ހަނދުމަކޮށްދިނުމެއް! ހަމައެކަނި ރަމަޟާންމަހު މުސްލިމަކަށްވެފައި އެހެން މަސްތަކުގައި ދީން މުގުރައިގެން ހުއްޓާ މަރުވެއްޖިއްޔާ ވާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ހަނދުމަކޮށްދިނުމެއް! ހަމައެކަނި ރަމަޟާންމަހު މުސްލިމަކަށްވެފައި އެހެން މަސްތަކުގައި ދީން މުގުރައިގެން ހުއްޓާ މަރުވެއްޖިއްޔާ ވާނީ ކިހިނެއް؟

ރަމަޟާން މަހަށް ޚާއްޞަކޮށް މަހުގެ ފުރަތަމަ 20 ވަރަކަށް ދުވަހަށް މުސްލިމަކަށްވެފައި އެއިގެ ފަހުން އަންނަ ބަދަލުގެ ސަބަބުން އެމީހަކާއިމެދު ސުވާލު އުފައްދަނީ ހަމައެކަނި ދީނީޢިލްމުވެރިންނެއްވެސް ނޫނެވެ. ހެޔޮލަފާ، އެކަމަށް ވިސްނާ މީހުންވެސް ސުވާލު އުފައްދައެވެ.  

ހަމައެކަނި ރަމަޟާންމަހު ނުވަތަ މަހުގެ ފުރަތަމަކޮޅު ޖަމާޢަތުގައި ނަމާދުކޮށްލުމަކުން ނުފުދެއެވެ. އެކަން ހުރިހާ މުސްލިމުންނަށްވެސް ވިސްނޭނެއެވެ. އެނގޭނެއެވެ. މިއަހަރަކީ އެނުބައި ޢާދަ ބަދަލުކޮށްލާ އަހަރުކަމުގައި ހެއްދެވުން ކީއްތޯއެވެ؟ ރަމަޟާން މަހު ޖަމާޢަތުގައި ނަމާދުކުރަން ދެއްވާ ސަމާލުކަން އަބަދުވެސް ދެއްވުން ކީއްތޯއެވެ؟ މަރަށް ތައްޔާރުވެ ހުންނަން ކުރަންޖެހޭ ފުރަތަމަ ކަމަކީވެސް ނަމާދު ޤާއިމުކުރުން ކަމުގައިވާތީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

"އޭނާއަކީ ޢާންމުކޮށް މިސްކިތުގެ ޖަމާއަތަށް ނަމާދަށްދާ މީހެކެވެ. ރަމަޟާން މަހެއްގެ ފުރަތަމަ ދުވަހު މެންދުރުވަގުތު ބަންގިގޮވުމުން އޭނާ އާދައިގެމަތިން ނަމާދަށް ދިއައިރު މިސްކިތް އޮތީ ފުރިބާރުވެފައެވެ. ޖާގަތައް ފުރިފައެވެ. ޖެހުނީ ބޭރަށް ނުކުންނާށެވެ.  

ބޭރަށް ނުކުމެފައި އޭނާއަށް ބުނެވުނެވެ. "މިއަހަރުގެ ފާއިތުވި 11 މަސްދުވަހު މިސްކިތް އޮތީ ފަލުވެ ހުހަށެވެ. ފުރެނީ އެންމެ 4، 5 ސަފެވެ. އަޅެ މިއެންމެން އެއިރު ކޮބައިބާވައެވެ!"  

ރަމަޟާން މަހު މިސްކިތްތަކުގެ ޖާގަތައް ފުރެނީ ގިނަބައަކު ޖަމާޢަތަށްދާން ބޭނުންވާތީ ކަމަށް ބުނިނަމަވެސް އެއީ އެހައި ބޮޑަށް ޤަބޫލުކުރެވެން އޮތް ވާހަކައެއް ނޫނެވެ. ރަމަޟާން މަހުގެ 20، 25 ހިސާބުން ފެށިގެން މިސްކިތަށް އެއްގޮތަކަށްވެސް ނާރާ މީހުން މަދެއް ނޫނެވެ. މިއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.  

މިކަން ފާހަގަކޮށްލަން އަޅުގަނޑު ހިތަށް އެރީ މިއަދުނޫހުގައި ޝާއިޢުކުރި ތިރީގައިވާ ލިޔުން ކިޔާފައެވެ. ނަމާދު ނުކުރީމާ އެމީހާގެ އިސްލާމްކަމެއް ނެތެވެ. ނަމާދުނުކޮށް ގިނަ ދުވަސްތަކެއް ފާއިއތުވެއްޖެނަމަ އަލުން ދީނަށް ވަންނަން ޖެހޭ ކަމަށް ޑރ. އިޔާޟް ވިދާޅުވެފައި އޮތް ލިޔުމެއް ތަންކޮޅެއް ކުރިން މިއަދުނޫހުން ވަނީ ކިޔާފައެވެ.  

އަޅުގަޑުގެ ކަންބޮޑުވުމަކީ ރަމަޟާން މަހު ނަމާދުކޮށްފައި ދެން އޮތް 11 މަސްދުވަހު ނަމާދުނުކޮށް ހުއްޓާ އެމުއްދަތުގައި (އެ 11 މަސްތެރޭގައި) އޭނާ މަރުވެއްޖެނަމަ ދެންވާނެ ގޮތެކެވެ. އެމީހާ އެމަރުވީ ދީން މުގުރާލައިގެން ހުރި މީހެއްގެ ގޮތުގައިކަމަށް އޮތީތީއެވެ. " އަޅާޔާ ކުފުރާ ދޭތެރޭގައި ތަފާތު ކޮށްދޭ ކަމަކީ ނަމާދު، އާދެ ދީނުގެ ތަނބަކީވެސް ނަމާދު، ނަމާދު ޤާއިމްކޮށްފި ކަމަށް ވަނީނަމަ އެމީހަކު ދީން ޤާއިމްކޮށްފިކަމަށް އޮންނަނީ، އާދެ ނަމާދު އަޅައިފިކަމަށް ވަނީނަމަ ދީން މުގުރައިލައިފި ކަމަށް!" 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

ސުވާލު:. ނަމާދު ނުކޮށް ކުރާ މަސައްކަތުން ލިބޭ އާމްދަނީ ޙަލާލުވާނެތޯ؟

 

ޖަވާބު:. އާދެ! ނަމާދަކީ އެއީ އެންމެ މުހިންމު ކަންތައް! ޙަޤީޤަތުގައި އިނގޭތޯ އެއީ އަޅާޔާ ކުފުރާ ދޭތެރޭގައި ތަފާތު ކޮށްދޭ ކަމަކީ ނަމާދު، އާދެ ދީނުގެ ތަނބަކީވެސް ނަމާދު، ނަމާދު ޤާއިމްކޮށްފި ކަމަށް ވަނީނަމަ އެމީހަކު ދީން ޤާއިމްކޮށްފިކަމަށް އޮންނަނީ، އާދެ ނަމާދު އަޅައިފިކަމަށް ވަނީނަމަ ދީން މުގުރައިލައިފި ކަމަށް!

 

 އެހެންވީމައި ނަމާދު އަޅާފައި ހުރުމަކީ އެއީ އެއްވެސް ސަބަބެއް އޮވެގެން ކަމުގައި ވީނަމަވެސް އަދި ސަބަބެއް ނެތިގެން ކަމުގައި ވީނަމަވެސް ނަމާދެއް ދޫކޮށްލުން އެއީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއްނޫން،

 

ދެން މިސާލަކަށް މީހަކު ނަމާދު އަޅާފައި މަސައްކަތް ކުރީ މަސައްކަތް ކުރިކަމުގައި ވީނަމަވެސް އޭނާ އެކުރާމަސައްކަތުން ލިބޭ އާމްދަނީ މަސައްކަތް އެއީ ރަނގަޅު މަސައްކަތަކަށްވެފައި އެމަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި އެނާއަށް ލިބޭ އާމްދަނީ އަކަށް އެއަކުން އަސަރެއް ނުކުރާނެ.

 

އަދި ނަމާދު އަޅައިފައި މަސައްކަތް ކުރިއެއްކަމަކުވެސް އެހެނެއްކަމަކުވެސް އޭނާ ނަމާދު އެޅި އެޅުން އެއީ ވަރަށްބޮޑު ފާފައެއް، ޙަޤީޤަތުގައި ނަމާދު އެޅުމުގެ ސަބަބުން އޭނާ ދީނުން ބޭރުވާވަރުގެ ކަމެއް ކަމަކީ، އެހެންވީމައި އެކަހަލަކަންތައްތައް ތަކްރާރުނުކުރުމަށް ނަޞޭޙަތްތެރިވަން.

 

-- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން