އެއްވެސް މުސްލިމަކަށް ބަރަކާތްތެރި ރަމަޟާން މަހުގެ މާތްކަން އެއްވެސް ވަރަކަށް އޮޅިފައެއް ނުވާނެއެވެ. ރަމަޟާން މަހުގެ މާތްކަމާއިބެހޭ ގޮތުން އެކިއެކި ދަރުސްތަކުގައި ވަރަށް ގިނަ ވާހަކަތައް ދެކެވިއްޖެއެވެ.
މިރޭ ފާހަގަކޮށް މިލަނީ ކިތަންމެ ބޮޑަށް މަސައްކަތްކޮށްގެން ނަމަވެސް ރަމަޟާން މަހު ޙާޞިލް ކުރަން މަސައްކަތް ކުރަންޖެހޭނެ 6 ކަމެކެވެ.
އެއީ:
1 ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުން
2 ޤުރްއާނާއި ގުޅުން ބަދަހިކުރުން
3 އީމާންކަން ތާޒާކޮށް ވަރުގަދަކުރުން
4 އެހެން މުސްލިމުންނާއި ގުޅުން ބަދަހިކުރުން
5 ފާފަފުއްސަވައިދެއްވަވާނެ އަޅަކުކަމުގައިވުން
6 ނަފްސް ޠީހިރުކޮށް ފުރާނައަށް ދިރުން ހޯދުން
ރަމޟާން މަސް އެމީހަކާއި ބައްދަލުކޮށް މަސް ނިމިގެންދާއިރު މި ލަނޑުދަނޑިތައް ޙާޞިލް ނުކުރެވުނު ނަމަ އެމީހަކު އެވަނީ ފޭލްވެފައެވެ. ވީމާ ރަމަޟާންމަހާއި ކުރިމަތިލާންޖެހޭނީ މި ލަނޑުދަނޑިތައް ޙާޞީލްކުރެވޭނެ ގޮތްތަަކަސް ވިސްނައިގެންނެވެ. ވަގުތުތައް ބަހާލައި ކަންކަން ތާވަލުކުރަންވާނީ އެކަމަށް ސަމާލުކަންދީގެންނެވެ.
އިންސާނުންނަކީ އެމީހުން ކުރާ ކަންކަން އަބަދުވެސް އެންމެ ރަނގަޅުގޮތުގައި ކުރަން މަސައްކަތްކުރަން ޖެހޭނެ ބައެކެވެ. ކަންކަން ކުރުމުގައި ފަރުވާކުޑަކުރެވޭ ބައެކެވެ. ޢަމަލުތައް ދުވަހުން ދުވަހަށް ތާޒާކުރަންޖެހެނީ އެސަބަބުތަކަށްޓަކައެވެ.
ރަމަޟާން މަހަކީ އެކަމަށް ޚާއްޞަ މައްސަރެވެ. އަހަރުދުވަސްވެގެންދާއިރު ތިމާގެ ނަފުސުން އުނިވެފައިވާ ކަންކަން ތާޒާކޮށްލައި އަލުން ދިރުން ލިބިގަންނަން އޮތް މައްސަރެވެ. ރަމަމާން މަސް އެހައި މާތް ކުރައްވަވައި އެމައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ދީނުގައި އޮތީވެސް އެ ސަބަބަށްޓަކައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން