލިބޭނީ ނިކަމެތިކަމެވެ. ބަލައި ކިޔާ މީހުންނަށް ޤަބޫލުކުރެވޭނީ ކާފިރު މީހާ އެދައްކަނީ ރަނގަޅުވާހަކަކަމަށެވެ.

ތިމާއަށް އެކަމެއްގެ މައުލޫމާތު ފުރިހަމައަށް ލިބިފައިވާ ކަންކަމުގައި މީހުން ކުރާ ބަހުސްތަކުގެ ތެރެއަށް ވަދެ ބައިވެރިނުވާށެވެ! އެކަމުން ލިބޭނީ ގެއްލުމެވެ. އެހެނީ މީހާގެ ނިޔަތް ކިތަންމެ ރަނގަޅު ނަމަވެސް ޖަދަލުކުރާ މީހާ ދައްކާ ވާހަކަ ބާޠިލުކަން ހާމަކޮށް ނުދެވިއްޖެ ނަމަ އަޑުއަހާ މީހުންގެ ކުރިމަތީގައި ޙައްޤާއިމެދު ޝައްކު އެފެދިދާނެއެވެ.

އިސްލާމް ދީނަށް ނިޞްބަތްކޮށް ފުރައްސާރަކުރުމުގެ ބަސްތައް ބުނެފައި ހުންނަތަން ފެނުމުން މުސްލިމުންގެ ލޭކެކޭނެއެވެ. ރައްދުދޭން ބޭނުންވެސްވާނެއެވެ. އެގޮތުން ޓްވިޓާގަ ނުވަތަ ސޯޝަލް މީޑިއާގެ ވަސީލަތެއްގައި ރައްދުދޭނަމަ ދީނީ ޢިލްމުވެރިންނަށް ޓެގްކުރާށެވެ. އެއިރުން އެބޭކަލުންގެ ސަމާލުކަމަށް އައިސް ރައްދުދެއްވާނެއެވެ.

އިސްލާމް ދީނުގެ ވަރަށް ކުދިކުދި ކަންކަމާއިމެދު ސޯޝަލް މީޑިއާގައި ކުރެވޭ ބަހުސްތައް ހޫނުވެ ނުރަނގަޅު ނަތީޖާ ނުކުންނަމުންދާތަން މިދަނީ ފެންނަމުންނެވެ. އެއީ ފުރިހަމައަށް މައުލޫމާތު ނެތި ބަހުސްގައި ބައިވެރިވެވޭތީއެވެ. އެފަދަ ކަންކަން މެދުވެރިވުމުން އިސްލާމް ދީނަށް ޚިދުމަތް ކުރަން ކުރެވޭ ކަންކަމުގެ ނަތީޖާ ފެންނަނީ ރަނގަޅަކަށް ނޫނެވެ.

ބައެއް ފަހަރަކު 2 މީހަކު އެމީހުންގެ އަމިއްލަ ކަންކަމުގައިވެސް އެބަ ބަހުސްކުރެއެވެ. އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދެއެވެ. އެފަދަ ބަހުސްތަކުގެ ތެރެއަށް އެއްވެސް ވަރަކަށް ނުވަންނާށެވެ! އެކަން އެ ބައަކަށް ދޫކޮށްލާށެވެ! އެހެނީ އިތުރު މީހުން ބަހުސްގައި ބައިވެރިވުމުން މައްސަލަ ވާނީ އިތުރަށް ހޫނެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން