ހިތުގެ އެންމެ އަޑިން އިޚްލާޞްތެރިކަމާއެކު ތައުބާ ވެވިއްޖެނަމަ ފާފަކުރުން ތަކުރާރުވުން ބޮޑުތަނުން މަދުވެގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހިތުގެ އެންމެ އަޑިން އިޚްލާޞްތެރިކަމާއެކު ތައުބާ ވެވިއްޖެނަމަ ފާފަކުރުން ތަކުރާރުވުން ބޮޑުތަނުން މަދުވެގެންދާނެ! އިން ޝާ ﷲ

ތައުބާވުމަކީ ކުރަން އެންމެ ފަސޭހަ ކަންތަކެވެ. ހިތް ޠޯހިރުކޮށްލައި އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން އެއޮތީ ތައުބާ ވެވިފައެވެ. ނަމަވެސް ބައެއް މީހުންނަށް އަދިވެސް ޤަބޫލުކުރެވެނީ އެމީހުންނަށް ތައުބާވެވެނީ ތައުބާ ނަމާދު ކިޔާ ނަމާދެއް ކުރުމުން ކަމަށެވެ. ނުވަތަ ވަކިބާވަތެއްގެ ހެޔޮ އަމަލެއް ކުރުމުން ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ޙަޤީޤަތެއް އޮތް ކަމެއް ނޫނެވެ. ތައުބާވުމަށް ކުރާނެ ވަކި ނަމާދެއް ނުވަތަ ކުރަން ޖެހޭ ވަކި އަޅުކަމެއްވެސް ނެތެވެ. 

ތައުބާވުމަކީ ހިތުން ކުރަން ޖެހޭ ކަމެކެވެ. ހިތް ނިޔަތް އިޚްލާޞްތެރިކޮށްގެން ކުރެވޭ ކަމެކެވެ. ހިތް ނިޔަތް ސީދާކޮށްގެން ކުރެވޭ ކަމެކެވެ. އަދި އެކަން ކުރަން ހިތުގެ އަޑިން ބޭނުންވެގެން ކުރެވޭ ކަމެކެވެ. 

އިޚްލާޞްތެރިކަމާއިއެކު ތައުބާވާ މީހަކަށްވެސް އިތުރު ފާފައެއް ކުރެވިދާނެއެވެ. މިޒަމާނުގެ ބަހުރުވައިންނަމަ "ރިޕީޓަރަކަށް" ވެވިދާނެއެވެ. އިންސާނުން ކަމަށްވުމުންނެވެ. ނަމަވެސް ބުނަން ހެއްޔެވެ! އިޚްލާޞްތެރިކަމާއިއެކު ތައުބާވާ މީހުން "ރިޕީޓަރުން" ތެރޭގައި މަދުވާނެއެވެ. 

"މިއަޅާ ތައުބާ ވެއްޖައީމެވެ! މިއަޅާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވާނދޭވެ!" ދުލުން ބުނެލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވާކަމަށް ބުނާއިރު، ތައުބާވާން ބޭނުން ކަމަށް ބުނާއިރު އެމިހާގެ ހިތުގައިވާ ކަންކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. މީހާގެ ކިބައިގައި އިޚްލާޞްތެރިކަން ހުރި މިންވަރުވެސް ދެނެވޮޑިގެންވެއެވެ. 

ވީމާ ތައުބާވާން އެދޭ މީހާ ހިތުގެ އެންމެ އަޑީން އެކަމަށް އެދޭށެވެ! ހިތުގެ އެންމެ އަޑީން އެދެވޭ ހިސާބަށް ބިރުވެތިވާށެވެ! އެފަދަ މީޙުންނަށް ﷲ ތަޢާލާގެ ޙަޟްރަތުން މަދަދާއި އެހީތެރިވަންތަކަން އަބަދުވެސް ދާނީ ލިބެމުންނެވެ! 

"ތިއަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުންބޮޑީ، ތިއަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ތިއަބައިމީހުންނީ، ޞާލިޙް  ބައަކުކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަ ވާ މީހުންނަށް، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ." (އިސްރާ: 25) 

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދޭ މީހާ ގިނަގިނައިން ތައުބާވާށެވެ! އިޚްލާޞްތެރިކަމާއިއެކުގައެވެ. އިޚްލާޞްތެރިކަން ނެތިއްޖެ ނަމަ އެކުޅެވެނީ ޑްރާމާއެކެވެ. 

"---- ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠޯހިރު ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (ބަޤަރާ: 222) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން