އެންމެ މުހިންމު ދަތުރަށް ތައްޔާރުވާން ހަނދާންކޮށްނުދޭނަމަ އެއީ އެކުވެރިންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
އެންމެ މުހިންމު ދަތުރަށް ތައްޔާރުވާން ހަނދާންކޮށްނުދޭނަމަ އެއީ އެކުވެރިންހެއްޔެވެ؟

މީސްތަކުންނޭވެ! އިސްލާމް ދީން ފެށިގެން އައި ދުވަސްވަރަށް ވިސްނައިލާށެވެ! މިބުނަނީ ޞަޙާބީންގެ ޒަމާނުގެ ވާހަކަތަކެވެ. އެބޭކަލުން އެންމެ ގިނައިން ދައްކަވައި އުޅުއްވެވީ މަރުވުމުގެ ވާހަކަތަކެވެ. ޢާޚިރަތް ދުވަހުން ސަލާމަތް ވެވޭނެ ކަމާއިމެދު ބިރުވެތިވެވަޑައިގަންނަވާ ކަމުގެ ވާހަކަތަކެވެ. އެކަމުން އެނގިގެންދަނީ އެބޭކަލުންގެ ހިތްޕުޅުގައި ނަރަކައަށް އޮތް ބޮޑު ބިރުވެރިކަމެވެ. ސުވަރުގެ ލިބިވަޑައިގަތުމަށް އެދިވަޑައިގެން ތިއްބެވި މިންވަރެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެ ކަމަށް ކަންބޮޑުވެވަޑައިގެންނެވި މިންވަރެވެ. 

މިގޮތަށް ވިސްނައިލަމާހެއްޔެވެ؟ ދަތުރަކުދާން އުޅޭނަމަ އެދަތުރުގެ ވާހަކަ ވަރަށް ކުރިއާލައި ދައްކަމުއެވެ. ދަތުރަށް ފުރިހަމައަށް ތައްޔާރުވަމުއެވެ. ދަތުރުގެ ބައިވެރިން އެކަކު އަނެކަށް ގުޅައި އެކަމުގެ ވާހަކަތައް ދައްކަމުއެވެ. މިހެންގޮސް ދަތުރަށް ތައްޔާރުވާން އެތައް ބައިވަރު ކަންތައްތަކެއް ކުރަމުއެވެ.  

އެހެންކަމާއިއެކުވެސް އިންސާނާއަށް ކުރަންޖެހޭ އެންމެ މުހިންމު ދަތުރުގެ ވާހަކަދައްކަން މިތިބެނީ ފަސްޖެހިގެންނެވެ. ފުރަންޖެހޭއިރުވެސް އެދަތުރަށް ތައްޔާރެއް ނުވެވެއެވެ. އެދަތުރަށް ތައްޔާރުވާނަ ހަނދާންކޮށްދޭ އެކުވެރިންވެސް ހަމައެހައިމެމަދެވެ. މިދައްކަނީ ދުނިޔެ ދޫކޮށް އާޚިރަތަށްކުރާ ދަތުރުގެ ވާހަކައެވެ. މަރުވުމުން ފޭށޭ ދަތުރުގެ ވާހަކައެވެ.  

އާޚިރަތް ދުވަހުގެ ސަލާމަތްކަމަށް އެދޭނަމަ ގިނަގިނައިން މަރުގެ ވާހަކަދައްކަން ޖެހޭނެއެވެ. މަރުވުމުން ދެން ކަންތައްތައް ވެދާނެ ގޮތުގެ ވާހަކަތައް ދައްކަންވާނެއެވެ. ކޮންމެ ވަގުތަކު ނަމަވެސް މަރާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުވެރިކަން ހިތުގައި ބާއްވަންވާނެއެވެ! ތިމާ ދުނިޔޭގައި ހުރެ ކުޅަ އަމަލުތައް މީޒާނުގައި ކިރައިލެވޭނެ ވަގުތު ކަންތައްތައް މެދުވެރިވެދާނެ ކަމާއިމެދު އަބަދުވެސް ހުންނަންވާނީ ބިރުންނެވެ. އެ ބިރުވެރިކަން ހިތަށް ނުގެންނަ މީހަކީ ސަލާމަތް ކަން ލިބުމާއި ދުރު މީހެއްކަމަށް ބުނެވިދާނެއެވެ! އެހެނީ އެފަދަ މީހުންގެ ޢަމަލުތައް ގިނައިން ހުންނާނީ ﷲ ތަޢާލާ އަންގަވާއިވާ ގޮތާއި ދުރުގައިކަމަށްވާތީއެވެ!  

ދުނިޔެއަށް އާދެވުމަށްފަހު އެންމެ ޔަޤީންކަން ބޮޑު ކަމަކީ މަރުވާނެކަން ނަމަވެސް އެކަމުގެ ވާހަކަތައް ދައްކަން ބޭނުންނުވާ މީހުން ވަރަށްގިނައެވެ. ހަމައެކަނި ވަރަށް ގިނައީ އަކީއެއް ވެސް ނޫނެވެ. މަރުވުމުގެ ވާހަކަތައް ދައްކަން ބޭނުންވަނީ ވަރަށް މަދު މީހެކެވެ. ދައްކަނީ ވަރަށް މަދު މީހެކެވެ. 

މިހެން މިކަން މެދުވެރިވާ ފުރަތަމަ ސަބަބަކީ ދުނިޔެއާއިމެދު ޣާފިލުވެވިފައި ތިބޭވަރު ބޮޑުކަމުންނެވެ. އަވަހަކަށް މަރުނުވާނެ ކަމަށް އޮންނަ ޔަޤީންކަން ބޮޑުކަމުންނެވެ. ދެވަނަ ސަބަބަކީ ތިމާއަށް ދިރިއުޅެވެމުން މިގެންދެވެނީ މަރަށް ތައްޔާރުވާން ކުރަން ޖެހޭ ކަންކަން ނުކުރެވިކަން ތިމާއަށް ޤަބޫލުކުރެވޭތީއެވެ. އަމަލުތައް އިޞްލާޙް ކުރުމަށްފަހު ދައްކަން މަޑުކުރެވޭތީއެވެ.  

ތިންވަނަ ސަބަބެއްވެސް އޮވެއެވެ. އެއީ މަރުގެ ވާހަކަ ދެއްކުމުން އަނެކާގެ ހިތަށް ބިރުވެރިކަން ވަދެ އެމީހާގެ ކިބައިން ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންތައްތަކެއް ޙާޞިލު ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުންނެވެ. މާނައަކީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންތައްތަކެއް އަނެކާގެ ކިބައިން ޙާޞިލުކުރުމަށް އެދެވޭތީއެވެ. މި މައްސަލަ ނުވަތަ މި ދަހިވެތިކަން އެންމެ ބޮޑަށް އޮންނަނީ ކައިވެންޏާއި ނުލައި ލޯބިވެރިންގެ ނަމުގައި އެކުގައި އުޅޭ ޒުވާނުންގެ މެދުގައެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސްކުން

 

މިއަދު އޮންލައިން