ލޮބުވެތި އަޚުންނާއި އުޚްތުން. ރޯދަމަހަށްޓަކާ އަޅުގަނޑުމެން ސޭވްކުރަންޖެހޭ. އަޅުގަނޑުމެންގެ ރުފިޔާ، ފައިސާ. އަޅުގަނޑުމެންގެ ބެންކް އެކައުންޓް ބޮޑުކުރާކަށްނޫން. ނޫނީ ރަމަޟާންމަހުގައި ކާޑުގެ ބާވަތްތަކާއި ކެއުމާއިބުއިމުގެ ސާމާނާ ވަނަވަރުތައް ގިނަކުރާކަށްވެސް ނޫން.
ޢާއްމު މޫސުމުގައި ޞަދާޤާތް ކުރުމާ ޚައިރާތު ކުރުމުގެ ސަވާބަށްވުރެ ރަމަޟާންމަހުގެ ސަވާބާއި ޚައިރާތުގެ ސަވާބު އެތައްގުނައެއް އިތުރު. ކޮންމެ ހެޔޮކަމެއްވެސް ރަމަޟާންމަހުގަ އެތައް ގުނައެއް އިތުރުވާފަދައިން ޞަދަޤާތާ ޚައިރާތަކީ ވަރަށްބޮޑު ހެޔޮކަމެއް. އެހެންވީމަ ރަމަޟާންމަހުގެ ކޮންމެދުވަހަކު ޞަދަޤާތް ކުރެވޭތޯބަލަމާ ހިނގާ. އެވަރުނުވިޔަސް ކީއްވާނީ. ދޭތެރެއަކުން ޞަދަޤާތް ކޮށްލެވޭތޯ، އެހެން މޫސުމަށްވުރެ ގިނައިން. ޚައްސަކޮށް ފަހުދިހައެއްގަ ކޮންމެ ރެއަކު ޞަދަޤާތް ކުރެވޭތޯ ބަލަމާ ހިނގާ. ލައިލަތުލް ޤަދްރިވިލޭރޭ ގެއްލި ނުދާނެ އޭރުން އިންޝާﷲ އެއަހާސް މައްސަރަށްވުރެ ގިނަދުވަހު ޞަދަޤާތް ކުރިކަމުގެ ސަވާބާއި ދަރުމަ އެ ނިޔަތް ﷲ ސުބުޙާބަހޫ ވަތަޢާލާ ޤަބޫލުކުރައްވާ ސަވާބު ދެއްވާނެ. އެހެންވެ އަޅުގަނޑުމެން ސޭވް ކުރަންވީ. އެހެންވެ އަޅުގަނޑުމެން ރޯދަމަހުގެ ޚަރަދު ކުޑަކުރަންވީ. އެހެންވެ އަޅުގަނޑުމެން އަޅުގަނޑުމެންގެ ފައިސާ ރައްކާ ކޮށްގެން އަޅުގަނޑުމެންގެ މުސްލިމު އަޚުންނާއި އުޚްތުންނަށް ހިއްސާ ކޮށްލަންވެގެން.
އަޅުގަނޑުމެންގެ ވަރަށްގިނަ އަޚުންނާއި އުޚްތުން ދަތި ހާލުގަ އެބައުޅޭ. އެ ދަތިހާލު އަޅުގަނޑަކަށް ނޭންގެ ސިފަކުރާކަށް. އެދަތިހާލު އަޅުގަނޑުމެން އެކަކަށްވެސް ނޭންގޭނެ ރަނގަޅަށް ކިޔާދޭކަށް އެކަން. އެހެންނަމަވެސް ބައެއް ވީޑިއޯތައް ބައެއް ވާހަކަތައް ފެނޭ އަޅުގަނޑުމެންނަށް. އިވޭ އަޅުގަނޑުމެންނަށް. އެ ފެނުނީމަ އަޅުގަނޑުމެން ހިތެއް އޮތް މީހަކު ލަދުގަންނާނެ ކައިބޮއެ ހަދަން. ހިތެއް އޮތްމީހަކު ލަދުގަންނާނެ ރުފިޔާ ތަޅާބުރުވަން. އަދިވެސް މީހުން އިސްރާފުކޮށް ހިތުހުރި ގޮތަކަށް ލާރި ހޭދަކޮށްހަދަނީ. އަޅުގަނޑުގެ ޟަމީރު ޤަބޫލުކުރަނީ އެމީހުންގެ ޟަމީރު މަރުވެފައިވާތީއޭ. އެހެންނޫންނަމަ އަޅުގަނޑުމެންގެ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އަޅުގަނޑުމެންގެ ކޮފީގެ އަދަދު މަދުކޮށްލާފަ އޭގެން ހިއްސާއެއް ދޭން އަޅުގަނޑުމެންގެ ހިތް ރުހޭނެ އެހެންނޫންތޯ. ނޫނީ އެކަމަށް އަހައްމިއްޔަތުކަން ދެވޭނެ. މި މާތް މައްސަރަކީ ލޮބުވެތި އަޚުންނާއި އުޚްތުން ހޭދަކުރުމުގަ އެންމެ މާތް މައްސަރު.
މާތް ނަބިއްޔާ ޢަލައިހިއް ޞަލާތު ވައްސަލާމްއާ މެދުގާ އަސްޙާބު ބޭކަލުން ވިދާޅުވަނީ އެކަލޭގެ ފާނަކީ -- " އެންމެ ދީލަތި އިންސާނާއޭ، ޚާއްސަކޮށް" --" ރަމަޟާންމަސް އައިއްސިނަމަ" ---- "ގަދަވައިރޯޅިއަކަށްވުރެވެސް އެކަލޭގެފާނު މާ ދީލަތިވެގެންވޭ. އެއްވެސް އެއްޗެއް ރައްކާ ނުކުރައްވާ ނުހިފަހައްޓަވައޭ، ބައްސަވާ ދެއްވަވަނީއޭ. ﷲ އަކްބަރ ކޮންފަދަ ރިވެތި ނަމޫނާއެއްތޯ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ.
އަޅުގަނޑުމެންގެ ސަޤާފަތް އެހާ ރަނގަޅެއް ނޫން. ކެއުމާ ބުއިމުގެ ސަޤާފަތް، އަޅުގަނޑުމެންގެ ރޯދަމަހުގެ ތަރާވިސް ސަޤާފަތް. އެއީ ތަރާވީހް، ބައެއް ވަރަށް ގިނަ މީހުން ނަމާދަކަށް ނޫން ކިޔަނީކީއެއް. މީހުން ނަމާދުކުރީމަ ދެން ރަނގަޅަށް ކެއުމަކަށް މި ކިޔަނީ. ބޮޑެތި ޕާޓީތަކާ ކުޅިވަރުތަކާ ސަކަރާތާ މަޖަލަށް.
- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން