ބައެއް މިސްކިތްތަކުގައި ތަރާވީޙް ނަމާދުކުރަނީ 2 އިމާމުންނެވެ. ތަރާވީޙް ނަމާދުކުރަނީ ވަކި އިމާމެކެވެ. ވިތުރި ކުރަނީ ތަފާތު އިމާމެކެވެ.
ތަރާވީޙް ނަމާދު އިމާމް މީހާ އާއިއެކުގައިކޮށް އިމާމް މީހާ ނިންމަންދެން އިޤްތިދާވެގެން ހުރެއްޖެ މީހަކު މުޅިރޭ އަޅުކަންކުރި ފަދަ ކަމަށް އޮންނައިރު އެ ރަޙްމަތް ލިބޭނީ ވިތުރިކުރާ އިމާމް ނިންމަންދެން އިޤްޠިދާވެގެން ހުރެއްޖެ ނަމަތޯއެވެ. ނޫނީ ތަރާވީޙް ނަމާދުކުރާ އިމާމާއިއެކު ތަރާވީޙްގެ 8 ރަކްޢަތް ފުރިހަމަކުރިނަމަވެސް ލިބޭނެތޯއެވެ؟
ޖަވާބު: 2 އިމާމުން އިމާމްވެ ތަރާވީޙް ޢާއި ވިތުރި ކުރާނަމަ އެކަކު ވާނީ އިމާމުގެ ނައިބަކަށެވެ. އެހެންވީމާ ގިނަ ޢިލްމުވެރިން ވިދާޅުވަނީ ރަނގަޅު ގޮތަކީ ތަރާވީޙް ނަމާދުގެ 8 ރަކްޢަތް ކޮށްފައި ވަކިނުވެ ވިތުރިވެސް ކުރުން ކަމަށެވެ. މާނައަކީ އެންމެ ރަނގަޅު ގޮތަކީ ދެ އިމާމުން ނިންމަންދެން މަޑުކުރުމެވެ. ތަރާވީޙް ނަމާދަކީވެސް ރޭއަޅުކަމެވެ. ރޭއަޅުކަން ފުރިހަމަވާނީ ވިތުރި ކުރުމުންނެވެ.
- ޖަވާބު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު