ކައިވެނިކުރާތަނުން އިސާހިތަކު ބިލާހަކަށްވާ އެންމެ ބޮޑު ސަބަބަކީ ކައިވެނީގެ ކުރިން "ބްލެކްލިސްޓް" ގަ ނަން ލިޔެވޭކަން! އިޞްލާޙްކޮށްފިނަމަ ބޮޑުތަނުން ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކައިވެނިކުރާތަނުން އިސާހިތަކު ބިލާހަކަށްވާ އެންމެ ބޮޑު ސަބަބަކީ ކައިވެނީގެ ކުރިން "ބްލެކްލިސްޓް" ގަ ނަން ލިޔެވޭކަން! އިޞްލާޙްކޮށްފިނަމަ ބޮޑުތަނުން ކާމިޔާބުވާނެ! އިން ޝާ ﷲ

"ތިބާވީ ކޮންމެ ތަނެއްގައި ﷲ ތަޢާލާއަށް ބިރުވެތިވޭށޭ" އޮތްފަދައިން ﷲ ތަޢާލާއަށް ބިރުވެތިވާން ވަކިޢުމުރެއް ނެތެވެ. ބާލިޣްވާ ދުވަހުން ފެށިގެން ބިރުވެތިވާންޖެހެއެވެ. ޤިޔާމަތް ދުވަހު ފުރަތަމަ ޖަވާބުދޭންޖެހޭ ސުވާލުތަކުގެ ތެރޭގައި ޒުވާން ޢުމުރު ހޭދަކުރިގޮތް ހިމެނޭކަން އެއީ މިބުނާބަހުގެ ހެއްކަކަށް ފުދޭނެއެވެ. 

އަހަރެމެން ކުރާ ކޮންމެ ކަމެއްގައިވެސް ހިތްހަމަޖެހުން ލިބުން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަން އަހަރެމެން މިތިބީ ހިތުގެ އަޑިން ޤަބޫލުކޮށްގެންނެވެ. އެކަން ޤަބޫލުނުކުރާ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. 

ބޭންކްތަކަށް ޤަވާއިދުން ފައިސާ ނުދައްކާ ކަސްޓަމަރުންގެ ނަން "ރެޑްބުކް"ގައި ނޯޓުކުރާނެއެވެ. އެހިސާބުން އެމީހަކަށް މާލީ އެހީތެރިކަމެއް ނުލިބޭނެއެވެ. ސްކޫލްގައި އުޅޭއިރު "ބްލެކްލިސްޓް"ގައި ލިޔެވިއްޖެނަމަ  ސްކޫލުން ވަކިކުރާނެއެވެ. 

ﷲ ތަޢާލާގެ ޙަޟްރަތަށް ބެލިނަމަވެސް 2 ދަފްތަރެއްވެއެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅުންގެ ދަފްތަރާއި ކިޔަމަންތެރިނުވާ މީހުންގެ ދަފްތަރެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން އެކަލާނގެއަށް ނުކިޔަމަންތެރިވާ އަޅުންނަށް ހުރިހާ ނިޢްމަތްތައް ކަނޑުއްވަވައެއް ނުލައްވަވައެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ އެމީހަކު ދުނިޔެއަކު ނުހުންނާނެއެވެ. އެއީ ވަރަށް ސާފުކޮށް އެނގެން އޮތްކަމެކެވެ. ނޭވާލުމުގެ ރަޙްމަތުން ބޭރުކުރައްވަވައިފިނަމަ އެމީހަކު ވަގުތުން މަރުވާނެއެވެ.

ކައިވެންޏަށް ބަލައިފިނަމަ މިހާރަކަށް އައިސް މިވާގޮތަކީ ކައިވެނިކުރަނީ ﷲ ތަޢާލާ ކައިވެނީގެކުރިން ނުވަތަ ކައިވެނިނުކޮށް ތިބެގެން ކުރުން ޙަރާމްކުރައްވަވާފައިވާ އެތައް ކަންތައްތަކެއް އެތައް ދުވަހެއްވަންދެން ކުރުމަށްފަހުގައެވެ. އެހެންކަމަށްވެއްޖެނަމަ ތިމާމެންގެ ނަން ލިޔެވިފައިވާނީ ކޮން ދަފްތަރެއްގައިކަމާއިމެދު އެމީހަކު އަމިއްލައަށް ވިސްނައިލާށެވެ! 

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގުން ކުރާ ހުރިހާ ކައިވެނި ޢުމުރުދުވަހަށް ދެމިގެންދާނެކަމަށް ބުނާކަށް ނެތީމެވެ. ކަންކަން ދިމާވާ ގޮތަކުން ކައިވެނި ރޫޅިވެސްދާނެއެވެ. ބައެއް ޞަޙާބީންގެ ކައިވެނިފުޅުތައްވެސް ރޫޅުނެވެ. ނަމަވެސް ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުރިމީހެއްގެ ކައިވެނި ރޫޅުނު ނަމަވެސް އެމީހަކަށް އުފާވެރި ޙަޔާތެއް ދެއްވަވާނެއެވެ. އެއީ ޝައްކެއް އޮތްކަމެއް ނޫނެވެ. 

ތަކުރާރުކޮށްވެސް ބުނަން އޮތީ ކައިވެނިކޮށްގެން ކުރަން ހުއްދަވާ ކަންކަން ކައިވެނިނުކޮށް ނުކުރާށެވެ! ކައިވެނީގައި ބަރަކާތް އިތުރުވާނީ އެއިރުންނެވެ. ރަހްމަތް ލައްވަވާނީވެސް އެއިރުންނެވެ. ދިމާވާގޮތަކުން ކައިވެނި ރޫޅުނަށް ހިތާމަކުރަން ނުޖެހޭނީ އެއިރުންނެވެ. އަދި ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްކުރައްވަވާނީވެސް އެއިރުންނެވެ. ފާފަތަކުން ސަލާމަތްވެހުރުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން