ކަންދިމާވިގޮތުން އަޅުގަނޑުގެ އެންމެ އެކުވެރިޔާގެ ދެމަފިރިންނަކީ ކުދިކުދި ކަންކަން ކުރިމަތިވުމުންވެސް ޒުވާބެއް ކޮށްނުލައި ހިތްހަމަޖެހޭ ބައެއް ނޫނެވެ. އެކަމުގެ އަސަރު އެމީހުންގެ ދަރިންނަށްވެސް ކޮށްފިއެވެ. ކިރިޔާ ކަމެއްވާއިރަށް އެއްކުއްޖަކު އަނެއްކުއްޖަކާ ޒުވާބުކުރެއެވެ. މަންމައާއި ބައްޕައާއިވެސް ޒުވާބުކުރެއެވެ.
މިކަމަށް އޮތް ޙައްލަކީ ކޮބައިތޯ؟
ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ސީދާ އެދެމަފިރިންގެ މައްސަލައަށް ޖަވާބެއް ދެވޭނީ އިތުރު ތަފްޞީލް ލިބިގެންނެވެ. ތިރީގައި ލިޔުމަކީވެސް މައްސަލައިގެ ބޮޑުކަން އެނގި ފުދޭވަރެއްގެ ޖަވާބެއް ލިބިދާނެ ލިޔުމެކެވެ.
އޭނާގެ އުމުރަކީ އެންމެ 10 ވަރަކަށް އަހަރެވެ. އުމުރުން 10 އަހަރުވީ އިރުވެސް އއަބަދުވެސް އިވެނީ މަންމަ އާއި ބައްޕަކުރާ ޒުވާބުގެ އަޑެވެ. މަންމަ ބުނާނީ އިތުރަށް ފައިސާ ދިނުމަށެވެ. ބައްޕަބުނާނީ ގޭގެ ޚަރަދުތައް ކުޑަކުރުމަށެވެ. ކުއްޖާ ދިއައީ މައިންބަފައިންގެ މިއަރާރުންވުން ހުއްޓުވޭނެ ގޮތެއް ހޯދަން ވިސްނަމުންނެވެ.
އެއީ މަދު ބައަކު ވަރަށް ގާތްގާތުގައި ދިރިއުޅޭ ސަރަހައްދެކެވެ. އެއިގެ ތެރޭގައި ވަރަށް ތަނަވަސް މީހުންވެސް ތިބެއެވެ. އެއްދުވަހަކު ކުއްޖާ ތަނަވަސް މީހެއްގެ ގެއަށް ގޮސް ދޮރުގަ ޓަކި ޖަހާފަ ވަޒީފާއަދާއަކަށް އެދުނެވެ. މުއްސަނދިމީހާއަށް އެކަންވީ ވަރަށް ބޮޑު މައްސަލައަކަށެވެ. އެއީ ކުއްޖާގެ މައިންބަފައިންނާއި އެދެމަފިރިންނަށް ލިބޭ އާމްދަނީވެސް އޭނާއަށް އެނގޭތީއެވެ.
ކުއްޖާ ގޭތެރެއަށް ވެއްދިއެވެ. ފައިސާ ބޭނުންވަނީ ކޮންކަމަކަށްތޯ ސުވާލުކުރުމުން ކުއްޖާ އޭނާއަށް ކުރިމަތިވެފައިވާ މައްސަލަ ކިޔައިދިނެވެ. ކުއްޖާ ބުންޏެވެ. "މަންމަ އާއި ބައްޕަ އެކުރާ ޒުވާބުކުރުން ހުއްޓައިލާނެ ގޮތަކަށް އޮތީ އެމީހުންނަށް ހިތްހަމަޖެހޭ ވަރަށް ފައިސާދިނުމެވެ. ވީމާ އަހަރެން ބޭނުންވަނީ މަސައްކަތްކޮށްގެން ވރަށް ގިނަ ފައިސާ ހޯދާފައި އެމީހުންނަށް ދޭށެވެ."
އެމީހާ ވިސްނާލުމަށްފަހު މޭޒެއް ދައްކާފައި މޭޒުފުހެފައި ދަވާދުލަން ބުންޏެވެ. އަދި އެމަސައްކަތަށް ވަރަށް ގިނަ ފައިސާދޭނެ ކަމަށްވެސް ބުންޏެވެ. އެކުއްޖާ މަސައްކަތްކޮށް ނިންމުމުން ބުނީ އެހައިގިނަ ފައިސާ ވީމާ ހިފައިގެން ކުއްޖާ އާއިއެކު ގެއަށް ގޮސް މަންމަމެންނާއި ޙަވާލުކުރާނީ ކަމަށެވެ. ނޫންނަމަ މަގުމަތިން މީހަކު ފައިސާތައް ޖަހައިގެންފާނެ ކަމަށެވެ.
ގެއަށް ގޮސް ކުއްޖާގެ ކުރިމަތީގައި ަފައިސާބޮނޑިއެއް ދެމަފިރިން އަތަށް ދީފައި ބުނީ ދެމަފިރިންނާ އެކަނި ވާހަކަދައްކާލަން ބޭނުން ކަމަށެވެ. އަދި ކުއްޖާ ކޮޓަރިއަށް ފޮނުވާލާފައި ކުއްޖާ ކިޔައިދިން ވާހަކަތައް ދެމަފިރިންނަށް ކިޔައިދީފައި ކަންކަން އިޞްލާޙްކުރަން ނަޞޭޙަތްދިނެވެ.
އޭނާ ނުކުމެގެން ދިއުމުން ދެމީހުންނަށްވެސް ވިސްނައިލެވުނެވެ. ކުރެވުނު ޒުވާބުތަކާއިމެދުގައެވެ. އެކަމުން ދަރިފުޅަށް ކޮށްފައިވާ އަސަރާއިމެދުގައެވެ. ދެން ކުރިއަށް އޮތްތަނުގައި އެފަދަ ވާހަކައެއް ދަރިފުޅަށް އަޑުއިވޭހިސާބުގައި ނުދެއްކުމަށާއި އެއްވެސް ޒުވާބެއް ނުކުރަން ދެމަފިރިން ޢަޒުމް ކަނޑައެޅިއެވެ.
މިއީ ވަރަށް ކުރުކުރު ވާހަކަކޮޅެއް ނަމަވެސް މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު މިގެނެސްދިނީ ހަމަ މުހިންމުކަން ބޮޑުކަމުންނެވެ. މައިންބަފައިން ޒުވާބުކުރާއަޑު ދަރިންނަށް އިވޭނަމަ އެކުދިންނަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. ކިޔެވުމަށްވެސް ހުރަސްއެލޭނެއެވެ. ރަނގަޅު ތަރުބިއްޔަތެއްވެސް ނުދެވޭނެއެވެ.
ވީމާ މިއީ މައިންބަފައިން ވަރަށް ފުންކޮށް ވިސްނާލަން ޖެހިފައިވާ ކަމެއްކަން ފާހަގަކުރެވޭތީ ހަމަ އެކަން ފާހަގަކޮށްލީއެވެ!
- ސިތާރާ / މިއަދުނޫހުގެ ކިޔުންތެރިއެއް